އޮފީހުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ދޭން ސިވިލް މުވައްޒަފުން ޕީއެންސީގެ ކޮންގްރެސްގެ މަސައްކަތަށް ނެރެވޭނެ: ސީއެސްސީގެ ރައީސް
15 ސެޕްޓެމްބަރު 2026 | އަންގާރަ 07:45ޕީއެންސީގެ ކޮންގްރެސްގެ މަސައްކަތްތަކަށް ސިވިލް ސަރވިސް މުވައްޒަފުން ނެރޭ މައްސަލައިގައި އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އެއީ ކުރެވިދާނެ ކަމެއް ކަމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ވިދާޅުވެއްޖެ. މުވައްޒަފުންނަށް އިތުރުގަޑީގެ މަސައްކަތް ހަވާލުކުރުމުގެ އިޚުތިޔާރު އޮފީސްތަކަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވި ނަމަވެސް، ސިޔާސީ ހަރަކާތްތަކުގައި މުވައްޒަފުން ބޭނުންކުރާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން


ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުހައްމަދު މުޖުތާޒު | ރައީސް އޮފީސް
ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެސްއާ ދިމާކޮށް، ސަރުކާރުގެ އެކި މިނިސްޓްރީތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުން ދަންފަޅިތަކަކަށް ބަހާލައިގެން އެ ކޮންގްރެސްގެ މަސައްކަތްތަކަށް ނެރެމުންދާ މައްސަލައެއް ފެންމަތިވެފައިވާއިރު، އެއީ ކުރެވިދާނެ ކަމެއްކަމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުހައްމަދު މުޖުތާޒު ވިދާޅުވެއްޖެ އެވެ.
މިކަމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާއިރު، ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އެއީ ކުރެވިދާނެ ކަމެއްކަމަށް ބުނެފަ އެވެ.
ޕީއެންސީގެ ކޮންގްރެސްގެ މަސައްކަތްތަކަށް ސިވިލް މުވައްޒަފުން ނެރެން މަޖުބޫރުކުރަމުންދާ މައްސަލައިގައި ރާއްޖެއެމްވީން ވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުހައްމަދު މުޖުތާޒުއަށް ގުޅައި ސުވާލުކޮށްފަ އެވެ. ރާއްޖެއެމްވީން ސުވާލުކޮށްފައިވަނީ، ހުކުރު ދުވަހު ވެސް ޕީއެންސީގެ ކޮންގްރެސްގެ މަސައްކަތްތަކަށް މުވައްޒަފުން ދަންފަޅި ބަހައިގެން ނެރެން މަޖުބޫރުކޮށްފައިވާއިރު، މިއީ ސިވިލް ސަރވިސްގެ ގަވާއިދުތަކުގެ ދަށުން ކުރެވިދާނެ ކަމެއްތޯ އެވެ.
މި ސުވާލުގެ ޖަވާބުގައި ކޮމިޝަނުގެ ރައީސް މުހައްމަދު މުޖުތާޒު ވިދާޅުވީ، ސިވިލް ސަރވިސް މުވައްޒަފުންނަށް އިތުރު ގަޑީގެ މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި އޮފީހުގެ މަސައްކަތްތަކަށް މުވައްޒަފުން ނެރުމުގެ އިޚުތިޔާރު އޮފީސްތަކަށް އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުޖުތާޒު އިތުރަށް ވިދާޅުވީ، އޮފީސްތަކާ ގުޅޭ މައުލޫމާތު އެކި ފަރާތްތަކަށް ދިނުމަކީ އޮފީހުގެ މަސައްކަތެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށެވެ.
ނަމަވެސް، ސިޔާސީ ޕާޓީއެއްގެ އެތެރޭގެ ކޮންގްރެސްއަކާ ގުޅޭ އިދާރީ މަސައްކަތްތަކަކީ ސަރުކާރުގެ މިނިސްޓްރީތަކުގެ ރަސްމީ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދުތައް ބުނާގޮތުން، ސިވިލް ސަރވިސް މުވައްޒަފުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، ވަކި ފަރާތަކަށް ނުޖެހި ޚިދުމަތް ދޭންޖެހޭ ބައެކެވެ. ނަމަވެސް މިހާރަކަށް އައިސް ސަރުކާރުގެ ސިޔާސީ ހަރަކާތްތަކުގައާއި ވެރިކަން ކުރާ ޕާޓީގެ އެކި ކަންކަމުގައި ސިވިލް މުވައްޒަފުން ބޭނުންކުރާ މައްސަލަ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިކަމާ ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނުން މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކުރުމުގެ ބަދަލުގައި، ސަރުކާރުގެ އަމަލުތައް ދިފާއުކުރަމުންދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.










