ހިތާދޫ ބިން ހިއްކުން: މަސައްކަތް ފެށީ ކައުންސިލު އިންތިޚާބަށް 4 ދުވަހަށްވެފައި ވަނިކޮށް، އިންތިޚާބުން ބަލިވި ހިސާބުން މަސައްކަތް ހުއްޓިއްޖެ!
16 ސެޕްޓެމްބަރު 2026 | ބުދަ 04:10ބ. ހިތާދޫ ބިން ހިއްކުމުގެ މަޝްރޫއު ފެށިތާ ފަސް ދުވަސް ތެރޭގައި ހުއްޓިފައިވާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. އެމްޓީސީސީން ބުނާގޮތުގައި މަސައްކަތް މެދުކެނޑުނީ އީއައިއޭ ރިޕޯޓު ފުރިހަމަ ނުވާތީ. ނަމަވެސް، އިންތިޚާބާ ދިމާކޮށް ފެށި މި މަޝްރޫއު ހުއްޓުމުން ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުން

ހިތާދޫ ބިން ހިއްކުން: މަސައްކަތް ފެށީ ކައުންސިލު އިންތިޚާބަށް 4 ދުވަހަށްވެފައި ވަނިކޮށް، އިންތިޚާބުން ބަލިވި ހިސާބުން މަސައްކަތް ހުއްޓިއްޖެ! | ރާއްޖެ ޓީވީ
ބ. ހިތާދޫގައި ރައްޔިތުންނަށް މުހިއްމު ބިން ހިއްކުމުގެ މަޝްރޫއު ހުއްޓިފައިވާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މި މަޝްރޫއަކީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި މަސައްކަތް ފަށަން ވެފައި އޮތް ވައުދެކެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އޭރު އެ ރަށަށް ވަޑައިގެން މި މަސައްކަތް ފައްޓަވާނެކަމުގެ ވައުދު ވެވަޑައިގެންފައިވެ އެވެ. ނަމަވެސް ސަރުކާރަށް މި މަސައްކަތް ފެށޭވަރުވީ މި އަހަރުގެ އޭޕްރީލް މަހުގަ އެވެ.
ހިތާދޫ ކައުންސިލުން ރާއްޖެޓީވީއާ ހިއްސާކުރި މައުލޫމާތުގައިވާގޮތުން މަސައްކަތް ފެށީ ލޯކަލް ކައުންސިލު އިންތިޚާބަށް އެންމެ ހަތަރު ދުވަހަށް ވެފައި އޮއްވަ އެވެ. އަދި މަސައްކަތް ފެށުމަށްފަހު އިންތިޚާބުން ސަރުކާރު ބަލިވި ހިސާބުން މަސައްކަތް ހުއްޓިއްޖެ އެވެ. މަސައްކަތް ކުރިއަށް ދިޔައީ ވެސް ހަމައެކަނި ފަސް ދުވަހެއްހާ މުއްދަތަށެވެ.
މި މަސައްކަތް ހުއްޓިފައި އޮތް ސަބަބު ސާފުކުރުމަށް އެމްޓީސީސީއާ ސުވާލު ކުރުމުން އެ ކުންފުނިން ބުނެފައިވަނީ އީއައިއޭ ނުހެދޭތީ މަސައްކަތް ހުއްޓިފައި އޮތްކަމަށެވެ. އީއައިއޭ އަކީ ތިމާވެށްޓަށް ކުރާނެ އަސަރު ދެނެގަތުމަށް ހަދާ ރިޕޯޓެކެވެ.
ހިތާދޫ ކައުންސިލުން ފާހަގަކުރި ގޮތުގައި މިއީ މި ވަގުތުން ވަގުތަށް ވެސް ރައްޔިތުންނަށް މުހިއްމުވެފައިވާ މަޝްރޫއެކެވެ. ރަށުގައި ބިން ހިއްކުމުގެ މަސައްކަތަކީ ރައްޔިތުން ދިގު މުއްދަތަކަށް އެދިފައިވާ ކަމެކެވެ.
މި މަޝްރޫއު ވައުދުވި ގޮތަށް ފުރިހަމަނުވުމުން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، މަސައްކަތް ފެށުމުގައި ލަސްވުމާއި މަސައްކަތް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވެފައިވާ ކަމެކެވެ.











