ހަތް ލަނޑުން ބަޔާން މޮޅުވި މެޗުގައި ކޭން އަށް ރެކޯޑެއް
19 ސެޕްޓެމްބަރު 2026 | ހޮނިހިރު 05:12އެ ލަނޑާ އެކު ކޭން ވެގެން ގޮސްފައި ވަނީ، އެންމެ މަދުން މެޗު ކުޅެގެން ޖަރުމަނު ލީގުގައި 100 ލަނޑު ހަމަކުރި ކުޅުންތެރިޔާ އަށް


މެޗުގައި ލަނޑު ޖެހުމަށް ފަހު ބަޔާންގެ ކޭން އުފާ ފާޅުކުރަނީ | ރޮއިޓާސް
ޖަރުމަނު ލީގުގައި ޔޫނިއަން ބާލިންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އިން އެއް ވަނަ އަށް ޖެހިލައިފި އެވެ.
ބަޔާންގެ އަމިއްލަ ދަނޑުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 7-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބަޔާން އިން ތިން ލަނޑު ޖެހިއިރު، އަނެއް ހަތަރު ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗު ފަށައިގެން 18 ވަނަ މިނެޓުގައި ބަޔާން އަށް ލީޑު ނަގައިދިނީ ޖަމާލް މުސިއާލާ އެވެ. އޭގެ ފަހުން މެޗުގެ 39 ވަނަ މިނެޓުގައި ބަޔާން އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ދެ ވަނަ ލަނޑު ޖެހީ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އެވެ. އެ ލަނޑާ އެކު ކޭން ވެގެން ގޮސްފައި ވަނީ، އެންމެ މަދުން މެޗު ކުޅެގެން ޖަރުމަނު ލީގުގައި 100 ލަނޑު ހަމަކުރި ކުޅުންތެރިޔާ އަށެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ބަޔާންގެ ތިން ވަނަ ލަނޑު ޖެހީ މައިކަލް އޮލައިސޭ އެވެ. ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި ކޭން ވަނީ ބަޔާންގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ފަހުން މެޗުގެ 70 ވަނަ މިނެޓުގައި ބަޔާންގެ ފަސް ވަނަ ލަނޑު ޖެހީ އިސްމާއީލް ސައިބާރީ އެވެ.
އޭގެ ތިން މިނެޓު ފަހުން އޮލައިސޭ ވަނީ ބަޔާންގެ ހަ ވަނަ ލަނޑު ޖަހައިފަ އެވެ. އެ ލަނޑު ޖެހިތާ ތިން މިނެޓު ފަހުން އޮލައިސޭ ވަނީ ބަޔާންގެ ހަތް ވަނަ ލަނޑު އަދި މެޗުގައި އޭނާގެ ހެޓްރިކް ހަމަކޮށްފަ އެވެ.
މޮޅާ އެކު ބަޔާން އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަޔާން މޮޅުވީއިރު، އަނެއް މެޗުން ވަނީ އެއްވަރުވެފަ އެވެ.










