އުމުރުން 13 އަހަރުގައި ޤައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަން އިން ލޯ މެޑަލް ހޯދައި، ލައިބާ އަށް ޚާއްސަ ކާމިޔާބެއް
22 ސެޕްޓެމްބަރު 2026 | އަންގާރަ 10:56މިއީ އުމުރުން 13 އަހަރުގެ ލައިބާ، ޤައުމީ މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރު


ޤައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަންގައި ހޯދި މެޑައްޔާ އެކު ލައިބާ | ސޯޝަލް މީޑިއާ
ޤައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ސިންގަލްސް އިވެންޓުގައި ވާދަކޮށް ލޯ މެޑަލް ހޯދައި، ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ) ޚާއްސަ ކާމިޔާބެއް ހޯދައިފި އެވެ.
50 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތުގައި ލައިބާ ވަނީ ޖުމުލަ ހަތަރު މެޑަލް ހޯދައިފަ އެވެ. އެއީ ޒުވާން އުމުރުފުރާގެ ތިން ރަން މެޑަލްގެ އިތުރުން، ފުރަތަމަ ޑިވިޝަން އިން ހޯދި ލޯ މެޑަލް އެވެ. މީގެ އިތުރުން ލައިބާ ވަނީ ފުރަތަމަ ޑިވިޝަންގެ ޓީމު އިވެންޓުން ރިހި މެޑަލް ހޯދައިފަ އެވެ.
ލައިބާ ވަނީ 15 އަހަރުން ދަށުގެ ސިންގަލްސް އާއި 15 އަހަރުން ދަށުގެ ޑަބަލްސް އަދި 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިން ރަން މެޑަލް ހޯދައިފަ އެވެ. މިއީ އުމުރުން 13 އަހަރުގެ ލައިބާ، ޤައުމީ މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.
މި މުބާރާތުގެ ފުރަތަމަ ޑިވިޝަންގައި ވާދަކޮށް ލައިބާ ލޯ މެޑަލް ހޯދިއިރު، މިއީ ލައިބާގެ ޤައުމީ ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް އޭނާ ވަނީ ބުނެފައި އެވެ. ލައިބާ ބުނީ ރާއްޖޭގެ އެންމެ މޮޅު އަންހެން ދެ ކުޅުންތެރިން ކަމަށްވާ، އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) އާއެކު ކުޅުމުގެ ފުރުސަތު ލިބުމަކީ އޭނާ އަށް ލިބުނު ބޮޑު ފަޚުރެއް ކަމަށެވެ.

ޤައުމީ މުބާރާތުގައި ހޯދި މެޑަލް އަދި ތަށިތަކާ އެކު ލައިބާ | ސޯޝަލް މީޑިއާ
މި ކާމިޔާބީތަކާ ގުޅިގެން ލައިބާ ވަނީ އޭނާގެ ކޯޗުގެ އިތުރުން، އެކި ގޮތް ގޮތުން އެހީތެރިވެދިން ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
ލައިބާ ވަނީ މީގެ ކުރިން ބައިނަލްއަޤުވާމީ އެކިއެކި މުބާރާތްތަކުގައި ވާދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.










