ބ. ހިތާދޫ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ވީ ވައުދު ނުފުއްދި ދިގުލައިގެންދާތީ ކައުންސިލުގެ ކަންބޮޑުވުން!
20 ސެޕްޓެމްބަރު 2026 | އާދީއްތަ 08:09ބ. ހިތާދޫގެ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުން ލަސްވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މަސައްކަތް އަވަސްކޮށްދިނުމަށް ކައުންސިލުން ގޮވާލައިފި. މި މަޝްރޫއު ފެށުމަށް ބޭނުންވާ ހުއްދަތައް ނުލިބިގެން މަސައްކަތް ހުއްޓިފައިވާކަމަށް އެމްޓީސީސީން ބުނާއިރު، މީހުން ދިރިއުޅޭ ސަރަހައްދަށް މި މައްސަލައިގެ ނުރައްކާ މިހާރު ވަނީ ބޮޑުވެފައި

ބ. ހިތާދޫ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ވީ ވައުދު ނުފުއްދި ދިގުލައިގެންދާތީ ކައުންސިލުގެ ކަންބޮޑުވުން! | ރާއްޖެ ޓީވީ
ބ. ހިތާދޫގެ ރަށްގިރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެ، ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ ކައިރި ހިސާބުތަކަށްވެސް އެ މައްސަލައިގެ އަސަރު ފޯރަމުންދާތީ އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެ ރަށު ކައުންސިލުން ސަރުކާރަށް ގޮވާލައިފި އެވެ.
ހިތާދޫގެ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބިން ހިއްކުމަކީ މިހާރުގެ ސަރުކާރުން ވެފައިވާ ވައުދެކެވެ.
މި މައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ހިތާދޫ ކައުންސިލުން ބުނީ، ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ ވަރަށް ކައިރި ހިސާބުތަކުން މިހާރުވެސް ބާރުމިނުގައި ރަށް ގިރަމުންދާ ކަމަށެވެ.
މިކަމުގެ ސަބަބުން ރަށުގެ އުމްރާނީ ވަސީލަތްތަކަށާއި އާންމުންގެ މުދަލަށް ގެއްލުންވެދާނެ ކަމުގެ ބިރު އޮތުމުން، އައު ކައުންސިލުން މަގާމާ ހަވާލުވުމަށްފަހު މިއަހަރުގެ މެއި މަހުގެ ތެރޭގައި ހައުސިންގ މިނިސްޓްރީއަށް ސިޓީއެއް ހުށަހަޅައި، މި މައްސަލަ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ކައުންސިލުން ބުނެ އެވެ.
މީގެ އިތުރުން، މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީއަށް ބޭނުންވާނެ ހުރިހާ މައުލޫމާތެއް ކައުންސިލުން ވަނީ ފޯރުކޮށްދީފަ އެވެ. އަދި މިދިޔަ ޖުލައި މަހު ކައުންސިލުން މާލެއަށް ކުރި ދަތުރުގައި ހައުސިންގ މިނިސްޓްރީގެ އިސްވެރިންނާއި، މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީއާ ބައްދަލުކޮށް މަޝްވަރާކޮށްފައިވެ އެވެ. އެ ބައްދަލުވުމުގައި އެމްޓީސީސީން ބުނެފައިވަނީ، މަސައްކަތް ނުފެށި ލަސްވަނީ މިނިސްޓްރީގެ ފަރާތުން ލިބެންޖެހޭ ހުއްދަތައް ނުލިބިގެން ކަމަށެވެ.
ނަމަވެސް، އެ ދުވަސްވަރު ހައުސިންގ މިނިސްޓްރީން ކައުންސިލަށް ޔަގީންކަން ދީފައިވަނީ ވަރަށް އަވަހަށް އެ މަސައްކަތް ފަށައިދޭނެ ކަމަށެވެ. އޭގެ ފަހުން އޯގަސްޓު މަހުގެ ތެރޭގައި މަސައްކަތުގެ އަޕްޑޭޓެއް ހޯދުމަށް ކައުންސިލުން މިނިސްޓްރީއަށް ގުޅުމުން، ދެ ހަފްތާގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް ބުނެފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.
އެހެންނަމަވެސް، އެ މުއްދަތު ފާއިތުވެ އެތައް ދުވަހެއް ވެގެން ދިޔައިރުވެސް، އަމަލީ އެއްވެސް މަސައްކަތެއް ފެށިފައި ނުވާތީ ރަށުގެ ރައްޔިތުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.
ހިތާދޫ ކައުންސިލުގެ އެދުމަކީ، ރަށުގެ ބިމަށް ލިބެމުންދާ ގެއްލުންތައް ހުއްޓުވުމަށްޓަކައި، ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ވީހާވެސް އަވަހަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމައިދިނުމެވެ. ރަށްގިރުމުގެ މައްސަލައަކީ ހިތާދޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާތީ، މިކަމުގައި ސަރުކާރުގެ އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ކައުންސިލުން އެދެ އެވެ.











