ހާލު ކިހިނެއް ބ. ހިތާދޫ: ވަރަށް ކަންކަން ވެއްޖެ، ދެން ހުއްޓާލާ!
19 ސެޕްޓެމްބަރު 2026 | ހޮނިހިރު 07:36ބ. ހިތާދޫގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓި، ބޭސްފަރުވާގެ ދަތިކަމާއި ވަޒީފާއިން ވަކިކުރުމުގެ މައްސަލަތަކާ ގުޅިގެން އެ ރަށު ރައްޔިތުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފި. މީގެ އިތުރުން އެކަނިވެރި މައިންގެ އެލަވެންސް ލިބުމުގައި ހުރި ހުރަސްތަކާއި، ސަރުކާރުން ވީ ވައުދުތައް ނުފުއްދާތީ ރަށުގެ ހާލަތު އިތުރަށް ގޯސްވަމުންދާކަން ރައްޔިތުން ވަނީ ފާހަގަކޮށްފައި


ބ. ހިތާދޫ ހާލު ކިހިނެއް ޕްރޮގްރާމްގެ ތެރެއިން | ރާއްޖެ އެމްވީ
ރާއްޖެޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމަށް މައުލޫމާތު ދިން ބ. ހިތާދޫ އާންމު ރައްޔިތުން ވަނީ މިހާރު ކުރިމަތިވެފައިވާ ދިރިއުޅުމުގެ ބޮޑެތި ދަތިތަކާ ގުޅޭގޮތުން ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ. އެގޮތުން މަޝްރޫއުތައް ނުހިނގާ ކަމާއި، ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ ބޭސް ލިބުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރި އެވެ.
ރާއްޖެޓީވީއާ ވަހާކަ ދެއްކި އުމުރުން ދުވަސްވީ އެންމެން ވެސް ބުނެފައިވަނީ ހިތާދޫއިން ބޭސް ނުލިބޭ ކަމަށާއި ބައެއް ފަހަރު ރާއްޖެއިން ވެސް ނުލިބޭތީ އެތަށް ފައިސާއެއް ހަރަދުކޮށްގެން ރާއްޖޭން ބޭރުން ބޭސް ގަންނަން ޖެހޭ ކަމަށެވެ. އެގޮތުން އެކަކު ބުނެފައިވަނީ ކޮންމެ ފަހަރަކު ވެސް ޑޮކްޓަރަށް ދައްކަން އަންނަނީ މާލެއަށް ކަމަށާއި ބޭސް ގަންނަން ވެސް ޖެހެނީ މާލޭގެ އެކި ބޭސް ފިހާރަތަކަށް ހިނގައިގެން ކަމަށެވެ.
އެހަށް ދުވަހު މިއައީ އޭދަފުށިން ބޭސް ހިފައިގެން އެންމެ ފަހަރަކު ވެސް ހުރިހާ ބޭހެއް އެއްކޮށް ނުލިބޭ. މާލެއަށް ގުޅައިގެން އަނެއްތާކަށް ގުޅައިގެން ބޭސް ގެންނަން ޖެހެނީ. ފިރިމީހާ ބޭސް ގެންނަން ޖެހެނީ ހައްތަހާ ވެސް ބޭރުން މި މަހު ވެސް ގެނެއްސިން 882 ރުފިޔާގެ ބޭސް ބޭރުން ގަނެގެން. (އާސަންދަ) ނުލިބޭތީ ދޯ ބޭސް ގަންނަން މި ޖެހެނީބ. ހިތާދޫ ރައްޔިތެއް
ހިތާދޫ ފެނަކަ ބްރާންޗުން ކަނޑާލި މުވައްޒަފަކު ބުނި ގޮތުގައި އޭނާ ވަޒީފާއިން ކަނޑާލި ކަމަށް ބުނީ ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރޭގައި ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރަން ގޮސް ހުއްޓައި ކަމަށެވެ. އަދި ވަޒީފާއިން ވަކި ކުރަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ވެސް އޭނަ ބުނި އެވެ. މީގެ އިތުރުން އޭނާ ވަނީ އެކަނިވެރި މައިންގެ އެލަވެންސް ހޯދުމުގައި ވެސް ދަތިތަކެއް ދިމާވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެކަނިވެރިމައިންގެ އެލަވެންސް ލިބެނީއެއް ނޫން 12 ހާސް ލިބެޔޭ ބުންޏަކަަސް. އެވެސް ޝަރުތު ހަމައެއް ނުވޭ. އެދެން އޭރު ވަޒީފާގައި އުޅޭތީ ކަންނެއް ދެން އަދި ވަޒީފާއިން ކަނޑާލި ފަހުން މިއުޅެނީ އަދިވެސް ހަމަނުޖެހިގެން ކޮންމެވެސް އެއްޗެއް މަދުވެގެން. ދެން ގިނަ ފަހަަރަށް ބުނަނީ އަށް މަސް ދުވަސް ނުވަ މަސް ދުވަސް ނަގައޭ އޭތި ޕްރޮސެސް ވެގެން ލިބެންބ. ހިތާދޫ ރައްޔިތެއް
އެރަށުގެ ފެނަކަ ބްރާންޗުން ކަނޑާލި އިތުރު މުވައްޒަފަކު ވެސް ވަނީ އޭނާގެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. އަދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ލާފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
މިވާ އެއްޗަކީ ޖުލައި މަހު 22 ގައި އަޅުގަނޑަށް މި ގުޅަނީ، އަޅުގަނޑު އޭރު ހުރީ ޗުއްޓީގައި ހުއްޓާ މި ގުޅަނީ ގުޅާފައި މި ބުނަނީ ސްޓެލްކޯއިން އެބަ އާދެ އޭ ޖައްސާލަ ބަލާށޭ ސްކޫލް ދޮށަށް، ދެން އެމީހުން ޔުނިފޯމާއި ކާޑާއި އެއްޗެހި ހަވާލުކުރަން އަންނަ ވާހަކަ ދެން އެހެން ހުއްޓާ ގުޅައިފި މިކޮޅުގެ އެސިސްޓެންޓް މެނޭޖަރު ގުޅާފައި މި ބުނަނީ ނެރާއި ހަމައަށް އަރާފައި ނައްޓާލާފި އޯ. ދެން ގުޅާފައި މި ބުނަނީ ތިބޭފުޅާ ލިސްޓުގައި ނުހިމެނެ އޯބ. ހިތާދޫ ރައްޔިތެއް
މީގެ އިތުރުން، ހިތާދޫގައި ހިންގާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާ މަޝްރޫއުތަކުގެ ތެރެއިން، ބިން ހިއްކުމާއި މަލްޓި ޕަރޕަސް ހޯލް އަދި ފުޓުބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށްނުދާ ކަަމަށް ބުނެ އެރަށު ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކައުންސިލް އިންތިހާބާއި ދިމާކޮށް ދުވަހަކު ނުކުރާ ވަރަށް ކަންކަން ކުރި ކަމަށް ހިތާދޫއިން ވާހަކަ ދެއްކި އިތުރު ރައްޔިތަކު ބުންޏެވެ. އެގޮތުން ފެނަކައިން 12 މީހުންނަށް ވަޒީފާ ދިން ކަމަށާއި 10 މީހުންނަށް ޕްރޮމޯޝަން ދީ އަދި އެމްޓީސީސީ އިން 4 މީހުންނަށް ވަޒީފާ ދިން ކަމަށް އޭނާ ބުންޏެވެ. ހަމައެއާއެކު، އެއްވެސް މަސައްކަތެއް ފަށާފައި ނުވާ މަލްޓި ޕާރޕަސް ހޯލްގެ މަސައްކަތަށް 2 މީހުން ނެގި ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް ކައުންސިލް އިންތިހާބު ކާމިޔާބުނުވުމާ އެކު، ވަޒީފާއިން މީހުން ވަކިކުރަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.
ހިތާދޫ ރައްޔިތުން ބުނާ ގޮތުގައި ރަށުގެ ހާލަތު މިހާ ދަށްވެގެން ދިޔައިރު މިކަމަށް މި ސަރުކާރުން ހައްލެއް ހޯދަދީފައި ނުވެ އެވެ. އަދި މިކަން ހައްލު ވާނީ މި ސަރުކާރު ބަދަލުކޮށްގެން ކަމަށް އެ ރަށުން ވާހަކަ ދެއްކި ރައްޔިތުން ވަނީ ފާހަގަކޮށްފަ އެވެ.





