ޕީއެންސީގެ ކޮންގްރެސްއާ ދިމާކޮށް، މިނިސްޓްރީތަކުގެ ސިވިލް މުވައްޒަފުން ގަޑިބަހައިގެން ކޮންގްރެސްގެ މަސައްކަތަށް ނުކުންނަން މަޖުބޫރުކޮށްފި
15 ސެޕްޓެމްބަރު 2026 | އަންގާރަ 06:35ޕީއެންސީގެ ކޮންގްރެސްއާ ގުޅިގެން ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގެ ސިވިލް ސަރވިސް މުވައްޒަފުން ޑިއުޓީ ބަހައިގެން ސިޔާސީ މަސައްކަތްތަކަށް ނެރެމުންދާތީ މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފި. މިގޮތުން ކޮންގްރެސްގެ މަންދޫބުން ކުރާ ސުވާލުތަކަށް ޖަވާބުދާރީވުމަށް މިނިސްޓްރީތަކުގައި ވަކި ސެޓަޕްތަކެއް ހަދައި، ވަޒީފާގެ މަސްއޫލިއްޔަތުން ބޭރުން މަސައްކަތްކުރަން މަޖުބޫރުކުރާކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި


ވެރިކަން ކުރާ ޕާޓީ (ޕީއެންސީ) ގެ ކޮންގްރެސް | ޕީއެންސީ
ވެރިކަން ކުރާ ޕާޓީ (ޕީއެންސީ) ގެ ކޮންގްރެސްއާ ދިމާކޮށް ސަރުކާރުގެ މިނިސްޓްރީތަކުގެ ސިވިލް މުވައްޒަފުން ގަޑިބަހައިގެން ކޮންގްރެސްގެ މަސައްކަތަށް ނުކުންނަން މަޖުބޫރުކޮށްފައިވާކަން ހާމަވެއްޖެ އެވެ.
އެކަމުގެ މައުލޫމާތު އެނގޭ މުވައްޒަފުން ވަނީ ރާއްޖެއެމްވީއާ އެ މައުލޫމާތު ހިއްސާކޮށްފަ އެވެ.
ހެލްތު މިނިސްޓްރީން ރާއްޖެއެމްވީއާ ވާހަކަދެއްކި މުވައްޒަފުން ކިޔާދިން ގޮތުގައި މިނިސްޓްރީގެ މީޓިންގ ރޫމްގައި ޑިއުޓީ ބަހައިގެން ކޮންމެ ޑިޕާޓްމަންޓަކުން މުވައްޒަފަކު ޕީއެންސީގެ ކޮންގްރެސްގެ ބޭނުމަށްޓަކައި މަޑުކުރަންޖެހެ އެވެ. މިގޮތަށް މަޑުކުރުމުގެ ބޭނުމަކީ ކޮންގްރެސް ކުރިއަށްދާއިރު ކޮންގްރެސްގައި ބައިވެރިވާ ޕީއެންސީގެ މަންދޫބުން ސަރުކާރުގެ އެކި އިދާރާތަކާ ކުރިމަތިކުރާ ސުވާލުތަކަށް ވަގުތުން ޖަވާބުދާރީވުމެވެ.
ބައެއް މުވައްޒަފުން ކިޔާދިން ގޮތުގައި ކޮންގްރެސްއަށް ތައްޔާރުވުމުގެ ގޮތުން މީގެ ކުރިން ވެސް ވަނީ އެކި ޑިޕާޓްމަންޓުތަކުން ޕްރެޒެންޓޭޝަން ތައްޔާރުކޮށް ހަވާލު ވެސް ކޮށްދީފަ އެވެ. އަދި މިނިސްޓްރީގައި މިގޮތަށް ކޮންގްރެސްގެ ޑިއުޓީ އަދާކުރަމުންދާއިރު ސުވާލު އައިސްދާނެ ރަށްރަށާއި އައިސްދާނެ ސުވާލުތަކުގެ ކަރުދާހެއްވެސް ވަނީ މިނިސްޓްރީގެ ސިޔާސީ މީހުންނާ ހަވާލުކޮށްފަ އެވެ.
ރާއްޖެއެމްވީއާ ވާހަކަދެއްކި މުވައްޒަފުން ބުނި ގޮތުގައި މިނިސްޓްރީގެ ބޭފުޅުން ފުރަތަމަ އެންގީ އެބޭފުޅުންނާއެކު ކޮންމެ ޑިޕާޓްމަންޓަކުން މައުލޫމާތު ދޭނެ ސިވިލް މުވައްޒަފުން ކޮންގްރެސް ހިނގަމުންދާ ސޯޝަލް ސެންޓަރަށް ޑިއުޓީއަށް ނުކުތުމަށެވެ. ނަމަވެސް މިނިސްޓްރީގެ ޕީއެސް އެކަމާ ދެކޮޅު ހެއްދެވުމުން މިހާރު މިނިސްޓްރީގައި ވަކި ސެޓަޕެއް ހަދައިގެން އެ މަސައްކަތް ކުރާ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.
މިނިސްޓްރީގެ މީޓިންގ ރޫމް ޕީއެންސީގެ ކޮންގްރެސް ނިމެންދެން އެ ކޮންގްރެސް ކުރިއަށްދާ ތަނާ ކަނެކްޓްވެފައި ހުންނަކަމަށާއި، ހުކުރު ދުވަހުވެސް ހަމަ މި މަސައްކަތަށް ދަންފަޅި ބަހައިގެން ނުކުންނަން މަޖުބޫރު ކޮށްފައިވާކަމަށް ވެސް މުވައްޒަފުން ވަނީ ކިޔާދީފަ އެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް އިރު އޮއްސި 6 ޖަހަންދެން މުވައްޒަފުން މި މަސައްކަތުގައި އުޅެން ވަނީ މަޖުބޫރުކޮށްފަ އެވެ.
މުވައްޒަފުންގެ ދަތިކަން އޮތްއިރު ސިޔާސީ ބޭނުމަށް ވަޒީފާގެ މަސްއޫލިއްޔަތުން ބޭރުން މި މަސައްކަތްތައް ކުރުވަން މަޖުބޫރު ކުރުވާތީ މުވައްޒަފުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމީހުން ބުނާ ގޮތުގައި މިއީ ސިޔާސީ ޕާޓީއަކުން ހިންގާ ސިޔާސީ ހަރަކާތެއްގައި ސިވިލް ސަރވިސް މުވައްޒަފުން މަޖުބޫރުކޮށްގެން ބައިވެރިކުރުވުމެވެ.
ހެލްތު މިނިސްޓްރީގެ އިތުރުންވެސް އިތުރު އެހެން ވުޒާރާތަކުގައި މިކަން ހިނގަމުންދާކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މިކަމާ ގުޅޭގޮތުން ބަހެއް ހޯދާލުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުހައްމަދު މުޖުތާޒުއަށް ގުޅާލުމުން އޭނާ ވިދާޅުވީ، އެފަދަ ކަމެއް ހިނގާކަމުގެ މައުލޫމާތު އަދި ލިބިވަޑައިގެންފައިނުވާ ކަމަށާއި، އެކަން ބައްލަވާނެ ކަމަށެވެ.










