ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލަކީ ބްލެކްމެއިލް ބިލެއް، މިއަށް ވުރެ ހެއްވާ ބިލެއް މަޖިލީހަކަށް ނާދޭ: މީކާއިލް
7 އޮކްޓޯބަރު 2026 | ބުދަ 07:59ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ކުށްކޮށްގެން ހޯދާ މުދަލާ ބެހޭ ބިލަކީ ވިޔަފާރިވެރިންނާއި ސިޔާސީ ފަރާތްތައް ބްލެކްމެއިލް ކުރުމުގެ ނިޔަތުގައި ގެނެސްފައިވާ ބިލެއް ކަމަށް މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ. މި ބިލަކީ އަސާސީ ހައްގުތަކާ ހިލާފު، އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ފަދަ ބިލެއްކަން ފާހަގަކުރައްވައި، މިއީ ސަރުކާރުގެ ނާކާމިޔާބީތައް ފޮރުވަން ކުރާ މަސައްކަތެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި.


ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް | ރައްޔިތުންގެ މަޖިލިސް
ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުހައްގުން ހޯދާ މާލީ މަންފާ އާއި މުދާ ދައުލަތަށް އަތުލައި، އެފަދަ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ކުށްކޮށްގެން ހޯދާ މުދަލާ ބެހޭ ބިލަކީ ބްލެކްމެއިލް ބިލެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހަޅުއްވާފައިވާ އެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު މީކާއިލް ވިދާޅުވީ، މި ބިލަކީ ދިވެހި ވިޔަފާރިވެރިން ބްލެކްމެއިލް ކުރުމަށް އެކުލަވާލާ ބިލެއް ކަމަށެވެ.
މި ބިލު ހުށަހެޅިގެންދާ މަގުސަދާއި ނިޔަތް ވަރަށް ރަނގަޅަށް އެންމެންނަށް ސާފުކަމަށާއި އެއީ ސަރުކާރާ ދެކޮޅު ފަރާތްތައް ހަމަ ސީދާ ބްލެކްމެއިލު ކުރުމުގެ ނިޔަތުގައި ހުށަހަޅާފައިވާ ބިލެއް ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ. އަދި ވިދާޅުވީ، ބިލު ފާސްވެ، ތަސްދީގު ކުރެވި، އެ ބިލު ގާނޫނަކަށްވުމުން ސަރުކާރުން އަމަލުކުރަން ގަސްތުކޮށްފައި އޮތް ގޮތް ވެސް އެންމެންނަށް ވަރަށް ސާފު ކަމަށެވެ.
މީކާއިލް ވިދާޅުވީ، އެ ބިލު އައި ދަނޑިވަޅާއި ވަގުތަށް ވިސްނާއިރު ވެސް ސާފު ވަނީ އެންމެ ކަމެއް ކަމަށާ އެ ބިލަކީ ބްލެކްމެއިލްގެ ބިލެއްކަން ވަރަށް ރަނގަޅަށް ސާފުވާ ކަމަށެވެ.
މި ބިލު ހުށަހެޅިގެން މިދަނީ ދާދި ފަހުން ރައީސްގެ އެޑްވައިޒަރަކަށް ހުންނެވި ބޭފުޅަކު އިސްތިއުފާ ދެއްވައި ރާއްޖޭގައި ދުވަހަކު ވެސް އިންވެސްޓު ވެސް ނުކުރާނެ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައި. މިކަން ހިނގައިދިޔައީ އޭގެ ހަމަ ދުވަސްކޮޅެއް ކުރިން ރާއްޖޭގައި ތިބިއްޔާ ތިބިހާ ބޮޑެތި ވިޔަފާރިވެރިން އެއް ޖަލްސާއަަކަށް އެއްކުރައްވައި ރާއްޖޭގެ އެންމެ މަތީ ވެރިޔާ މި ވިދާޅުވަނީ ތިބޭފުޅުން މަނީލޯންޑާ ކުރައްވައޭ. އިއްޒަތްތެރި ރައީސް، އޭގެ މަހެއްހާ ދުވަސް ފަހުން މިއަންނަނީ މި ބިލު ރައްޔިތުންގެ މަޖިލީހަށް. މިއީ ބްލެކްމެއިލް ބިލެއް.ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
އެ ބިލަށް ބަހުސް ކުރައްވަމުން މީކާއިލް އިތުރަށް ވިދާޅުވީ، ސަރުކާރުން އުޅެނީ ރަސްމާލެ މަޝްރޫއު އޮއްބާލައި، އެ ވާހަކަ ދައްކާނެ އެންމެން ފިއްތާލަން ކަމަށެވެ. އަދި ޑޮލަރު މައްސަލައިގައި ވެސް ސަރުކާރުން ކުރިކަމަކީ ވިޔަފާރިވެރިންނަށް އިންޒާރު ދިނުމުގެ މަސައްކަތް ކަމަށް މެންބަރު ވިދާޅުވި އެވެ.
އިންވެސްޓަރުން ދެން މިތާކު އިންވެސްޓެއް ނުކުރާނަމޭ ބުނަމުންދާ ކަމަށާ އެ ވާހަކަ ނުދައްކަނީ ކީއްވެ ތޯ ވެސް މެންބަރު ސުވާލު ކުރެއްވި އެވެ. އަދި މިއީ އެކަމާ ގުޅިގެން ދިވެހި ވިޔަފާރިވެރިން ބްލެކްމެއިލް ކުރަން އަންނަ ބިލެއް ކަމަށާ މިއަށް ވުރެ ހެއްވާ ބިލެއް މަޖިލީހަށް ނާންނަ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވީ ހުކުމް ނުކޮށް މީހުންގެ މުދާ ނަގާނެއޭ ބުނާއިރު، މިއީ އަސާސީ ހައްގުތަކާ ވެސް ހިލާފު ބިލެއް ކަމަށެވެ.










