އެއް ގެއެއްގެ 5 މީހުންނަށް ވެސް ސިޔާސީ ވަޒީފާތައް ދީފައި އެބަހުރި، އާއިލާއަކަށް މަހަކު 2 މިލިއަން ރުފިޔާ ވަންނަ އާއިލާވެސް އެބަތިބި: ނާޒިލް
7 އޮކްޓޯބަރު 2026 | ބުދަ 07:18ކުށްކޮށްގެން ހޯދާ މުދަލާ ބެހޭ ބިލަށް ބަހުސްކުރައްވަމުން، ކުށް ސާބިތުވުމުގެ ކުރިން މުދާ އަތުލެވޭ ގޮތަށް އޮތް މާއްދާތަކާ މެދު މެންބަރު ނާޒިލް ކަންބޮޑުވުން ފާޅުކުރައްވައިފި. މީގެ އިތުރުން ސަރުކާރުން ސިޔާސީ ވަޒީފާތައް ބަހަމުންދަނީ ވަކި ބަޔަކަށް ނުހައްގު މުއްސަނދިކަން ހޯދައިދިނުމަށް ކަމަށް ވިދާޅުވެ ނާޒިލް ވަނީ ފާޑުވިދާޅުވެފައި


ހިތަދޫ ދެކުނު ދާއިރާގެ މެންބަރު، އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް | ރައްޔިތުންގެ މަޖިލިސް
ބައެއް ފަރާތްތަކަށް ނުހައްގު މުއްސަނދިކަން ހޯދައިދިނުމަށްޓަކައި، ސަރުކާރުން އެއް ގެއެއްގެ 5 މީހުންނަށް ވެސް ސިޔާސީ ވަޒީފާތައް ދީފައިވާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުށްކޮށްގެން ހޯދާ މުދަލާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން ނާޒިލް ވިދާޅުވީ، އެ ބިލަކީ މުހިއްމު ބިލެއް ކަމަށެވެ. އެހެން ނަމަވެސް ބިލުގައި ކަންބޮޑުވުން ހުރި މާއްދާތަކެއް ވެސް ހުރި ކަމަށާއި ކޮމިޓީގައި އެ ކަންކަމަށް އިތުރަށް ވިސްނައި، ހައްލު ހޯދުމަށް މަސައްކަތް ކުރެވިދާނެ ކަމަށް ނާޒިލް ވިދާޅުވި އެވެ.
އެގޮތުން ބިލު ފަރުމާކޮށްފައިވާ ގޮތުން، މުދާ އަތުލެވެނީ ހަމައެކަނި ކުށް ސާބިތުވާ ހާލަތެއްގައި ނޫން ކަމަށް ނާޒިލް ވިދާޅުވި އެވެ.
އެގޮތުން ކުށުގެ ތުހުމަތު ކުރެވޭ ފަރާތް މަރުވުން ނުވަތަ ކުށުގެ ތުހުމަތު ކުރެވޭ ފަރާތަކީ ފިލައިގެން އުޅޭ ފަރާތެއް ކަމުގައި ވުން. ނުވަތަ ކުށުގެ ތުހުމަތު ކުރެވޭ ފަރާތުގެ މައްޗަށް ދައުވާ ކުރުން ނާދިރުވުމުގެ ސަބަބުން އެ ފަރާތުގެ މައްޗަށް ދައުވާ ކުރެވޭނެ ތަނެއް ނެތުން. މި ބިލުގައި އެބަ ބުނޭ ތުހުމަތު ކުރެވޭ ފަރާތުގެ މުޅި މުދާ އެކުގައި ނެގުމަށް ވެސް ނިންމިދާނެ ކަމަށް. ކުށް ކޮށްގެން ހޯދި މުދަލަކީ ކޮބައިތޯ ނުވަތަ އެ ނޫން މުދަލަކީ ކޮބައި ތޯ ނޭނގިއިބްރާހީމް ނާޒިލް
އޭގެ އިތުރުން ނުހައްގު މުއްސަނދިކަމުގެ ވާހަކަ ދެކެވޭއިރު، އެ ނުހައްގު މުއްސަނދިކަން ހޯދައިދޭން ސިޔާސީ ވަޒީފާތައް ސަރުކާރުން ބަހަމުންދާ ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ. އެގޮތުން އެއް ގެއެއްގެ 5 މީހުންނަށް ސިޔާސީ ވަޒީފާ ދީފާއިވާ ކަމަށާއި އާއިލާއަކަށް މަހެއްގެ މައްޗަށް 2 މިލިއަން ރުފިޔާ ވަންނަ ގެތައް ވެސް އެބަހުރި ކަމަށް މެންބަރު ވިދާޅުވި އެވެ.
މި ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އެވެ.
މި ބިލު ފަރުމާކޮށްފައިވަނީ ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބު ދިނުމުގެ އިތުރުން، އެ ފަރާތްތަކުން ކުށް ކޮށްގެން ހޯދާ މާލީ މަންފާ ބޭނުންކުރުން ހުއްޓުވައި، އެ މުދާ ދެނެގަނެ ހިފެހެއްޓުމަށް ކަމަށް ބިލުގައި ބުނެފައިވެ އެވެ. މިގޮތުން ކުށް ސާބިތުވުމުން މުދާ ދައުލަތަށް ނެގުމުގެ އިތުރުން، ވަކި ހާއްސަ ހާލަތްތަކެއްގައި ކުށް ސާބިތުވުމަކާ ނުލައި ވެސް މުދާ ދައުލަތަށް ނެގޭނެ އުސޫލުތަކެއް މި ބިލުގައި ވަނީ ހިމަނާފަ އެވެ.











