އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟
19 ސެޕްޓެމްބަރު 2026 | ހޮނިހިރު 12:14ކުރީގެ ރައީސް ޔާމީންގެ އަރިހުގައި ތިއްބެވި ސިޔާސީ ވެރިން އެމަނިކުފާނުގެ ވެރިކަމުގައި ހިނގި ކަމަށް ބުނާ ސިހުރުވެރިކަމާއި ޚިޔާނާތާއި އަދި އަނިޔާވެރިކަމުގެ ބޮޑެތި ތުހުމަތުތަކެއް ފެންމަތިކުރަން ފެށި ނަމަވެސް، އޭރު އެކަންކަން ދިފާއުކުރެއްވި ބޭފުޅުން މިއަދު މި ވާހަކަތައް ދައްކަވަން ފެއްޓެވުމުން، އެ ބޭފުޅުންގެ އިޚްލާސްތެރިކަމާ މެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައި


ކުރީގެ ރައީސް ޔާމީން، މެންބަރު ސުޖާއު، މެންބަރު ފަލާހު އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް | ރާއްޖެއެމްވީ ގްރެފިކްސް
ސިޔާސީ މަސްރަހަކީ އަބަދުވެސް ބަދަލުވަމުންދާ އެއްޗެކެވެ. ނަމަވެސް، އިއްޔެއާ ހަމައަށް އެއް ބޭފުޅެއްގެ ފަހަތްޕުޅުގައި ސަފުހަދައިގެން ތިބެ، އެ ބޭފުޅަކަށް ސަނާ ކިޔަމުންދިޔަ ސިޔާސީ ވެރިންތަކެއް، މިއަދު އެ ބޭފުޅެއްގެ ކިބައިގައި ހުރި ހުރިހާ "ސިއްރުތަކެއް" ބޭޒާރުކުރަން ފެށުމުން އުފެދޭ އެންމެ ބޮޑު ސުވާލަކީ މިއެވެ. އޭރު އެ ވާހަކަތައް ނުދެއްކެވީ ކީއްވެގެން ހެއްޔެވެ؟
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހިނގައިދިޔަ ކަންކަމާ ގުޅޭގޮތުން، އޭރު އެމަނިކުފާނުގެ އެންމެ އަރިހުގައި ތިއްބެވި އިސް ބޭފުޅުން މިހާރު ދައްކަވަމުން ގެންދަވާ ވާހަކަތަކުން ރައްޔިތުން ތިބީ ހައިރާންވެ އަންތަރީސްވެފަ އެވެ.
އޭރުގެ ޕީޕީއެމްގެ އިސް ސަފުގައި މަސައްކަތް ކުރެއްވި އަދި މިހާރުގެ ޕީއެންސީގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ހާމަކުރެއްވި ގޮތުގައި، ރައީސް ޔާމީނަކީ ފަންޑިތަ ހާހޫރައަށް އިންތިހާއަށް ދޯޅު ބޭފުޅެކެވެ. ކުރުސި ކިޔާފައި ނޫނީ ޔާމީން މިހާރު އެ ހުންނެވި ގެއަށް ނުބެއްލެވުމަށް ވެސް ފަލާހު ނަސޭހަތްތެރިވި އެވެ. 2018 ގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވުމުން ވެސް "ކަންބޮޑުނުވާށޭ، އަދި އިބޫއަކަށް ހުވައެއް ނުކުރެވޭނެއޭ" ވިދާޅުވި ކަމަށް ފަލާހު ވިދާޅުވި އެވެ. އަދި އެ ދުވަސްވަރު ސިހުރުވެރިއަކު ކޮންމެ ރެއަކު ދަންވަރު ރާޅުގަނޑަށް "އޮރިޔާމުން" ފައިބައި ހެދި ކަމަށާއި، ރާއްޖެތެރޭގައި ހުރި ހުރިހާ ރަތް ހާލެއް ހުރީ ޔާމީންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެއިތުރުން، ސިހުރާ ގުޅޭގޮތުން ޚުތުބާއެއް އައުމުން އެކަން ނުކުރެވޭނެ ކަމަށް ސިހުރުވެރިޔާ ބުނުމުން، "މިހާރު ކޮން ވާހަކައެއްހޭ ތި ދައްކަނީ، ތިބުނާ ސުވާލުތަކެއް އަންނާނީ މާފަހުންނެއް ނޫންހޭ، މިއީ އަދި މިދުނިޔެ ނޫންހޭ، ކުރިއަށް ގެންގޮސްދޭށޭ" ރައީސް ޔާމީން ވިދާޅުވި ކަމަށް ވެސް ފަލާހު ތުހުމަތުކުރެއްވި އެވެ.
މިފަދަ ބޮޑެތި ތުހުމަތުތަކެއް ފަލާހު ކުރެއްވި އިރު، ޕީއެންސީގެ އިސް ބޭފުޅެއް ކަމަށްވާ އިބްރާހީމް ޝުޖާއު ސުވާލު ކުރައްވަނީ، ރައީސް ޔާމީން އިންސާނުން ދަސްކުރާނީ ކޮން އިރަކުންތޯ އެވެ؟ އޭނާ ވިދާޅުވީ އަބްދުއްރަހީމް ފަދަ ބޭފުޅުން ފަހުނޭވައާ ޖެހެންދެން ޔާމީނަށް އިހްލާސްތެރިކަމާއެކު ޚިދުމަތް ކުރެއްވި ކަމަށެވެ. އެ ދުވަސްވަރު މެޑަމް ފާތުންނަށް ފަރިއްނުކުޅުއްވެނީ ފަލާހު ނެތިގެން ކަމަށާއި، ނަމަވެސް މިއަދު ފަލާހު ވަރުގެ ނުލަފާ މީހަކު ނެތިގެން އުޅޭ ކަމަށެވެ. މުޅި ހަޔާތް ޤުރުބާން ކުރެއްވި އަބްދުއްރަހީމް ވެސް މިއަދު ވީ "ޓިނުގަނޑަކަށް" ކަމަށް ވިދާޅުވެ ޝުޖާއު ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.
ޕާޓީގެ ފައިސާއަށް ވީގޮތާ މެދު ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމަށް ދިން ފައިސާއަށް ހެދިގޮތް އެނގޭ ކަމަށާއި، ގޭގެ ކަރަންޓު ބިލާއި، ލޯޔަރު ފީ އަދި ސްކޫލް ފީ ދެއްކުމަށް އެ ފައިސާ ބޭނުންކުރި ކަމުގެ ހަނދާން އެބަހުރި ކަމަށެވެ.
މި މައުޟޫގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަން ނިމިގެންދިޔައީ ބޮޑާކަމާއި ކިބުރުވެރިކަމާއި ނުލަފާކަމާއި ބަސްނޭހުމާއި އަދުލު އިންސާފު ޤާއިމުނުކުރުމާއި އަނިޔާވެރިކަމާއި ޚިޔާނާތްތެރިވުމާއި ދިވެހި ރައްޔިތުންގެ ބައިތުލްމާލު ދިރުވާލުމާއި އަދި އަނބިމީހާގެ ދަށުވުމުގެ ސަބަބުން ކަމަށެވެ. ތިމާ ނޫން އެންމެންނަކީ މޮޔައިން، ގަމާރުން، ވައްކަންކުރާ މީހުން އަދި ޚިޔާނާތްތެރިން ކަމަށް ދެކޭ މިންވަރަށް "މަވެތިކަން" އިސްކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެ ދުވަސްވަރުގެ އަނދިރި ހަނދާންތައް އައުކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ، މީގެ ކުރިން ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކޮށް ޖަލަށްލުން ފަދަ ކަންކަން ހިނގި ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރުންގެ އިތުރުން 30 އަހަރު ވެރިކަން ކުރައްވައި ނޮވެމްބަރު 3 ގެ އުދުވާނުން ޤައުމު ސަލާމަތްކޮށްދެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކުޑަ ގޮޅީގައި ވަރަށް ހާލުގައި ތިއްބެވި މަންޒަރު ދެކެވަޑައިގެންނެވި ކަމަށާއި، އެއީ ވަރަށް އުނދަގޫ އިހުސާސެއް ކުރެވުނު ކަމެއް ކަމަށެވެ.
މި ހުރިހާ ވާހަކަތަކެއް މިއަދު މި ބޭފުޅުން ތިލަކުރައްވާއިރު، އުފެދޭ އެންމެ ބޮޑު ސުވާލަކީ، އޭރު މި ވާހަކަތައް ނުދެއްކެވީ ކީއްވެގެން ހެއްޔެވެ؟
އޭރު އިދިކޮޅު ފަރާތްތަކުން މި ހުރިހާ ވާހަކައެއް ދެއްކުމުން، އެއީ ހުރިހާ ވާހަކަތަކެއް ވެސް ވާނީ "ސައިބޯނި ބޮތްކަކަށް" ކަމަށް ވިދާޅުވެ ދިފާއުކުރީ ހަމަ މި ބޭބޭފުޅުންނެވެ. އެ ވާހަކަތައް ދެއްކި މީޑިއާތަކުގެ އަނގަ ބަންދުކޮށް، ބޮޑެތި ޖޫރިމަނާތަކާއި އަނިޔާތައް ދިން އިރު، އެ ބޭފުޅުން ތިއްބެވީ ޔާމީންގެ ހިމާޔަތުގަ އެވެ. މިއަދު "އަޅުގަނޑުމެންނަށް މުހިއްމީ ޔާމީނެއް ނޫނޭ، ޤައުމޭ" ވިދާޅުވެ ދައްކަވާ ވާހަކަތަކުން، އެ ބޭފުޅުންގެ އިޚްލާސްތެރިކަމާ މެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދެ އެވެ.
ބާރާއި ނުފޫޒުގައި ތިބިއިރު ރައްޔިތުންނަށް އޮޅުވާލައި، ދައުލަތުގެ ތެރޭގައި ހިންގި ބޮޑެތި ޚިޔާނާތްތަކާއި ނޭއްގާނީ އަމަލުތަކުގެ ވާހަކަ، އޭރު އެކަމުގައި އިސްކޮށް އުޅުއްވި ބޭފުޅުން މިއަދު މިނިވަންކަމާއެކު ދައްކަވަން ފެއްޓެވުމަކީ އުފެދޭ އެންމެ ބޮޑު އެއް ސުވާލެވެ. އެހެންނަމަވެސް، އުފެދޭ އަނެއް ސުވާލަކީ މީގެއިން އެއްވެސް ވާހަކައެއް އޭރު ނުދެއްކެވީ ކީއްވެގެން ހެއްޔެވެ؟
ވެރިކަމުގެ ލައްޒަތާއި ބާރު އޮތް ދުވަހު، މި ހުރިހާ ކަމެއް ވެސް އޮތީ ވަރަށް ރަނގަޅަށް ކަމަށް ވިދާޅުވެ، އެ ނޭއްގާނީ ކަންކަން ދިފާއުކުރެއްވީ ހަމަ މިއަދު މި ވާހަކަތައް ދައްކަވާ ބޭފުޅުންނެވެ. ގޯހެއް ހިނގާކަން އެނގިތިބެ، އެކަންކަން ފޮރުއްވާ، ދިފާއުކުރެއްވުމަށްފަހު، އެހެން މީހެއްގެ ދަށުވެ އާރާބާރުގައި އެ ވާހަކަތައް މިއަދު ދައްކަވަން ފެއްޓެވުމަކީ އިޚްލާސްތެރިކަން ހެއްޔެވެ؟
މުސްކުޅިން ބުނެ އުޅެ އެވެ. "ދައްކަވަން ހުރި ތަނެއް ދައްކަވާފައޭ ގެންދަވާނީ". ސިޔާސީ މަންފާއަށްޓަކައި އެއްބަޔަކު އަނެއް ބަޔަކު ފަޟީހަތްކޮށް، އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަމުންދާއިރު، ރައްޔިތުންނަށް މިއަދު ފެންނަމުން މިދަނީ ސިޔާސީ މަސްރަހުގެ އެންމެ ހުތުރު އަދި ހިތި ހަގީގަތެވެ.









