ރިޝްވަތާއި މަނީ ލޯންޑަރިން މައްސަލައިގައި ކުރީގެ ރައީސް ޔާމީން މި މަހުގެ 29 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރަނީ
17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 16:00ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް، މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކާ އެއްގޮތަށް އަލުން ފެށުމަށް ކްރިމިނަލް ކޯޓަށް ވަނީ އަންގާފައި. މިގޮތުން މި މަހުގެ 29 ވަނަ ދުވަހު ބާއްވާ އަޑުއެހުމަކީ، ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ފުރުސަތު ދިނުމަށް ބާއްވާ ބައްދަލުވުމެއް


ކުރީގެ ރައީސް ޔާމީން
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާތަކުގެ އަޑުއެހުމަކަށް އެމަނިކުފާނު މި ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.
ކްރިމިނަލް ކޯޓުން ރައީސް ޔާމީން އަށް ފޮނުވާފައިވާ ޗިޓުގައި ވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 29 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:15 އަށް އެ ކޯޓަށް ހާޒިރުވުމަށެވެ. މި އަޑުއެހުމަކީ އެމަނިކުފާނުގެ މައްޗަށް ކުރެވޭ ދައުވާތަކާ ގުޅިގެން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭގޮތުން ވާހަކަދެއްކުމަށް ބާއްވާ އަޑުއެހުމެކެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެފައިވާ ކަމަށް ބުނެ، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި، 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ 25 ޑިސެންބަރު 2022 ގަ އެވެ. ނަމަވެސް، އެ ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ދިގުދެމިގެންދިޔަ ޝަރީއަތަކަށް ފަހު ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށްފަ އެވެ.
ހައިކޯޓުން މި މައްސަލަ އަލުން ބެލުމަށް އެންގިއިރު ކަނޑައަޅާފައިވަނީ، ދަށު ކޯޓުން ޝަރީއަތް ކުރިއަށް ގެންދިޔައިރު ދައުލަތުން ފަހުން ހުށަހެޅި އައު ހެކިތައް ބަލައިގަނެގެން ނުވާނެ ކަމަށެވެ. ކްރިމިނަލް ކޯޓުން ކުރިން އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމީ އެ އައު ހެކިތަކުގެ މައްޗަށް ބިނާކޮށެވެ. ހައިކޯޓުގެ މި ނިންމުމަށް ތާއީދުކޮށް، އެ މައްސަލައިގައި ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް ވަނީ މިދިޔަ ޖުލައި މަހުގެ ފުރަތަމަ ދުވަހު ހުކުމްކޮށްފަ އެވެ.
އެހެންކަމުން، މި ހިނގާ ސެޕްޓެމްބަރު މަހުގެ 29 ގައި ކްރިމިނަލް ކޯޓުގައި އަލުން ފެށުމަށް ހަމަޖެހިފައިވަނީ ސުޕްރީމް ކޯޓާއި ހައިކޯޓުގެ ނިންމުންތަކާ އެއްގޮތަށް، އައު ހެކިތައް ނުހިމަނައި ކުރިއަށްގެންދާ ޝަރީއަތުގެ މަރުހަލާ އެވެ.











