އީރާނުގެ އެއާލައިންތަކަށް ފުރުސަތު ނުދޭނަމަ، ސަރަހައްދީ ވައިގެ ދަތުރުފަތުރަށް ބުރޫއަރާނެ: އީރާން
26 ސެޕްޓެމްބަރު 2026 | ހޮނިހިރު 03:09އީރާނުގެ އެއާލައިންތަކާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން، އެ ގައުމަށް ވައިގެ ދަތުރުފަތުރުގެ ފުރުސަތު ނެތް ނަމަ މުޅި ސަރަހައްދުގެ ވައިގެ މަގު ބަންދުކުރާނެ ކަމުގެ އިންޒާރު ތެހެރާނުން ދީފި. އެމެރިކާގެ ސިޔާސަތުތަކަށް ތާއީދުކޮށް އިރާގާއި ޔޫއޭއީން އީރާނުގެ ފްލައިޓުތައް ހުއްޓާލާފައިވާއިރު، މިއީ ސަރަހައްދީ ގައުމުތަކުން ބައިވެރިވާ ދެކޮޅުވެރި އަމަލެއްގެ ގޮތުގައި އީރާނުން ސިފަކުރޭ


އީރާނުގެ އެންމެ މަތީ ވެރިޔާގެ އިސް މުޝީރެއް ކަމަށްވާ މުޙައްމަދު މުޚްބިރު ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަނީ | އަނަދޮލު އޭޖެންސީ
އީރާނުގެ އެއާލައިންތަކަށް ދަތުރުފަތުރު ކުރުމާއި އެއާޕޯޓުތަކުގެ ޚިދުމަތްތައް ލިބުން މަނާކުރަމުންދާ ނަމަ، މުޅި ސަރަހައްދުގެ ވައިގެ ދަތުރުފަތުރަށް ބުރޫއަރާފާނެ ކަމުގެ އިންޒާރު އެ ގައުމުން ހުކުރު ދުވަހު ދީފި އެވެ.
ސަރަހައްދުގެ ގައުމުތަކުން "އެމެރިކާގެ ދެކޮޅުވެރި ސިޔާސަތުތަކާ ބައިވެރިވުން" ތެހެރާނުން ބަލައިނުގަންނާނެ ކަމަށް، އީރާނުގެ ރޫހާނީ ލީޑަރުގެ އިސް މުޝީރެއް ކަމަށްވާ މުޙައްމަދު މުޚްބިރު ވިދާޅުވި އެވެ. "މި މައްސަލާގައި އަޅުގަނޑުމެންގެ އިސްތިރާޖު ވަރަށް ސާފު: ސަރަހައްދުގެ ވައިގެ ދަތުރުފަތުރުގެ ފުރުސަތު ހުރިހާ ގައުމަކަށް އޮތުން، ނޫން ނަމަ އެ ފުރުސަތު އެއްވެސް ބަޔަކަށް ނެތުން،" މުޚްބިރު ވިދާޅުވި އެވެ. "އީރާނަށް ވައިގެ މަގުން ދަތުރު ނުކުރެވި، އަދި އެއާޕޯޓުތަކުގެ ޚިދުމަތް ނުލިބޭނަމަ، މި ސަރަހައްދުގެ އެއްވެސް ގައުމަކަށް ވެސް އެ ފުރުސަތެއް ނޯންނާނެ."
"ދެކޮޅުވެރި ސިޔާސަތުތައް" ތަންފީޒު ކުރުމުގައި ވޮޝިންގޓާ އެއްބައިވާ މެދުއިރުމަތީގެ ގައުމުތަކުން ނިންމި ނިންމުމަކީ އީރާނުގެ ރައްޔިތުންގެ ހަނދާނުގައި އަބަދަށް ދެމިއޮންނާނެ ކަމެއް ކަމަށް ވެސް މުޚްބިރު ވިދާޅުވި އެވެ. އޭނާ މިހެން ވިދާޅުވެފައި މި ވަނީ، ތެހެރާނުގެ ބައިނަލްއަގުވާމީ އޮޕަރޭޝަންތަކަށް އަމާޒުކޮށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން، މި ހަފުތާގައި އީރާނުގެ އެއާލައިންތަކަށް އަޅާފައިވާ ހުރަސްތައް އިތުރަށް ފުޅާކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
މި ގޮތުން، އިރާގުގެ ނަޖަފް އިންޓަނޭޝަނަލް އެއާޕޯޓުން ހުކުރު ދުވަހު ވަނީ، އީރާނަށް ކުރާ އަދި އީރާނުން އަންނަ ހުރިހާ ފްލައިޓެއް މެދުކަނޑާލާފަ އެވެ. މިއާއެކު، ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން (ޔޫއޭއީ) ވެސް ވަނީ، އީރާނުގެ އެއާލައިންތަކާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން، އެ ގައުމާއި އީރާނާ ދެމެދު ކުރާ ދަތުރުތައް މެދުކަނޑާލާފަ އެވެ. މި ފިޔަވަޅު އަޅާފައިވާކަން އެ ގައުމުގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، އަލަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބައެއްގެ ގޮތުން ސެޕްޓެންބަރު 23 އިން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އީރާނުގެ އެއާލައިންތަކުގެ އޮޕަރޭޝަންތައް ހުއްޓުމަކަށް ގެންނާނެ ކަމަށް އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް އިއުލާނު ކުރެއްވީ މި ހަފުތާގެ ކުރީކޮޅެވެ.
ދާއިމީ ސުލްހައަކަށް ވާސިލުވުމަށް ޖޫން މަހު އެކުލަވާލި އެއްބަސްވުމާއެކު ވެސް، ހަކަތައާއި މުދާ ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެންމެ މުހިންމު އެއް އިސްތިރާޖީ މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމާ މެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ ހުރެ މަޝްވަރާތައް މިހާރު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ނަމަވެސް، އީރާނުން ހުކުރު ދުވަހު ވަނީ ހަތް ދުވަހުގެ މުއްދަތަކަށް ހަމަލާ ބަދަލުކުރުން ހުއްޓާލާ، ސުލްހައިގެ މަޝްވަރާތައް ފެށުމަށް ހުށަހަޅާފަ އެވެ. އެމެރިކާއިން މި ހުށަހެޅުން ބަލައިގަތުމާމެދު ގޮތެއް ނިންމާފައި ނުވާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











