ދިއްދޫ ބަލިކޮށް، ބިސް ބުރުން ފުރަތަމަ މޮޅު ހޯދައިފި
21 ސެޕްޓެމްބަރު 2026 | ހޯމަ 05:06މި މެޗާއެކު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދު ކަނޑާލައި، ފީފާ ބްރޭކަށް ވަނީ ގޮސްފައި. ބްރޭކަށް ދިޔައިރު އެއް ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު ވިކްޓަރީ ސްޕޯޓްސް ކުލަބު


މެޗުގައި ލަނޑު ޖެހުމަށް ފަހު ބިސް ބުރުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ | އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބިސް ބުރު ސްޕޯޓްސް ކުލަބުން ލީގުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
ގަލޮޅު ރަސްމީ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު ބިސް ބުރުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ބިސް ބުރުން ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ.
މެޗުގެ ދެ ވަނަ ހާފުގެ 68 ވަނަ މިނެޓުގައި ބިސް ބުރަށް ލީޑު ނަގައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ބާނަބާސް ފްރައިޑޭ އަކަންމީޑޫ އެވެ. އެއީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި އޭނާ ޖެހި ލަނޑެކެވެ. މެޗުގައި އިތުރު ލަނޑު ޖަހަން ބިސް ބުރަށް ފުރުސަތު ލިބުނުއިރު، ދިއްދޫ އިން ވެސް ވަނީ ލަނޑު ޖަހަން މަސައްކަތްކޮށްފަ އެވެ.
މިއީ މިފަހަރުގެ ލީގުގައި އަލަށް ވާދަކުރާ ބިސް ބުރުން ހޯދި ފުރަތަމަ މޮޅެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި ވަނީ ކުލަބު އީގަލްސް އަތުން ބަލިވެފަ އެވެ. އަނެއްކޮޅުން ދިއްދޫ އަށް މިއީ ލީގުގެ ދެ ވަނަ ބައްޔެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކުލަބު ބަލި ކުރި ނަމަވެސް، ދެ ވަނަ މެޗުގައި ވިކްޓަރީ އަތުން ބަލިވެ، ތިން ވަނަ މެޗުގައި ބިސް ބުރު އަތުން ވެސް ބަލިވީ އެވެ.
މި މެޗާއެކު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދު ކަނޑާލައި، ފީފާ ބްރޭކަށް ވަނީ ގޮސްފަ އެވެ. ބްރޭކަށް ދިޔައިރު އެއް ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު ވިކްޓަރީ ސްޕޯޓްސް ކުލަބެވެ. ދެ ވަނައިގައި އޮތް ކުލަބު އީގަލްސް އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ވެސް ދެ މެޗުން ލިބެނީ ހަ ޕޮއިންޓެވެ.
ހަތަރު ވަނައިގައި އޮޑި ސްޕޯޓްސް ކުލަބު އޮތްއިރު، ފަސް ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. ހަ ވަނައިގައި ދިއްދޫ އޮތްއިރު، ބިސް ބުރު އޮތީ ހަތް ވަނައިގަ އެވެ. އަށް ވަނައިގައި ޓީސީ ސްޕޯޓްސް ކުލަބު އޮތްއިރު، ނުވަ ވަނައިގައި އޮތީ ބުރެވެ. އަދި އެންމެ ފުލުގައި އޮތީ ގދ.ގައްދޫ އެވެ.










