ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ ސަނީ އުމަރުގެ ޝަރީއަތް: ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދީފި
17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:08ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހުސައިން ސަނީ އުމަރުގެ މައްޗަށް އުފުލާފައިވާ ފަސް ދައުވާގެ ޝަރީއަތް ކުރިއަށްގެންދާނެ ޓައިމްލައިނެއް ކްރިމިނަލް ކޯޓުން އެކުލަވާލައިފި. މި މައްސަލައިގައި ހިމެނޭ އޮރިޔާން ކާޑު ފަދަ ލިޔެކިޔުންތަކާ ގުޅިގެން ހެކި ރައްކާތެރިކުރުމުގެ އަމުރެއް ކޯޓުން ނެރެފައިވާއިރު، ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 44 އަހަރުގެ ޖަލު ހުކުމެއް އަންނާނެ


ސަނީ އުމަރު ފުލުހުންގެ ކާރަށް އަރުވަނީ | ރާއްޖެއެމްވީ
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާ ގ. މާވަނި، ހުސައިން ސަނީ އުމަރުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފި އެވެ.
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާގެ މައްޗަށް 5 ދައުވާއެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ.
ހުސައިން ސަނީ އުމަރުގެ މައްޗަށް ކުރެވިފައިވާ ދައުވާތަކުގެ ތެރޭގައި 3 ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 3 ދައުވާއާއި، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާއާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ހިމެނެ އެވެ.
މި މައްސަލައިގައި މީގެ ދެ ހަފްތާ ކުރިން ބޭއްވި އިދާރީ އަޑުއެހުމުގައި ލިއެކިއުންތަކާ ގުޅިގެން ފާހަގަކުރި ޝަކުވާތަކާ ގުޅިގެން ދައުލަތުން ވަނީ ބައެއް ލިއެކިއުންތައް ކޯޓަށް ހުށަހަޅާފަ އެވެ.
ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި އޮތީ އެ ލިޔެކިޔުންތަކާ ގުޅިގެން ވާހަކަ ދެއްކުމެވެ.
މީގެ އިތުރުން، އަލަށް ހާމަކުރި ލިޔުންތަކާ ގުޅިގެން ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް ވެސް ދައުލަތުން ވަނީ އެދިފަ އެވެ. ސަބަބަކީ އޮރިޔާން ކާޑު ހިމެނޭ ބައެއް ލިއެކިއުންތައް ފަހުން ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ހިމެނޭތީ އެވެ.
އެހެންކަމުން އެ އަމުރު ގާޒީ ވަނީ ދައުލަތުން އެދުނު ގޮތަށް ނެރެދެއްވާފަ އެވެ.
އެއަށްފަހު ގާޒީ ވަނީ ޝަރީއަތް ކުރިއަށް ގެންދަވާނެ ގޮތުގެ ޓައިމްލައިންއެއް އެކުލަވާލައްވާފަ އެވެ.
މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގެ ތަފްސީލު:
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ކުރެވިފައިވާ ދައުވާތަކުގައި، ކުޑަކުދިންގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލާފައިވާކަމަށް ބުނެފައިވެ އެވެ. އެގޮތުން ފުރަތަމަ ދައުވާގައި، ކުޑަކުއްޖަކު އުމުރުން 7 އަހަރު ވުމުގެ ކުރިން ފެށިގެން 2025 އޮގަސްޓު މަހާ ހަމައަށް އެކި ދުވަސްމަތިން އެކި ތަންތަނުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ބުނެފައިވެ އެވެ.
ދެވަނަ ދައުވާގައި އުމުރުން 10 ނުވަތަ 11 އަހަރުގެ ކުޑަކުއްޖަކާއި، ތިންވަނަ ދައުވާގައި އުމުރުން 9 ނުވަތަ 10 އަހަރުގެ ކުޑަކުއްޖަކާ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލާފައިވާކަމަށް ދައުވާގައި ބުނެފައިވެ އެވެ. މި ތިން ދައުވާއަށް ވެސް ކަނޑައަޅާފައިވާ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާގައި، ކްރިމިނަލް ކޯޓުން އޭނާގެ ފޯނު ފުލުހުންނާ ހަވާލުކުރުމަށް އަމުރުކޮށްފައިވަނިކޮށް، އެ ފޯނު ގެއްލިފައިވާކަމަށް ބުނެ ފުލުހުންނާ ހަވާލުކޮށްފައި ނުވާކަމަށް ބުނެފައިވެ އެވެ. މި ދައުވާއަށް ކަނޑައަޅާފައިވާ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.
ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާގައި، ހުސައިން ސަނީ އުމަރު ގެންގުޅުނުކަމަށް ބެލެވޭ ފޯނުގައި ބޭނުންކުރާ ސިމް ނަންބަރާއި ސިމްގެ ބާވަތާ ގުޅޭގޮތުން ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާކަމަށް ބުނެފައިވެ އެވެ. މި ދައުވާއަށް ކަނޑައަޅާފައިވާ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވާގޮތުގައި، މި ދައުވާތައް ސާބިތުވާ ހާލަތުގައި ޤާނޫނުގައި ކުށަށް ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅުއްވައިދެއްވުމަށް އެ އޮފީހުން ކޯޓުގައި އެދޭނެ އެވެ. އެ ހާލަތުގައި އޭނާގެ މައްޗަށް މަދުވެގެން 44 އަހަރުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.










