އަހަރެއް ވެގެން ދިޔައިރު ހިތާދޫ މަލްޓިޕަރޕަސް ހޯލުގެ އަމަލީ އެއްވެސް މަސައްކަތެއް ނުކުރޭ، ޖެހި ދާގަނޑު ވެސް މިހާރު ނެތް!
15 ސެޕްޓެމްބަރު 2026 | އަންގާރަ 15:16ބ. ހިތާދޫގައި މަލްޓިޕަރޕަސް ހޯލު އެޅުމަށް ކަނޑައެޅި ބިން ބަންދުކޮށް، މަޝްރޫއަށް މުވައްޒަފުން ނެގި ނަމަވެސް އަމަލީ މަސައްކަތް ނުފެށި ލަސްވާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. މި މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން ސްކޫލުގެ ކުޅިވަރު ހަރަކާތްތަކަށާއި އަލިމަސް ޔޫބީލް ފާހަގަކުރުމަށް ބާއްވާ ޖަލްސާއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ކައުންސިލުން ފާހަގަކުރޭ


ބ. ހިތާދޫގައި މަލްޓިޕަރޕަސް ހޯލު އެޅުމަށް ކަނޑައެޅި ބިން | ރާއްޖެއެމްވީ
ބ. ހިތާދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު އަޅުއްވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ އަހަރެއް ވެގެން ދިޔައިރު ވެސް އެ މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އެ ރަށު ކައުންސިލްގެ ނައިބު ރައީސް ޝާމިޔާ އަބްދުއް ލަތީފް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީއާ ވާހަކަދައްކަވަމުން ޝާމިޔާ ވިދާޅުވީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހު ރައީސް މުއިއްޒު އެ ރަށަށް ވަޑައިގެން އެ ހޯލު އަޅުއްވައިދެއްވާނެކަމަށް ވައުދު ވެވަޑައިގެންނެވި ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ކަމަށެވެ.
އޭނާ ވިދާޅުވީ މަޝްރޫއު ފަށައިގަނެ، ހަމަ އެ މަސްތެރޭގައި ދާގަނޑު ވެސް ޖަހައި، އިން ވަކިކުރި ކަމަށެވެ. މިހާރު އެތަނުގައި ޖެހި ދާގަނޑު ވެސް ނެތް ކަމަށް ޝާމިއާ ވިދާޅުވި އެވެ. އަދި އެ ސަރަހައްދަކީ އެ ރަށު ސްކޫލް ކުދިން ހޭންޑްބޯލް ޕްރެކްޓިސް ކުރަން ބޭނުން ކުރަމުން އައި ތަނެއް ކަމުން، އޭރުން ފެށިގެން އެ ސަރަހައްދު ބަންދުކޮށްފައިވާތީ، ދަރިވަރުންނަށް އެތަން ބޭނުން ނުކުރެވޭ ކަމަށެވެ.
އަޅުގަނޑުމެން މާލެ މި ދިޔަ ދަތުރުގައި އެޑިއުކޭޝަނާ ބައްދަލު ކުރިން. އެބޭފުޅުން އޭރު ވިދާޅުވީ މި އަހަރުގެ އޮގަސްޓް މަހުގެ 4 ގަ އަމަލީ މަސައްކަތް ފަށާނެ ކަމަށްޝާމިޔާ އަބްދުއް ލަތީފް
ޝާމިޔާ ވިދާޅުވީ އެ ސްކޫލުގެ ވަރަށް ބޮޑު ހަރަކާތެއް ވެސް މި އަހަރު އޮންނަ ކަމަށެވެ. އެއީ ސްކޫލަށް 75 ފުރުން ފާހަގަކުރުން ކަމަށާއި ރައްޔިތުން ތިބީ އެ ކަމަށްޓަކައި ބާއްވާ ޚާއްސަ ޖަލްސާ އެ ހޯލުގައި ބޭއްވޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަށްނުދާތީ، އެ ޖަލްސާ ބާއްވަން މަޖުބޫރުވެފައިވަނީ އޯޕަން އޭރިއާއެއްގައި ކަމަށެވެ.






