ޖަލުތަކުގައި ޖާގަ އިތުރުކުރަމަށް ދަނީ މަސައްކަތް ކުރަމުން، ވަރަށް އަވަހަށް 300 އަށް ވުރެއް ގިނަ ޖާގަ އިތުރު ނުކުރެވިއްޖެނަމަ މައްސަލަތަކާ ކުރިމަތިވާނެ: ސީޕީ
19 ސެޕްޓެމްބަރު 2026 | ހޮނިހިރު 08:10ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް 400 އެއްހާ ގޮޅި ތަރައްގީކޮށްފައިވާއިރު، ކައިރި މުސްތަގުބަލެއްގައި އިތުރު 300 ޖާގަ ބޭނުންވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޒަރީރު ވިދާޅުވި. ޖަލުތަކަށް މީހުން އިތުރުވުމުގެ ސަބަބުން އޮފިސަރުންނަށް ބާރުބޮޑުވަމުންދާތީ، އޮފިސަރުން އިތުރުކޮށް ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން. މީގެ އިތުރުން، ވަސީލަތްތައް މަދުނަމަވެސް ޖަލަށް މަނާތަކެތި ވެއްދުން ހުއްޓުވުމަށް އޮފިސަރުން ނަޒާހަތްތެރިކަމާއެކު މަސައްކަތްކުރުމަށް ސީޕީ ވަނީ އިލްތިމާސް ކުރައްވާފައި


ހުކުރު ދުވަހުގެ ރޭ ބޭއްވި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން އަލަށް ވަޒީފާއާ ގުޅޭ އޮފިސަރުން ތަމްރީންކުރުމަށް ހިންގި ''އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް'' ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން | ކަރެކްޝަންސް
ޖަލުތަކުގައި ޖާގަ އިތުރުކުރަމަށް މަސައްކަތް ކުރާ ކަމަށާއި، ކައިރި މުސްތަގުބަލެއްގައި 300 އަށް ވުރެއް ގިނަ ޖާގަ އިތުރު ނުކުރެއްވިއްޖެނަމަ މައްސަލަތަކާ ކުރިމަތިވާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ ބޭއްވި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން އަލަށް ވަޒީފާއާ ގުޅޭ އޮފިސަރުން ތަމްރީންކުރުމަށް ހިންގި ''އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް'' ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ، ޕްރިޒަން އޮފިސަރުންނާއި ސިވިލް މުވައްޒަފުން ކުރަމުންދެންދަނީ ވަރަށް މުހިއްމު އަދި ބުރަ ގައުމީ ވާޖިބެއް ކަމަށާއި 55 އަހަރުވީ މި ޚިދުމަތަކަށް، 2013 ގައި ގާނޫނު ވުޖޫދުވެގެން ސިވިލް ސަރވިސްއިން ވަކި ޚިދުމަތަކަށް ބަދަލުވެގެން ގޮސް ތަރައްގީ ވެފައިވީ ނަމަވެސް، ކަރެކްޝަންސްގެ މަސައްކަތްތައް އެންމެ ބޭނުންވާ ވަރަށް ޒަމާނީ ވެފައިނުވާ ކަމަށެވެ.
އޮފިސަރުން ތަމްރީނުކުރަމަށާއި ގައިދީން އިސްލާހުކުރުމަށް އައިކޯސްޓުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، މިހާރުވެސް 200 އެއްހާ އޮފިސަރުންނާއި މުވައްޒަފުން ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކިޔަވަމުންދާ ކަމަށެވެ. އަދި ދޫނިދޫ ޖަލާއި މާލޭ ޖަލު ބަންދުކުރުމަށްފަހު، އެ ގެއްލުނު ގޮޅިތަކުގެ ޖާގަތަކަށް ހައްލެއް ނުހޯދެނީސް ޖަލުތަކަށް ބަންދު ކުރުމަށް 520 އަށް ވުރެއް ގިނަ މީހުން ވައްދަން ޖެހުމުން، ޖަލުތަކުގެ ޖާގައިގެ ދަތިކަމުގެ އިތުރުން ގާނުނުގައި ލާޒިމްކުރާ ރޭޝިއޯއަށްވުރެއް އޮފިސަރުން މަދުވެ، ތިބި އޮފިސަރުންނަށް ލޯޑު ބޮޑުވެގެންދާކަން ފާހަގަކުރެއްވި އެވެ.
ޖަލުތަކުގައި ޖާގަ އިތުރުކުރަމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށާއި އަދި ކައިރި މުސްތަގުބަލެއްގައި 300 އަށް ވުރެއް ގިނަ ޖާގަ އިތުރު ނުކުރެއްވިއްޖެނަމަ މައްސަލަތަކާ ކުރިމަތިވާނެ ކަަމަށް ސީޕީ ވިދާޅުވި އެވެ. އަދި އޮފިސަރުންގެ ދަތިކަން ހައްލުކުރުމަށް ދަސްވެނިވި 10 އޮފިސަރުންގެ އިތުރުން މިހާރުވެސް މާފުށީ ޖަލުގައި އޮފިސަރުންތަކެއް ތަމްރީން ހާސިލުކުރަމުންދާކަން ސީޕީ ފާހަގަކުރެއްވި އެވެ.
ޕްރިޒަން އޮފިސަރުންގެ ހިތްވަރާއި ހީވާގި މަސައްކަތްތަކަށް އަލި އަޅުއްވާލައްވައި ސީޕީ ވިދާޅުވީ ކަރެކްޝަންސްގެ އޮފިސަރުން ސިފައިން އަދި ފުލުހުން ފަދައިން ގައުމަށްޓަކައި ޚިދުމަތްކޮށް ފުރާނައިން ގުރުބާންވާނެ ކަމަށް ހުވާކޮށްގެން ތިބޭ ބައެއް ކަމަށާއި، ޒަމާނީ ވަސީލަތްތައް މަދުނަމަވެސް ޖަލަށް ވެއްދުން މަނާތަކެތި ޖަލަށް ވެއްދުން ހުއްޓުވުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި އޮފިސަރުންނާއި މުވައްޒަފުންގެ ތެދުވެރިކަމާއި ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ނަސޭހަތްތެރިވެ، އޮފިސަރުންނާއި މުވައްޒަފުންގެ ހިވާތި އަދި ބުރަ މަސައްކަތްތަކަށް ޝުކުރުދެންނެވި އެވެ.










