ރާއްޖޭގެ އިގުތިސާދީ ދުވެލި މަޑުޖެހިއްޖެ، ދެވަނަ ކުއާޓަރުގައި އިގުތިސާދީ ކުރިއެރުން 12.3 އިންސައްތަ ދަށަށް!
21 ސެޕްޓެމްބަރު 2026 | ހޯމަ 06:13މިއަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖޭގެ އިގުތިސާދަށް 0.03 އިންސައްތައިގެ ކުޑަ ކުރިއެރުމެއް ލިބިފައިވާއިރު، މާލީ ދާއިރާ އާއި އިމާރާތްކުރުމުގެ ދާއިރާ އިން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައި. ނަމަވެސް މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން ދަށްވުމާއެކު، މުދަލާއި ޚިދުމަތުގެ އަގުތައް އުފުލިފައިވާކަން ތަފާސްހިސާބުތަކުން ދައްކާ


މާލޭގެ ވިޔަފާރި ބަނދަރު: އިގުތިސާދުގައި އުފައްދާ މުދަލާއި ޚިދުމަތުގެ އަގުތައް އާންމުގޮތެއްގައި ވަނީ އުފުލިފައި | ރާއްޖެއެމްވީ
2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖޭގެ އިގުތިސާދުގެ ކުރިއެރުން ނުވަތަ ރިއަލް ޖީޑީޕީ، މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 12.3 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައި ބުނީ ރާއްޖޭގެ އިގުތިސާދުގެ ހަގީގީ ކުރިއެރުން ނުވަތަ ރިއަލް ޖީޑީޕީއަށް ބަލާއިރު، ދެވަނަ ކުއާޓަރުގައި އެ އަދަދު ހުރީ 25,146 މިލިއަން ރުފިޔާގައި ކަމަށެވެ. މިއީ 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 7.3 މިލިއަން ރުފިޔާ ނުވަތަ 0.03 އިންސައްތައިގެ ކުޑަ ކުރިއެރުމެއް ކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ރިއަލް ޖީޑީޕީ ވަނީ 3,511 މިލިއަން ރުފިޔާ ނުވަތަ 12.3 އިންސައްތަ ދަށްވެފަ އެވެ. މި މުއްދަތުގައި އިގްތިސާދީ ކުރިއެރުމަށް އެންމެ ބޮޑު ހިއްސާއެއް ވެފައިވަނީ މާލީ ޚިދުމަތްތަކުގެ ދާއިރާއިން 1.5 އިންސައްތަ އަދި އިމާރާތްކުރުމުގެ ދާއިރާއިން 1.4 އިންސައްތަ އެވެ.
ދާއިރާތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖޭގެ އިގުތިސާދުގައި އެންމެ ބޮޑު ހިއްސާއެއް އަދާކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. އެގޮތުން އެކޮމޮޑޭޝަން އެންޑް ފުޑް ސަރވިސަސްގެ ހިއްސާއަކީ 18.1 އިންސައްތަ އެވެ. ދެވަނަ އަށް އެންމެ ބޮޑު ހިއްސާއެއް އޮތީ 12.2 އިންސައްތައާއެކު ދަތުރުފަތުރާއި މުއާސަލާތީ ދާއިރާގަ އެވެ. އަދި ރިއަލް އެސްޓޭޓް ދާއިރާގެ ހިއްސާއަކީ 9.7 އިންސައްތަ އެވެ. މީގެ އިތުރުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއިން 2,448 މިލިއަން ރުފިޔާގެ އުފެއްދުންތެރިކަން ރެކޯޑުކޮށްފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 14.4 އިންސައްތައިގެ ކުރިއެރުމެކެވެ.
މާލީ ޚިދުމަތްތަކުގެ ދާއިރާއަށް ބަލާއިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ދާއިރާގެ އުފެއްދުންތެރިކަން ހުރީ 2,131 މިލިއަން ރުފިޔާގަ އެވެ. މިއީ 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 21.7 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާ ވެސް ވަނީ 33.7 އިންސައްތައިގެ ކުރިއެރުމެއް ހޯދާފަ އެވެ. މި ކުރިއެރުމަކީ އިމާރާތްކުރުމަށް ބޭނުންވާ ސާމާނު އެތެރެކުރި މިންވަރު އިތުރުވުމާ ގުޅިގެން އައި ކުރިއެރުމެއް ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ކަރަންޓާއި ފެނުގެ ޚިދުމަތުގެ ދާއިރާ ވެސް ވަނީ ވޭތުވެދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 3.9 އިންސައްތަ ކުރިއަރާފަ އެވެ.
އިގުތިސާދުގެ ބައެއް ދާއިރާތަކުން ދަށްވުމެއް ފާހަގަކުރެވިފައިވާއިރު، އެންމެ ބޮޑު ދަށްވުމެއް އައީ މަސްވެރިކަމުގެ ދާއިރާއިންނެވެ. މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން ވޭތުވެދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 50.8 އިންސައްތަ ވަނީ ދަށްވެފަ އެވެ. ހަމައެހެންމެ، ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން ވެސް ވަނީ 14.3 އިންސައްތަ ދަށްވެފަ އެވެ. މިއީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު 425,385 އިންސައްތަ މަދުވުމާ ގުޅިގެން އައި ބަދަލެކެވެ. މީގެ އިތުރުން ދަތުރުފަތުރާއި މުއާސަލާތީ ދާއިރާ ވެސް ވަނީ 1.2 އިންސައްތަ ދަށްވެފަ އެވެ.
އަގުތަކަށް އައި ބަދަލު ދައްކައިދޭ އިމްޕްލިސިޓް ޕްރައިސް ޑިފްލޭޓާ (އައިޕީޑީ) އަށް ބަލާއިރު، 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އައިޕީޑީ ހުރީ 115.7 ގަ އެވެ. މިއީ 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 4.6 އިންސައްތައިގެ އިތުރުވުމެކެވެ. މިއިން ދައްކައިދެނީ އިގުތިސާދުގައި އުފައްދާ މުދަލާއި ޚިދުމަތުގެ އަގުތައް އާންމުގޮތެއްގައި އުފުލިފައިވާ ކަމެވެ. 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ބަލާއިރު، އަގުތައް އުފުލިފައިވާ އެވްރެޖް ރޭޓަކީ 3.1 އިންސައްތަ އެވެ.








