އީގަލް ހިލްސް ކުންފުނީގެ ވެރިޔާ އަލައްބާރު، މާދަމާ ޕީއެންސީގެ ޕާރލިމެންޓަރީ ގުރޫޕުގެ މެންބަރުންނާއި އަދި ސަރުކާރުގެ ވަޒީރުންނާ ފޭދޫފިނޮޅުގައި ބައްދަލުކުރައްވަނީ!
7 އޮކްޓޯބަރު 2026 | ބުދަ 17:07ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ އަލައްބާރު ރާއްޖެ ވަޑައިގެން، ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫއާ ގުޅޭގޮތުން ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ މެންބަރުންނާއި ސަރުކާރުގެ ވަޒީރުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި. މި މަޝްރޫއަށް ރަސްމާލެއިން ބޮޑު ބިމެއް ދިގު މުއްދަތަކަށް ދީފައިވާތީ އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އެއްބަސްވުމުގެ ބައެއް މާއްދާތަކަށް ގެނައި ބަދަލުތަކާ ގުޅިގެން ވެސް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން


ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން | އީގަލް ހިލްސް
ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރު ބުރާސްފަތި ދުވަހު ޕީއެންސީގެ ޕާރލިމެންޓަރީ ގުރޫޕުގެ މެންބަރުންނާއި ސަރުކާރުގެ ވަޒީރުންނާ ފޭދޫފިނޮޅުގައި މިހާރު ހަފާފައިވާ ރިސޯޓެއް ކަމުގައިވާ ޑުސިތު ޑީޓޫގައި ބައްދަލުކުރައްވާނެ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ އަލައްބާރު ރާއްޖެއަށް ވަޑައިގަންނަވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އަދި ރާއްޖެއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ފުރާވަޑައިގަންނަވާނީ ހުކުރު ދުވަހު އެވެ.
ނަމަވެސް މިކަން ސަރުކާރުގެ ފަރާތަން ކަށަވަރުކޮށްދީފައިނުވެ އެވެ. މިކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާ ސުވާލުކުރި ނަމަވެސް ޖަވާބެއް ދެއްވާފައިނުވެ އެވެ.
މައުލޫމާތު ލިބޭގޮތުގައި، އަލައްބާރުގެ މި ދަތުރުފުޅުގައި ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ އެވެ. އަދި މިމަޝްރޫއުގެ މައުލޫމާތު ވަޒީރުންނާއި ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ މެންބަރުންނަށް ދެއްވާނެ އެވެ.
މީގެއިތުރުން ފޭދޫފިނޮޅުގައި ބާއްވާ މި ބައްދަލުކުރެއްވުމުގައި، ބުރާސްފަތި ދުވަހުގެ ހަވީރު ބައްދަލުކުރައްވަނީ މަޖިލިސް މެންބަރުންނާ އެވެ. އަދި ވަޒީރުންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގަނޑު ޚާއްސަ ފަރިކޮޅަކާއެކު އެވެ.
ރަސްމާލޭގެ ބޮޑު ސަރަހައްދެއް 99 އަހަރަށް އީގަލް ހިލްސްއަށް ދީފައިވާތީ، އިދިކޮޅު ސިޔާސީ ބޭފުޅުންނާއި އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" ގެ ޔުނިޓުތަކުގެ މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު 99 އަހަރުގެ މުއްދަތު އަލުން ގުނަން ފަށާނެ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނީގެ ވެބްސައިޓުގައި ޝާއިއުކުރުމާއެކު، ފާޑުކިޔުން އަމާޒުވުމުން، އެ ބައި އެ ބަޔާނުން ފަހުން އުނިކޮށްފައިވާތީ، މި ބަދަލަކީ އޮޅުވާލުމެއް ކަމަށް ބުނެ އާންމުންގެ ކަންބޮޑުވުމާއި ފާޑުކިޔުން ވަނީ އިތުރުވެފަ އެވެ.











