މިސަރުކާރުގައި ބައެއް ގެތަކަށް ރެއިޑް ޖަހާ މިލިއަނުން ހޯދި ފައިސާ ވަނީ އަނބުރާ ދީފައި، މިހާރު އެބޭފުޅުން ތިއްބެވީ ޕީއެންސީ ކެމްޕެއިންގެ އެންމެ ކުރީ ސަފުގައި: މެންބަރު މީކާއިލް
6 އޮކްޓޯބަރު 2026 | އަންގާރަ 05:35ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލަށް ބަހުސްކުރައްވަމުން، ރާއްޖޭގައި ގާނޫނުތައް ތަންފީޒުނުވަނީ އިހުލާސްތެރިކަން ނެތުމުން ކަމަށް މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ. ފަނޑިޔާރުގެއަށް ސިޔާސީ ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރައްވައި، ކޯޓުތަކުގެ މިނިވަންކަމާއި ފެންވަރާމެދު އޭނާ ވަނީ ސުވާލު އުފައްދަވާފައި. އަދި ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ނިންމުމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލެމުންދާކަން މީކާއިލް ފާހަގަކުރެއްވި


ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް | ރައްޔިތުންގެ މަޖިލިސް
މިސަރުކާރުގައި ބައެއް ގޭއްގެޔަށް ރެއިޑް ޖަހާ މިލިއަނުން ހޯދި ފައިސާ އަނބުރާ ދީފައިވާ ކަމަށާއި މިހާރު އެބޭފުޅުން ތިއްބެވީ ޕީއެންސީ ކެމްޕެއިންގެ އެންމެ ކުރީ ސަފުގައި ކަމަށް ރައްޔިތުންގެ މަޖިލީޖުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުށް ކޮށްގެން ހޯދާ މުދަލާއި ގުޅޭ ބިލަށް ބަހުސް ކުރައްވަމުން މެންބަރު މީކާއިލް ވިދާޅުވީ، ދިވެހިރާއްޖޭގައި ކަމެއް ތަންފީޒު ނުވެގެން މިއުޅެނީ އަދި ވައްކަން ކޮށްގެން ހޯދާ މުދަލެއް ދައުލަތަށް ނުނެގިގެން މިއުޅެނީ ގާނޫނެއް ނެތިގެން ނޫން ކަމަށެވެ. އަދި ދުވާލަކު އެއްފަހަރު ވެސް ބިލެއް މަޖިލީހަށް ފޮނުވިދާނެ ކަމަށާއި، ނަމަވެސް އިހުލާސްތެރިކަމެއް ފެންނާނީ ކުށްކޮށްގެން ހޯދާ މުދަލެއް ދައުލަތަށް ނެގިގެން ކަމަށް މީކާއިލް ވިދާޅުވި އެވެ.
ރާއްޖޭގައި ހެދިފައިވާ ގާނޫނެއްގެ ދަށުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނެއްގެ ދަށުން ލިބުނީ ކޮން އެއްޗެއްތޯ ސުވާލު އުފައްދަވާ މެންބަރު މީކާއިލް ވިދާޅުވީ، ފެނިގެން ދަނީ ކޮންމެ ވެސް ބިލެއްގެ ޒަރިއްޔާއިން ސަރުކާރުން އިތުރު މާލީ ހޭދަތަކެއްކޮށް ދިވެހިރާއްޖެއަށް އެއްޗެއް ނުލިބޭ މަންޒަރު ކަމަށެވެ.
މިފަދަ ބިލެއް ހުށަހަޅާއިރު، މި ގާނޫނު ވުޖޫދުވެ، ތަންފީޒު ކުރަން ގާނޫނީ އޮނިގަނޑެއް ރާއްޖޭގައި އޮތްތޯ ބަލަންޖެހޭ ކަން ފާހަގަކުރައްވާ މެންބަރު މީކާއިލް ވިދާޅުވީ، މިކަން ތަންފީޒު ކުރަން ހުރި ފަނޑިޔާރު ގޭގެ ހާލަތަކީ ކޮބައިތޯ ބަލަން ޖެހޭ ކަމަށެވެ.
މިފަހަކަށް އައިސް ދިވެހިރާއްޖޭގެ ފަނޑިޔާރުގެޔަށް އައްޔަން ކުރާ ބޭފުޅުންގެ ފެންވަރު ދަށްދަށްވަމުން ގޮސް މިހާރު، މިހާރު މި ރައްޔިތުންގެ މަޖިލީހުގައި ލަދު ކަމަކަށް ނުވޭ، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ކެމްޕެއިނުގައި އިއްޒަތްތެރި ރައީސް ރިބަން އަނދެގެން، ކެމްޕެއިން ޓީޝާޓް ލައިގެން މަގުމަތީ ހޫރިފައި ތިބި މީހުން ފަނޑިޔާރު ގެޔަށް ހައި ކޯޓަށް އިއްޒަތްތެރި ރައީސް، ހައި ކޯޓަށް، ކްރިމިނަލް ކޯޓަށް އަދި މިނޫން ވެސް ތަންތަނަށް އައްޔަން ކުރާއިރު މީކީއެއް ލަދުކަމަކަށް ނުވޭމީކާއިލް އަހުމަދު ނަސީމް
ފަނޑިޔާރުގެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންގެވި ގޮތަކަށް ނޫން ގޮތަކަށް ކަންކަން ނިމިގެން ނުދާ ކަމަށް މެންބަރު މީކާއިލް ވިދާޅުވި އެވެ. އަދި ދިވެހިރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކުން ވެސް އިންވެސްޓް ކުރަން ބޭނުން ނުވަނީ މިހެންވެ ކަމަށް ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވީ މިސަރުކާރުގައި ވެސް ބައެއް ގޭގޭ ރެއިޑްކޮށްގެން ފަސް ލައްކައިން އަދި މިލިއަނުން ފައިސާ ހޯދާފައިވާ ކަމަށާއި މިހާރު އެ ފައިސާތައް އަނބުރާ ދިނުމުގެ އިތުރުން އެބޭފުޅުން ފެންނަނީ ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ކެމްޕެއިންތަކުން ކަމަށެވެ.











