ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ
5 ސެޕްޓެމްބަރު 2026 | ހޮނިހިރު 12:40ހުޅުމާލެ ދެވަނަ ފިޔަވަހިން 1،316 އަކަފޫޓުގެ ބިމެއް 7.1 މިލިއަން ރުފިޔާއަށް އަލީ މުއްތަލިބު ބައްލަވައިގަތް މައްސަލަ ސިވިލް ކޯޓުން ނިންމާފައިވާއިރު، މީގެ ކުރިން ވެސް ސަރުކާރުގެ އިސްވެރިންނާ ގުޅުންހުރި މިފަދަ މުއާމަލާތްތަކެއް ވަނީ ފެންމަތިވެފައި. މިފަދަ މައްސަލަތައް ކޯޓުން އަވަހަށް ނިންމަމުންދާތީ، އާންމު ރައްޔިތުންގެ ބިންތަކުގެ މައްސަލަ ލަސްވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން


ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު | ރައީސް އޮފީސް
ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބުގެ އާއިލީ ބޭފުޅެއް ކަމަށްވާ ޢަލީ މުއްޠަލިބު، ހުޅުމާލެއިން 1,000 އަކަފޫޓަށްވުރެ ބޮޑު ބިމެއް 7.1 މިލިއަން ރުފިޔާއަށް ބައްލަވައިގެންނެވި ކަން ހާމަވެއްޖެއެވެ.
ހުކުރު ދުވަހު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ސިވިލް ކޯޓުގެ ބިމާއި އިމާރާތް ވިއްކުމުގެ މައްސަލައިގެ ހުކުމުން އެނގޭ ގޮތުގައި، މި ބިމަކީ މިނިސްޓަރު މުއްޠަލިބުގެ އާއިލީ ބޭފުޅެއް ކަމަށްވާ ޢަލީ މުއްޠަލިބުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބިމެކެވެ. މި ބިމަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިއްކި ސަރަހައްދުގައި ހިމެނޭ އަމިއްލަ ބިމެކެވެ.
މީގެއިތުރުން، 1،316.12 (އެއްހާސް ތިންސަތޭކަ ސޯޅަ ޕޮއިންޓް އެކެއް ދޭއް) އަކަފޫޓުގެ މި ބިން ބައްލަވައިގެންފައިވަނީ ޖުމްލަ 7،145،914 (ހަތް މިލިއަން އެއްލައްކަ ސާޅީސް ފަސްހާސް ނުވަސަތޭކަ ސާދަ) ރުފިޔާއަށް ކަމަށާއި، އެ ފައިސާ ދައްކައި ޚަލާޞްކޮށްފައިވާކަން ކޯޓުގެ ޙުކުމުގައި ފާހަގަކޮށްފައިވެ އެވެ.
މި މައްސަލަ ބަލައި ހުކުމް ކޮށްފައިވަނީ ގާޒީ އަހުމަދު ރަޝީދު އެވެ.
މީގެ ކުރިން 2024 ވަނަ އަހަރުގެ އޮގަސްޓު މަހު ވެސް މިފަދަ މުއާމަލާތެއްގެ މައްސަލަ އެއް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން، އެ އަހަރުގެ ހެލްތު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. ޢަބްދުﷲ ޚަލީލް، ހުޅުމާލެއިން 3.1 މިލިއަން ރުފިޔާއަށް ފްލެޓެއް ބައްލަވައިގެންފައިވާ މައްސަލައެއް ވަނީ ހިމެނިފަ އެވެ. އަދި އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، އެ ފްލެޓަކީ ޑރ. ޚަލީލްގެ މިލްކިއްޔާތެއް ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅައި ހުކުމްކޮށްފަ އެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ފަޒުލް ރަޝީދު ހުންނެވިއިރު، ފަޒުލްގެ އާއިލާގެ ބޭފުޅުންނާއި އިތުރު ބައެއް ފަރާތްތަކަށް ހުޅުމާލެއިން ބިން ދޫކުރި ކަމަށް ބުނާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
ސަރުކާރުގެ ވަޒީރުންގެ ބިމާއި ފްލެޓްތަކާ ގުޅޭ މައްސަލަތައް ކޯޓުތަކުން އަވަސް މުއްދަތެއްގެ ތެރޭގައި ނިންމަމުން ދިޔަ ނަމަވެސް، އާންމު ރައްޔިތުންނަށް ލިބިފައިވާ ބިންތަކުގެ މައްސަލަތަކުގައި ކޯޓުތަކުން އެކަށީގެންވާ ޖަވާބެއް ނުލިބި މައްސަލަތައް މަޑުޖެހިފައިވާތީ ގިނަ ރައްޔިތުންތަކެއް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.











