ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭގޮތަށް ޤާނޫނެއް ހަދާއިރު، ކުށް ސާބިތުނުވިޔަސް މުދާ ނެގޭގޮތަށް އޮންނާތީ މެންބަރު ޒިޔާދުގެ ކަންބޮޑުވުން!
6 އޮކްޓޯބަރު 2026 | އަންގާރަ 06:25ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލުގައި ކުށެއް ސާބިތުނުވިޔަސް މުދާ އަތުލެވޭ ގޮތަށް އޮތުމުން، އޭގެ ނަހަމަ ބޭނުން ހިފުމުގެ ފުރުސަތު އޮތް ކަމަށް މެންބަރު ޒިޔާދު ވިދާޅުވެއްޖެ. ބިލުގެ މާއްދާތަކުގެ މެދުގައި ހުރި ފުށުއެރުންތައް ފާހަގަކުރައްވައި، މިފަދަ ނާޒުކު ޤާނޫނެއް ފާސްކުރާއިރު އިތުރަށް އިސްލާހުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭގޮތަށް ޤާނޫނެއް ހަދާއިރު، ކުށް ސާބިތުނުވިޔަސް މުދާ ނެގޭގޮތަށް އޮންނާތީ މެންބަރު ޒިޔާދުގެ ކަންބޮޑުވުން! | ރާއްޖެ އެމްވީ
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލު މިހާރު އޮތް ގޮތުން، އެ ޤާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލަށް ބަހުސް ކުރައްވަމުން ޒިޔާދު ވަނީ ބިލުގައި ހުރި ބައެއް ފުށުއެރުންތަކަށް އަލިއަޅުއްވާލައްވާފަ އެވެ.
މެންބަރު ޒިޔާދު ވިދާޅުވީ ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގެން ޖެހޭނެ ކަމަށް އޭނާ ވެސް ޤަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ޤާނޫނެއް ހަދާއިރު ބަލަންޖެހޭ މުހިންމު ކަންތައްތަކެއް ހުންނާނެ ކަމަށާއި، މިހާރު ވެސް ރާއްޖޭގެ ޤާނޫނުލްއުޤޫބާތުގައި ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ އުސޫލުތައް ބަޔާންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
މި ބިލުގެ ސަބަބުން އަލަށް ތައާރަފްވާ ދެ ކަމެއްގެ މައްޗަށް ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ، ރާއްޖެއިން ބޭރުގައި ހުންނަ މުދާ ދައުލަތަށް ނެގޭ ގޮތަށް ހަމަޖެހުމާއި، ކުށެއް ސާބިތު ނުވަނީސް ވެސް މުދާ ނެގޭނެ ގޮތަށް އޮތުމަކީ މި ބިލުން އަލަށް އަންނަ ބަދަލުތައް ކަމަށެވެ.
ވަކިން ހާއްސަކޮށް، ދައުވާ ކުރެވެން ނެތް ހާލަތްތަކުގައި ވެސް މުދާ ދައުލަތަށް ނެގޭ ގޮތަށް ބިލުގައި އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
ބިލުގެ މާއްދާތަކުގެ މެދުގައި ހުރި ފުށުއެރުންތަކަށް އިޝާރާތް ކުރައްވަމުން ޒިޔާދު ވިދާޅުވީ، ބިލުގެ 22 ވަނަ މާއްދާގައި "ކުށްކޮށްގެން ހޯދާ މުދާ" މި ލަފުޒު ވަރަށް ސާފުކޮށް ބޭނުންކޮށްފައިވާ ކަމަށެވެ. އެހެންކަމުން، ކުށެއް ސާބިތުނުވާ ހާލަތެއްގައި ނުވަތަ ކުށެއް ނުކުރަނީސް މުދާ ހިފެހެއްޓޭ ގޮތަށް ޤާނޫނުގެ އެހެން މާއްދާއެއްގައި އޮތުމަކީ ކަންބޮޑުވާ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.
މެންބަރު ޒިޔާދު އިތުރަށް ވިދާޅުވީ، މި ބިލު މިހާރު އޮތް ގޮތަށް ފާސްވެއްޖެނަމަ މިއީ ނަހަމަ ގޮތުގައި ބޭނުން ހިފޭނެ ފުރުސަތު އޮތް ޤާނޫނަކަށް ވެގެންދާނެ ކަމަށެވެ. އެހެންކަމުން، ޤާނޫނެއް ފާސްކުރާއިރު މިފަދަ ނާޒުކު ކަންކަމަށް ވަރަށް ބޮޑަށް ބަލަންޖެހޭނެ ކަމަށް ވިދާޅުވެ، ބިލު އިތުރަށް އިސްލާހު ކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.











