Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

އާޖެންޓިނާ އާ ދެކޮޅަށް ނުކުމެ އިންގްލެންޑަށް 60 އަހަރުވަންދެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދިދާނެތަ؟

ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އާޖެންޓީނާއާ ދެކޮޅަށް އިންގްލެންޑް ނުކުންނައިރު، މިއީ 60 އަހަރަށް ފަހު އެ ގައުމަށް ފައިނަލުން ޖާގަ ހޯދުމަށް ލިބޭ ތާރީޚީ ފުރުސަތެއް. ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ވާދަވެރިކަމުގެ ސަބަބުން މި މެޗަށް ބޮޑު ސަމާލުކަމެއް ހުއްޓިފައިވާއިރު، ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅޭ އިންގްލެންޑް ޓީމު ބޮޑަށް ބަރޯސާވަނީ ކޭން އާއި ބެލިންހަމްގެ ހުނަރަށް. މެސީގެ ފަހު ވޯލްޑް ކަޕަށް ވުމުގެ ފުރުސަތު އޮތް މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށް، މާޒީގެ ނާކާމިޔާބީތައް ފޮހެލުމުގެ އަޒުމުގައި ދެ ޓީމުން ވެސް ތިބީ ވަރުގަދަ ރޫހެއްގައި.

ރާއްޖެ އެމްވީ | 15 ޖުލައި 2026 | ބުދަ 11:42
މި ފޮޓޯ އިލަސްޓްރޭޝަނުން ފެންނަނީ، ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލްގައި އިންގްލެންޑާއި އާޖެންޓީނާ ބައްދަލުކުރާ މެޗުގައި ހިމެނޭ އިންގްލެންޑް ޓީމުގެ (ވާތުން ކަނާތައް) އެލިއަޓް އެންޑަސަން، ޖޫޑް ބެލިންގްހަމް، ޖޯޑަން ޕިކްފޯޑް އަދި ހެރީ ކޭންގެ އިތުރުން އާޖެންޓީނާ ޓީމުގެ ލިއޮނަލް މެސީ، އެމިލިއާނޯ މާޓިނޭޒް، ލިއަންޑްރޯ ޕަރޭޑޭސް އަދި ހޫލިއަން އަލްވަރޭޒް.

މި ފޮޓޯ އިލަސްޓްރޭޝަނުން ފެންނަނީ، ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލްގައި އިންގްލެންޑާއި އާޖެންޓީނާ ބައްދަލުކުރާ މެޗުގައި ހިމެނޭ އިންގްލެންޑް ޓީމުގެ (ވާތުން ކަނާތައް) އެލިއަޓް އެންޑަސަން، ޖޫޑް ބެލިންގްހަމް، ޖޯޑަން ޕިކްފޯޑް އަދި ހެރީ ކޭންގެ އިތުރުން އާޖެންޓީނާ ޓީމުގެ ލިއޮނަލް މެސީ، އެމިލިއާނޯ މާޓިނޭޒް، ލިއަންޑްރޯ ޕަރޭޑޭސް އަދި ހޫލިއަން އަލްވަރޭޒް. | ގެޓީ އިމޭޖަސް

1966 ވަނަ އަހަރު ވެމްބްލީގައި ކުޅުނު ވޯލްޑް ކަޕް ފައިނަލް ކާމިޔާބުކުރި ފަހުން، އިންގްލެންޑުން ކުޅޭނެ އެންމެ މުހިންމު މެޗުގައި އާޖެންޓީނާއާ ދެކޮޅަށް ނުކުންނައިރު، މިއީ ފުޓްބޯޅައިގެ ތާރީޚުގައި ނުފޮހެވޭނެ ފަދަ ކާމިޔާބީއަކާ ދިމާލަށް ބޮޑު ފިޔަވަޅެއް އެޅުމަށް އެ ގައުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި "ތުރީ ލަޔަންސް" އިން ވަނީ ދެ ފަހަރަކު ވޯލްޑް ކަޕް ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެއީ 1990 ވަނަ އަހަރު އިޓަލީގައި ބޭއްވި މުބާރާތާއި، މީގެ އަށް އަހަރު ކުރިން ރަޝިއާގައި ބޭއްވި މުބާރާތުގަ އެވެ. ނަމަވެސް މިފަހަރުގެ ކުރިމަތިލުމަކީ ދެގައުމުގެ ދެމެދުގައި ހިނގި ތާރީޚީ ހަނގުރާމަ އާއި، މައްސަލަ ބޮޑު އެތައް ހާދިސާތަކެއް އެކުލެވިގެންވާ ވާދަވެރިކަމެއް އަލުން އާވެގެންދާނެ ކުރިމަތިލުމެކެވެ.

އެންމެ ފަހުން ބޭއްވި ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ދެ ފައިނަލުން ވެސް އިންގްލެންޑް ވަނީ ބަލިވެފަ އެވެ. ނަމަވެސް، ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކޮށްފައިވާ އެޓްލާންޓާ ސްޓޭޑިއަމްގައި، ހެޑް ކޯޗު ތޯމަސް ޓުޗެލް އާއި އޭނާގެ ކުޅުންތެރިންނަށް މިއަދު އޮތީ 60 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ފައިނަލަށް ގައުމު ގެންގޮސްދީ، ތާރީޚުން ޖާގަ ހޯދުމުގެ ފުރުސަތެވެ.

މި މެޗަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ މިންވަރު ހާމަވެގެންދިޔައީ، ޓުޗެލްގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ބޮޑު ހޯލަކަށް ބަދަލުކުރި ނަމަވެސް، އެ ތަނުގައި ވެސް ނޫސްވެރިންނަށް އިށީންނާނެ ޖާގަ ނެތި ކޮޅަށް ތިބެން ޖެހުމުންނެވެ.

ބުދަ ދުވަހުގެ ރޭ (ރާއްޖެ ގަޑިން ދަންވަރު 12:00 ގައި) ކުޅޭ މި މެޗަކީ، 1966 ވަނަ އަހަރު ސަރ އެލްފް ރަމްސޭގެ އިރުޝާދުގެ ދަށުން އިންގްލެންޑުން ޖޫލްސް ރިމޭ ޓްރޮފީ އުފުލާލި ފަހުން، ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތުގެ ފައިނަލަށް ދިއުމަށް ކުރިމަތިވެފައިވާ ހުރަސްތައް ގިރާކުރުމަށް ލިބޭ އެންމެ ފަހުގެ ފުރުސަތެވެ.

އިންގްލެންޑުގެ 'ނާކާމިޔާބު' ކުޅުންތެރިން ނަތީޖާ ނެރެންޖެހޭ ވަގުތު

ބޮޑެތި މުބާރާތްތަކުގައި އިންގްލެންޑުން ފަހަކަށް އައިސް ދައްކަމުންދާ ރެކޯޑު ރަނގަޅެވެ. ނަމަވެސް އެއީ ކާމިޔާބީއާ ހަމައަށް ދިއުމަށް ފުދޭ މިންވަރެއް ނޫނެވެ. ކާމިޔާބީއާ ވަރަށް ގާތަށް ދެވުނު ނަމަވެސް، ތަށީގައި އަތްލެވޭ ގޮތެއް ނުވެ އެވެ.

ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ހަމައެކަނި މިންގަނޑަކީ ހޯދާ ތަށިތަކެވެ. ނަމަވެސް މިހާތަނަށް މި އިންގްލެންޑް ޓީމަށް ތަށީގައި އަތްލެވޭ ވަރު ނުވުމަކީ ވަރަށް ބޮޑު ހިތްދަތިކަމެކެވެ.

2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލާ ހަމައަށް ކުރި ދަތުރަކީ ގިނަ ބަޔަކަށް ލިބުނު އުފާވެރި ހައިރާންކަމެކެވެ. ނަމަވެސް މޮސްކޯގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފަސްވަނަ މިނެޓުގައި ކިއެރަން ޓްރިޕިއާ ލަނޑެއް ޖަހައި ކުރިހޯދައިދީފައި ވަނިކޮށް، ސަރ ގަރެތު ސައުތުގޭޓާއި އޭނާގެ ޓީމު މާ ބޮޑަށް ފަހަތަށް ޖެހިގެން ކުޅުމުގެ ނަތީޖާއަކަށްވީ، އިތުރު ވަގުތުގެ ތެރޭގައި 2-1 އިން ބަލިވެ މުބާރާތުން ވަކިވާން ޖެހުމެވެ.

އޭގެ ފަހުން، ކޮވިޑް-19 އާ ގުޅިގެން ލަސްކުރުމަށްފަހު 2021 ވަނަ އަހަރުގެ ޖުލައި މަހު ވެމްބްލީގައި ބޭއްވި ޔޫރޯ 2020 ގެ ފައިނަލަށް ބަލާލަމާ ހިނގާށެވެ.

2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ދިމާވި ފަދަ ހާލަތެއްގައި އިންގްލެންޑުން އަނެއްކާވެސް ފުރުސަތު ބޭކާރުކޮށްލި އެވެ. މެޗުގެ ދެވަނަ މިނެޓުގައި ލޫކް ޝޯ ލަނޑެއް ޖަހައި ކުރިހޯދައިދީފައި ވަނިކޮށް، އިންގްލެންޑް ޓީމު އަނެއްކާވެސް ފަހަތަށް ޖެހި، ކުޅުން ދަށްވުމުގެ ނަތީޖާއަކަށްވީ ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން ބަލިވުމެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ، އިންގްލެންޑް ބަލިކުރި އިޓަލީއަކީ އެންމެ ފަހުން ބޭއްވި ތިން ވޯލްޑް ކަޕަށް ވެސް ކޮލިފައި ނުވާ ޓީމެއް ކަމެވެ. މިއީ ހާއްސަކޮށް އަމިއްލަ ގައުމުގެ ވެމްބްލީ ސްޓޭޑިއަމްގައި އިންގްލެންޑަށް ލިބުނު ރަން ފުރުސަތެއް ބޭކާރުވެގެން ދިޔުމެވެ.

މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ފްރާންސް އަތުން ބަލިވީ، މޮޅު ޓީމެއްގެ އަތުން އެއަށްވުރެ މޮޅު ޓީމެއް ބަލިވުމުގެ އުސޫލުންނެވެ. ނަމަވެސް މެޗުގެ ފަހުކޮޅު ހެރީ ކޭން އަތުން ޕެނަލްޓީއެއް ބޭކާރުވުމަކީ އެ ނާކާމިޔާބީގެ ހިތްދަތިކަން އިތުރުވެގެންދިޔަ ކަމެކެވެ.

އޭގެ ފަހުން ޔޫރޯ 2024 ގެ ފައިނަލާ ހަމައަށް ކުރި ދަތުރުގައި ބައެއް ފަހަރު މޮޅު ކުޅުން ފެނުނު ނަމަވެސް، ބާލިންގައި ކުޅުނު ފައިނަލުގައި ސްޕެއިން އަތުން 2-1 އިން ބަލިވީ މާޔޫސްކުރުވަނިވި ކުޅުމަކަށް ފަހުގަ އެވެ.

ކޯޗު ޓުޗެލް ބުނީ، "އަހަރެމެން މިހާރު ބޭނުންވަނީ އެންމެ ފަހު ހިތްވަރު ވެސް ނެރެން. އަހަރެމެން ބޭނުންވަނީ ކުރިއަށް އޮތް ފިޔަވަޅު އަޅަން،" ކަމަށެވެ.

އޭނާ އިތުރަށް ބުނީ، "ޓީމުގެ ތެރޭގައި ހުރި ހަކަތައާ މެދު އަހަރެން ވަރަށް ހިތްހަމަޖެހޭ. ކުޅުންތެރިން ތިބީ ވަރަށް ފޯރީގައި، ވަރަށް ބޮޑު އުންމީދަކާއެކު. މި މެޗަށް އަހަރެމެންނަށް ބޭނުންވަނީ ހަމަ އެ ރޫހު،" ކަމަށެވެ.

މައްސަލަ ބޮޑު ވާދަވެރިކަން

އާޖެންޓީނާއާ ދެކޮޅަށް ކުޅޭ ވޯލްޑް ކަޕް ސެމީ ފައިނަލެއް، 1990 ވަނަ އަހަރު ހުޅަނގު ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗާއި 2018 ވަނަ އަހަރު ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗާ ތަފާތުވާ ސަބަބަކީ، 1966 އިން ފެށިގެން މި ދެ ޓީމުގެ ދެމެދުގައި އޮތް ކުޅިވަރުގެ ވާދަވެރިކަމާއި މައްސަލަ ބޮޑު ތާރީޚެވެ.

މީގެ 60 އަހަރު ކުރިން ވެމްބްލީގައި ކުޅުނު ކުއާޓާ ފައިނަލް މެޗު އެންމެ ބޮޑަށް ހަނދާން ހުންނަނީ، އާޖެންޓީނާގެ ހުނަރުވެރި ނަމަވެސް ރުޅިގަދަ ކެޕްޓަން އެންޓޯނިއޯ ރެޓިން ދަނޑުން ފޮނުވާލި ހާދިސާއިންނެވެ. އެކަމާ ގުޅިގެން އާޖެންޓީނާގެ މުޅި ޓީމު ދަނޑުން ފައިބައިގެން ދާނެ ކަމުގެ ބިރު ވެސް އޭރު އުފެދުނެވެ.

މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހު އުމުރުން 89 އަހަރުގައި މަރުވި ރެޓިން، އެންމެ ފަހުން ދަނޑުން ފޭބީ ގިނަ ބަޔަކު އޭނާއަށް ވިސްނައިދިނުމުންނެވެ. ނަމަވެސް ޖެފް ހާސްޓް ޖެހި ލަނޑުން އިންގްލެންޑް މޮޅުވި ނަމަވެސް، އެ މެޗުގެ ހިތްނުތަނަވަސްކަން މެޗަށް ފަހު ވެސް ދެމިއޮތެވެ. އިންގްލެންޑުގެ ކޯޗު ރަމްސޭ ވަނީ އާޖެންޓީނާގެ ކުޅުންތެރިންނަކީ "ޖަނަވާރުން" ކަމަށް ސިފަކޮށް، އޭނާގެ ކުޅުންތެރިން އާޖެންޓީނާ ކުޅުންތެރިންނާ ޖާޒީ ބަދަލުކުރުން މަނާކޮށްފަ އެވެ.

އިންގްލެންޑާއި އާޖެންޓީނާ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި މެކްސިކޯ ސިޓީގެ އަޒްޓެކާ ސްޓޭޑިއަމްގައި ބައްދަލުކުރިއިރު، އޭގެ ހަތަރު އަހަރު ކުރިން ހިނގި ފޯކްލޭންޑް ހަނގުރާމައިގެ ނުތަނަވަސްކަން އޮތީ ދަނޑުމަތީގައި ހިފާފަ އެވެ.

އެއީ ޑިއޭގޯ މަރަޑޯނާގެ މަޝްހޫރު "ހޭންޑް އޮފް ގޯޑް" ލަނޑާއި، އޭނާގެ ހިތްގައިމު ދެވަނަ ލަނޑު ފެނިގެންދިޔަ ދުވަހެވެ. އެ މެޗުން 2-1 އިން އާޖެންޓީނާ މޮޅުވެ، ފަހުން އެ މުބާރާތުގެ ތަށި އުފުލާލި އެވެ.

1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި މުބާރާތުގެ ގަދަ 16 ގައި ކުޅުނު މެޗަކީ ވެސް ތާރީޚީ މެޗެކެވެ. އެ މެޗު ބޮޑަށް ހަނދާން ހުންނަނީ، އާޖެންޓީނާގެ ޑިއޭގޯ ސިމިއޯނީ ގައިގައި ކޮޅުފައިން ޖެހުމުން ޑޭވިޑް ބެކަމް ދަނޑުން ފޮނުވާލި ހާދިސާއާއި، އުމުރުން އެންމެ 18 އަހަރުގެ މައިކަލް އޮވެން ދުނިޔޭގެ ސަމާލުކަން ހޯދި ހިތްގައިމު ލަނޑުންނެވެ.

އެ މެޗުން ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ މޮޅުވުމަކީ އިންގްލެންޑަށް ވޯލްޑް ކަޕްގައި ލިބުނު އިތުރު ހިތްދަތިކަމެކެވެ.

އޭގެ ހަތަރު އަހަރު ފަހުން ޖަޕާނުގެ ސަޕޯރޯގައި ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރިއިރު ވެސް، ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑައެއް ނުވެ އެވެ.

އެ ފަހަރު ބެކަމް ވަނީ ފުރަތަމަ ހާފުގައި ޕެނަލްޓީއަކުން ލަނޑު ޖަހައި، ކުރީގެ ހިތްދަތިކަމަށް ތަސައްލީއެއް ހޯދައިދީފަ އެވެ. ނަމަވެސް، ފަހުން ޓޮޓެންހަމްގެ ކޯޗުކަން ކުރި މައުރީސިއޯ ޕޮޗެޓީނޯ ކުރި ޗެލެންޖެއްގައި އޮވެން "ޑައިވް" ކުރި ކަމަށް ބުނެ އާޖެންޓީނާއިން ވަރަށް ބޮޑަށް ޝަކުވާ ކުރި އެވެ.

ކޯޗު ޓުޗެލް ބުނީ، "މިއީ ފުޓްބޯޅައިގެ ދެ ބޮޑު ގައުމެއްގެ ދެމެދުގައި އޮތް ވަރަށް ބޮޑު ވާދަވެރިކަމެއް،" ކަމަށެވެ.

އޭނާ އިތުރަށް ބުނީ، "ތާރީޚަކީ މުހިންމު އެއްޗެއް ނޫނޭ ބުނެވިދާނެ، އެކަމަކު އަހަރެން އެކަމާ ޝައްކު ކުރަން. ކުޅުންތެރިންނަށް އެ ތާރީޚު އެނގޭ. މެޗެއްގެ ތެރެއިން މިހާ ގިނަ ތާރީޚީ ހާދިސާތަކެއް ފެނިފައިވާއިރު، މިއީ ހަމައެކަނި އާދައިގެ ފުޓްބޯޅަ މެޗެކޭ ނުބުނެވޭނެ،" ކަމަށެވެ.

2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާއަށް ކުޅުނު މިހާރުގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނީ، "އަހަރެމެން އެންމެންގެ އަތުގައި ވެސް އެ މާޒީއާ ގުޅޭ ވާހަކަތަކާއި ތާރީޚު އެބައޮތް. އެ ހުރިހާ ކަމެއްގެ ސަބަބުން މިއީ ވަރަށް ޖަޒުބާތީ މެޗަކަށް ވެގެންދާނެ،" ކަމަށެވެ.

މި ދެންނެވި ތާރީޚީ ވާދަވެރިކަމުގެ ސަބަބުން، މި މެޗުގެ ފެންވަރު އެހެން ސެމީ ފައިނަލްތަކަށް ވުރެ މަތިވެގެންދާނެ ކަމަށް ބެލެ އެވެ.

ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި އިންގްލެންޑުން ހަނދާން އާކުރާނެ ގިނަ މެޗުތަކެއް ކުޅެފައިވެ އެވެ. ނަމަވެސް މި މެޗުން މޮޅުވުމަކީ އެ ހުރިހާ ކަމަކަށް ވުރެ ބޮޑު ކާމިޔާބީއަކަށް ވާނެ އެވެ. އަދި އަންނަ އާދިއްތަ ދުވަހު ސްޕެއިންއާ ދެކޮޅަށް ކުޅޭ ވޯލްޑް ކަޕް ފައިނަލުގައި ތާރީޚީ ކާމިޔާބީއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މެސީގެ ނުފޫޒު

މިއީ އާޖެންޓީނާގެ ޖާދޫގަރު ލިއޮނަލް މެސީގެ ފަހު ވޯލްޑް ކަޕަށް ވެދާނެ ހެއްޔެވެ؟

2014 ވަނަ އަހަރު ރިއޯ ޑި ޖެނީރޯގައި ޖަރުމަނު އަތުން ފައިނަލުގައި ބަލިވުމުން ލިބުނު ހިތްދަތިކަން ފޮހެލައި، 2022 ވަނަ އަހަރު ގަތަރުގައި ތަށި އުފުލާލުމާއެކު އޭނާގެ ހުވަފެން ވަނީ ހަގީގަތަކަށް ވެފަ އެވެ.

މެސީގެ އުމުރުން މިހާރު 39 އަހަރުވީ ނަމަވެސް، އޭނާގެ ފައިގައާއި ސިކުނޑީގައި އަދިވެސް އޭރުގެ ހުނަރުވެރިކަން އެބަހުއްޓެވެ. މިހާރު އޭނާ ދަނޑުމަތީގައި ގިނައިން ހިނގާފައި އުޅުނު ނަމަވެސް އެކަން އޮތީ އެހެންނެވެ.

މި މުބާރާތުގައި މިހާތަނަށް މެސީ ކަޑައްތުކުރި ރާސްތާގެ 47 އިންސައްތައަކީ ހިނގާފައި ކަޑައްތުކުރި ރާސްތާ އެވެ. މިއީ މި މުބާރާތުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ މަތީ އިންސައްތަ އެވެ.

ނަމަވެސް މެސީއަކީ އަދިވެސް އާޖެންޓީނާގެ ރޫހެވެ. ދެވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އަޒުމް އޭނާގެ ކިބައިގައި ވަރަށް ވަރުގަދަ އެވެ. ގަދަ 16 ގައި މިސްރާ ދެކޮޅަށް ކުޅުނު މެޗުގައި 2-0 އިން ބަލިވާން ދަނިކޮށް، ފަހު 11 މިނެޓުގެ ތެރޭގައި ތިން ލަނޑު ޖަހައި މޮޅުވުމުން މެސީގެ ލޮލުން އޮހޮރުނު އުފާވެރިކަމުގެ ކަރުނައިން އެކަން ހާމަވެ އެވެ.

އޭނާއަކީ އަދިވެސް އިންގްލެންޑުން އެންމެ ބޮޑަށް ބިރުގަންނާނެ ކުޅުންތެރިޔާ އެވެ. އަދި މުޅި އާޖެންޓިނާ ޓީމުގެ އުންމީދުތައް ގުޅިފައިވާ މީހަކީ ވެސް އޭނާ އެވެ.

އިންގްލެންޑުގެ ކޯޗު ޓުޗެލް ބުނީ، "މެސީއަކީ ހަމަ އާދަޔާ ހިލާފު ކުޅުންތެރިއެއް. އޭނާ ދައްކާ ކުޅުމާއި، އޭނާގެ ލީޑަޝިޕް ސިފަކޮށްދޭނެ އިތުރު ބަހެއް ނެތް،" ކަމަށެވެ.

އޭނާ އިތުރަށް ބުނީ، "އޭނާއަކީ އޭނާ ކުޅޭ ކޮންމެ ޓީމެއްގެ ވެސް ލީޑަރު އަދި އެންމެ މުހިންމު ކުޅުންތެރިޔާ. އާޖެންޓީނާ ޓީމުގައި ވެސް އޭނާގެ ދައުރަކީ އެއީ،" ކަމަށެވެ.

ކޭން އާއި ބެލިންހަމް އިންގްލެންޑް ކުރިއަށް ގެންދަނީ

އިންގްލެންޑަށް ތާރީޚު ބަދަލުކޮށްލުމުގެ ފުރުސަތު އޮތްއިރު، އެ ޓީމުގައި ދުނިޔޭގެ ފެންވަރުގެ ދެ ކުޅުންތެރިން ކަމަށްވާ ޖޫޑް ބެލިންހަމް އާއި ހެރީ ކޭން އެބަތިއްބެވެ. މި ދެ ކުޅުންތެރިންނަކީ ޓީމު ސެމީ ފައިނަލާ ހަމައަށް ގެނެސްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި ދެ ކުޅުންތެރިންނެވެ.

އަނެއްކޮޅުން، ކޯޗު ޓުޗެލްއަކީ ދުނިޔޭގެ އެންމެ އިހުތިރާމް ލިބިފައިވާ އެއް ކޯޗެވެ. 

މި ވޯލްޑް ކަޕްގައި އިންގްލެންޑުން މިހާތަނަށް 13 ލަނޑު ޖަހާފައިވާއިރު، އޭގެ ތެރެއިން 12 ލަނޑު ޖަހާފައިވަނީ ބެލިންހަމް އާއި ކޭން އެވެ. މާކަސް ރަޝްފޯޑަކީ މި ދެ ކުޅުންތެރިން ފިޔަވައި ލަނޑެއް ޖެހި ހަމައެކަނި ކުޅުންތެރިޔާ އެވެ. އޭނާ ލަނޑު ޖެހީ ކްރޮއޭޝިއާ އަތުން 4-2 އިން މޮޅުވި ފުރަތަމަ މެޗުގަ އެވެ.

މީގެއިން ދޭހަވަނީ އިންގްލެންޑް މާ ބޮޑަށް ބެލިންހަމް އާއި ކޭންއަށް ބަރޯސާވާ ކަމެވެ. ނަމަވެސް ހަމައެއާއެކު، އެއީ އެ ދެ ކުޅުންތެރިން މިހާރު ތިބީ އެމީހުންގެ ކެރިއަރުގެ އެންމެ މޮޅު ފޯމުގައިކަން އަންގައިދޭ ކަމެއް ވެސްމެ އެވެ.

އިންގްލެންޑުގެ ކުޅުން ބައެއް މެޗުތަކުގައި ދަށްވި ނަމަވެސް، އާޖެންޓީނާގެ ހާލަކީ ވެސް އެއީ އެވެ. ނޮކައުޓް ބުރުގައި ކޭޕް ވާޑް، މިސްރު އަދި ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުތަކުގައި އާޖެންޓީނާ ސަލާމަތްވީ ހަމަ ކިރިޔާ އެވެ.

އިންގްލެންޑެކޭ އެއްފަދައިން އާޖެންޓީނާ ވެސް މިހާތަނަށް އައީ ނުރައްކާތެރި ހާލަތްތަކުން ސަލާމަތްވަމުންނެވެ. ޓުޗެލްގެ އުންމީދަކީ، މިއަދަކީ އާޖެންޓީނާއަށް އެފަދަ ހާލަތަކުން ސަލާމަތް ނުވެވޭނެ ދުވަހަށް ވުމެވެ.

މަސްދަރު: ބީބީސީ

އިންގްލެންޑް-އާޖެންޓީނާފީފާ ވޯލްޑް ކަޕްތޯމަސް ޓުޗެލްލިއޮނެލް މެސީޖޫޑް ބެލިންހަމްހެރީ ކޭން

އިތުރަށް ކިޔާލަން

15 ޖުލައި 2026

ސްކަލޯނީ: އާޖެންޓިނާ އަށް މިހިސާބަށް އާދެވުނު ގޮތް ބެލުން މުހިންމެއް ނޫން، ސެމީ ފައިނަލަށް އާދެވުނީތީ އުފާވޭ

ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އިންގްލެންޑާ ދެކޮޅަށް ނުކުންނައިރު، އާޖެންޓީނާގެ ކުޅުންތެރިން ވަރުބަލިވުމަކީ މައްސަލައެއް ނޫން ކަމަށާއި ޓީމު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށް ކޯޗު ސްކަލޯނީ ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި މި މެޗަކީ ތާރީޚީ ގޮތުން ފޯރިގަދަ ކުރިމަތިލުމަކަށް ވިޔަސް، ސިޔާސީ ކަންކަމަށް ވުރެ ބޮޑަށް ވިސްނުން ހުރީ އިންގްލެންޑުގެ ވަރުގަދަ ކުޅުންތެރިން ހުއްޓުވައި ފައިނަލުން ޖާގަ ހޯދުމަށް.

15 ޖުލައި 2026
ސްކަލޯނީ: އާޖެންޓިނާ އަށް މިހިސާބަށް އާދެވުނު ގޮތް ބެލުން މުހިންމެއް ނޫން، ސެމީ ފައިނަލަށް އާދެވުނީތީ އުފާވޭ
15 ޖުލައި 2026

ތާާރީޚުން ބާރުވެރީ އާޖެންޓީނާ، އިންގްލެންޑު އޮތީ ތައްޔާރަށް: ޓުޗެލް

ޓުޗެލް ބުނީ އެންމެ ފަހުން 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކޮށްފައިވާއިރު، އެ ޓީމުން މަސައްކަތް ކުރާނީ ތަށި ދިފާއު ކުރުމަށް ކަމަށް. ޓުޗެލް ދެކޭ ގޮތުގައި އާޖެންޓީނާ މެޗުގައި އެންމެ ބޮޑު ސަމާލު ކަމެއް ދޭން ޖެހޭނީ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަށް. މެސީ އާއެކު، އާޖެންޓީނާ އިން ދައްކަމުން އަންނަ ހިތްވަރަކީ ނަމޫނާއެއް ކަމަށް ޓުޗެލް ދެކޭ.

15 ޖުލައި 2026
ތާާރީޚުން ބާރުވެރީ އާޖެންޓީނާ، އިންގްލެންޑު އޮތީ ތައްޔާރަށް: ޓުޗެލް
14 ޖުލައި 2026

ވޯލްޑް ކަޕް ސެމީފައިނަލް: ފްރާންސް އާއި ސްޕެއިން މެޗަކުން ބަލި ނުވާ ދެޓީމު، އެކަމަކު ފައިނަލަށް ދާނީ ކޮންމެވެސް އެއް ބަޔަކު

މި އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ފްރާންސާއި ސްޕެއިން ބައްދަލުކުރާއިރު، މިއީ 1990 ވަނަ އަހަރަށްފަހު ސެމީގައި ވާދަކުރާ ހަތަރު ޓީމަކީވެސް ކުރިން ތަށި ހޯދާފައިވާ ޓީމުތަކަށް ވި ފުރަތަމަ ފަހަރު. ރެކޯޑުތަކަކާ ގާތްވަމުންދާ އެމްބާޕޭއާއި ޒުވާން ތަރި ޔަމާލްގެ ކުރިމަތިލުމަކަށް މި މެޗު ވެގެންދާއިރު، އަނެއް ސެމީގައި އާޖެންޓީނާ ބައްދަލުކުރާނީ އިންގްލެންޑާ

14 ޖުލައި 2026
ވޯލްޑް ކަޕް ސެމީފައިނަލް: ފްރާންސް އާއި ސްޕެއިން މެޗަކުން ބަލި ނުވާ ދެޓީމު، އެކަމަކު ފައިނަލަށް ދާނީ ކޮންމެވެސް އެއް ބަޔަކު
14 ޖުލައި 2026

އިންގްލެންޑުގެ ބައިބައިވުމެއް ނެތް، މެސީއާ ދެކޮޅަށް މުޅި ޓީމު އޮތީ ތައްޔާރަށް!

އިންގްލެންޑުގެ ޑިފެންޑަރު ނިއޯ އޯރިލީ ބުނީ، ދުނިޔޭގެ އެންމެ މޮޅު ކުުޅުންތެރިޔާ ލިއޮނަލް މެސީއާ ދެކޮޅަށް ކުޅެން ލިބުމަކީ ޙަޔާތުގައި އެއް ފަހަރު ލިބޭނެ ފުރުސަތެއް ކަމަށާއި، އެ ގޮންޖެހުމާ ކުރިމަތިލާން އޭނާ ހުރީ ތައްޔާރަށް ކަމަށް. އޭނާ ބުނީ އިންގްލެންޑުން ނިކުންނާނީ މެސީ ހުއްޓުވާނެ ގޮތް ހޯދައިގެން ކަމަށް.

14 ޖުލައި 2026
އިންގްލެންޑުގެ ބައިބައިވުމެއް ނެތް، މެސީއާ ދެކޮޅަށް މުޅި ޓީމު އޮތީ ތައްޔާރަށް!
13 ޖުލައި 2026

ސެމީ ފައިނަލުގެ ޓީމުތަކުގެ ތެރެއިން ތަށި އުފުލާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކޮން ގައުމަކަށް؟

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް އާޖެންޓީނާ، އިނގިރޭސިވިލާތް، ސްޕެއިން އަދި ފްރާންސް ދަތުރުކޮށްފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި އިނގިރޭސިންގެ ކުޅުން މިހާތަނަށް ދަށްކޮށް ފެނުނު ނަމަވެސް، މި ހަތަރު ގައުމުގެ އަމާޒަކީ ވެސް އާދީއްތަ ދުވަހު އޮންނަ ފައިނަލުން ޖާގަ ހޯދުން.

13 ޖުލައި 2026
ސެމީ ފައިނަލުގެ ޓީމުތަކުގެ ތެރެއިން ތަށި އުފުލާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކޮން ގައުމަކަށް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު