ރާއްޖެއަށް އިންޑިއާއިން ދޭ 507 މިލިއަން ޑޮލަރުގެ ލޯނަށް އަމަލުކުރަން ފަށައިފި
24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:18މި ފެސިލިޓީގެ ދަށުން ހިންގާ މަޝްރޫއުތަކަށް ބޭނުންވާ މުދަލާއި ޚިދުމަތުގެ 75 އިންސައްތަ އިންޑިއާގެ ކުންފުނިތަކުން ހޯދަން ޖެހޭއިރު، ބާކީ ބައި އެހެން ގައުމުތަކުން ހޯދުމުގެ ފުރުސަތު އޮންނާނެ. އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ދޫކުރާ މި ފައިސާ ބޭނުންކުރަންވާނީ މަދުވެގެން 5 ބިލިއަން ރުޕީސްގެ އަގުހުރި ވަކިވަކި އެއްބަސްވުންތަކެއްގެ ދަށުން ކަމަށް އާރް.ބީ.އައި އިން ބުނެފައިވޭ

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ ރާޝްތުރަޕަތީ ބަވަންގައި 2024 އޮކްޓޫބަރު 7 ވީ ހޯމަ ދުވަހު ބޭއްވި ރަސްމީ މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގެ ތެރެއިން، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއެކު. | ގެޓީ އިމޭޖަސް
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދިނުމަށް ނިންމާފައިވާ 507 މިލިއަން ޑޮލަރު (48.50 ބިލިއަން ރުޕީސް) ގެ ލައިން އޮފް ކްރެޑިޓަށް އޮގަސްޓް 27 އިން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށް އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރް.ބީ.އައި) އިން ބުދަ ދުވަހު ހާމަކޮށްފި އެވެ. މި ނިންމުމާއެކު، މި ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ ވަކިވަކި މަޝްރޫއުތަކަށް ބޭނުންވާ ފައިސާގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަގު މިހާރު ވަނީ ހުޅުވިފަ އެވެ.
އާރް.ބީ.އައި އިން ބުނި ގޮތުގައި، މި ފެސިލިޓީގެ ދަށުން ފައިސާ ދޫކުރާނީ މަދުވެގެން 5 ބިލިއަން ރުޕީސްގެ އަގުހުރި ވަކިވަކި ކްރެޑިޓް އެއްބަސްވުންތަކެއްގެ ދަށުންނެވެ.
މި އެއްބަސްވުމުގެ ދަށުން ހިންގާ މަޝްރޫއުތަކަށް ބޭނުންވާ މުދަލާއި، މަސައްކަތްތެރިން އަދި ޚިދުމަތްތަކުގެ މަދުވެގެން 75 އިންސައްތަ ހޯދަންވާނީ އިންޑިއާގެ ކުންފުނިތަކުންނެވެ. އަދި ބާކީ ހުރި 25 އިންސައްތަ އިންޑިއާއިން ބޭރުގެ އެހެން ގައުމުތަކުން ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އެ ބޭންކުން ބުނެފައިވެ އެވެ.
މަރުކަޒީ ބޭންކުން އިތުރަށް ބުނެފައިވަނީ، މި ލައިން އޮފް ކްރެޑިޓްގެ ފައިސާ އެކްސްޕޯޓް ކުރުމުގައި ދޭންޖެހޭ އެޖެންސީ ކޮމިޝަންތައް ދެއްކުމަށް ބޭނުން ނުކުރެވޭނެ ކަމަށެވެ. ނަމަވެސް، އެފަދަ ފައިސާ ދެއްކުމަށް އެކްސްޕޯޓް ކުރާ ފަރާތްތަކުގެ އަމިއްލަ ފައިސާ ބޭނުންކުރެވިދާނެ ކަމަށް އާރް.ބީ.އައި އިން ބުނެފައިވެ އެވެ.
ދިވެހިރާއްޖޭގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމަށްޓަކައި، އެކްސްޕޯޓް-އިމްޕޯޓް ބޭންކް (އެގްޒިމް ބޭންކް) މެދުވެރިކޮށް މި ލައިން އޮފް ކްރެޑިޓް ދިނުމަށް އިންޑިއާ ސަރުކާރުން އެއްބަސްވެފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.
އިންޑިއާ އާ މެދު ދިވެހިންގެ ހިތުގައި ނަފްރަތު އުފެއްދުމަށް ބޮޑެތި ކެމްޕޭންތަކެއް ހިންގުމަށްފަހު ވެރިކަމަށް އައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އިންޑިއާ އިން ގެންދަނީ ވަރަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންކަން ފާހަގަ ކުރެވެ އެވެ.









