އާމޭނިއާގައި ކުރިއަށް ދަމުން އަންނަ، އާމޭނިއަން ޔޫތު އޯޕަން 2025 ގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ) މުބާރާތުގެ ތިން އިވެންޓުގެ ވެސް ސެމީ ފައިނަލް އިން ފުރުސަތު ހޯދަައިފި އެވެ.
އާމޭނިއާގެ ވެރި ރަށް ޔެރަވަންގައި މި މުބާރާތް ކުރިއަށް ދާއިރު، މުބާރާތުގައި ޖުމުލަ 92 ޤައުމަށް ވުރެ ގިނަ ޤައުމުގެ ކުޅުންތެރިން ވާދަކުރެ އެވެ. މި މުބާރާތަކީ އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ.
ބައިނަލްއަޤުވާމީ މުބާރާތްތަކުގައި މީގެ ކުރިން ވެސް ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ ލައިބާ، މި މުބާރާތުގެ ތިން އިވެންޓެއްގައި ވާދަކުރެ އެވެ. އެއީ 13 އަހަރުން ދަށުގެ ސިންގަލްސް އިވެންޓުގެ އިތުރުން، 13 އަހަރުން ދަށުގެ ޑަބަލްސް އިވެންޓު އަދި 13 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުގަ އެވެ.
މުބާރާތުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލް އިން ލައިބާ ވަނީ ފުރުސަތު ހޯދައިފަ އެވެ. މިއީ މިހާތަނަށް ތިން އިވެންޓުގެ ސެމީ ފައިނަލް އިން ލައިބާ އަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ސިންގަލްސް އިވެންޓުގެ ކުއާޓާ ފައިނަލްގައި ލައިބާ ވާދަކޮށްފައި ވަނީ ޖޯޖިއާގެ މަގްޑާ ޝަހްބަޒްޔާންއާ އެވެ. އެއީ އެ ޤައުމުގެ 13 އަހަރުން ދަށުގެ އުމުރުފުރައިގެ އެއް ވަނަ ކުޅުންތެރިޔާ އެވެ.
އެ މެޗު ލައިބާ ކާމިޔާބު ކޮށްފައި ވަނީ ދެ ސެޓު އެއް ސެޓުންނެވެ. ފުރަތަމަ ސެޓު ލައިބާ ކާމިޔާބު ކުރީ 22-20 އިންނެވެ. ނަމަވެސް މަގްޑާ ވަނީ 18-21 އިން ދެ ވަނަ ސެޓު ކާމިޔާބު ކޮށްފަ އެވެ. ތިން ވަނަ ސެޓުގައި 21-13 އިން ކުރި ހޯދައި ލައިބާ ވަނީ މެޗުން މޮޅުވެފަ އެވެ.
ޑަބަލްސް އިވެންޓުގައި ލައިބާގެ ޕެއާ ޕާޓްރަނަކީ ސައިޕްރަސްގެ 13 އަހަރުން ދަށުގެ އުމުރުފުރައިގެ އެއް ވަނަ ކުޅުންތެރިޔާ، އެމެއްލާ އިންނެވެ.
މީގެ އިތުރުން މިކްސް ޑަބަލްސް އިވެންޓުގައި ލައިބާގެ ޕެއާ ޕާޓްނަރަކީ އާމޭނިއާގެ 13 އަހަރުން ދަށުގެ އުމުރުފުރައިގެ އެއް ވަނަ ކުޅުންތެރިޔާ، އެރިކް އެލޯޔަން އެވެ.
ލައިބާ އަންނަނީ ރާއްޖޭގައި އޮންނަ ބެޑްމިންޓަން މުބާރާތްތަކުގެ އިތުރުން، ބައިނަލްއަޤުވާމީ ބެޑްމިންޓަން މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން ބެޑްމިންޓަން ޔޫރަޕު ކަލަންޑަރުގައި ހިމެނޭ މުބާރާތްތަކުގައި ވާދަކޮށް ލައިބާ ވަނީ މިހާތަނަށް 20 މެޑަލް ހޯދައިފަ އެވެ. އެއީ ފަސް ރިހި މެޑަލްގެ އިތުރުން، 15 ލޯ މެޑަލް އެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ މިދިޔަ އަހަރުގެ ޔަންގް އެތުލީޓު އޮފް ދަ އިޔާގެ ތިން ވަނަ ލައިބާ ވަނީ ހޯދައިފަ އެވެ.