2026 ވޯލްޑް ކަޕުގައި ގިނަ ރެކޯޑުތަކެއް މުގުރާލަނީ
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ދުނިޔޭގެ މަޝްހޫރު ކުޅުންތެރިން ގިނަ ރެކޯޑްތަކެއް މުގުރާލަމުންދާއިރު، މެސީ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކްލޯސާގެ ރެކޯޑާ އަރާ ހަމަކޮށްފައި. ކްރިސްޓިއާނޯ ރޮނާލްޑޯ 41 އަހަރުގައި މުބާރާތުގެ އެންމެ ދުވަސްވީ އައުޓްފީލްޑް ކުޅުންތެރިޔާގެ މަގާމު ހޯދިއިރު، އިނގިރޭސި ކެޕްޓަން ހެރީ ކޭން ވަނީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ލިނެކާގެ ރެކޯޑާ އެއްވަރުކޮށްފައި. މީގެ އިތުރުން ފްރާންސްގެ ކޯޗު ޑެޝޯމްޕްސް އާއި ނޯވޭގެ ހާލަންޑް ވެސް އައު ރެކޯޑްތަކަކާ ގާތަށް ޖެހިލާފައިވާއިރު، މި މުބާރާތް ވެފައިވަނީ ފޯރިގަދަ ތާރީޚީ ކުރިމަތިލުމަކަށް.

ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެދިން 229 މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ 143 ލަނޑު ކާމިޔާބުކޮށްފައި. | ގެޓީ އިމޭޖަސް
2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެންމެ 11 ދުވަސް ވީނަމަވެސް، މި މުބާރާތުން މިހާރުވެސް ވަނީ ފުޓްބޯޅައިގެ ތާރީޚު އައުކޮށްފައެވެ.
އެއް ކުޅުންތެރިއަކަށްވުރެ އަނެއް ކުޅުންތެރިއަކު ކުރިހޯދުމުގެ ރޫހުގައި، ލިއޮނަލް މެސީ އާއި ކީލިއަން އެމްބާޕޭގެ އިތުރުން ހެރީ ކޭން އަދި އާލިން ހާލަންޑް ވަނީ އެ ކުޅުންތެރިން ނިސްބަތްވާ ގައުމުތަކުގެ ފުރަތަމަ މެޗުތަކުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
48 ޓީމާއެކު ފުރަތަމަ ފަހަރަށް ބާއްވާ މި ވޯލްޑް ކަޕްގައި ދުނިޔޭގެ އެންމެ ވަރުގަދަ ތަރިން އެމީހުންގެ ދެވަނަ މެޗަށް ތައްޔާރުވަމުންދާއިރު، ގިނަ ރެކޯޑްތަކެއް މުގުރާލުމުގެ ފުރުސަތު އެބައޮތެވެ.
އާޖެންޓީނާގެ މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެމީހުންގެ ވޯލްޑް ކަޕްގެ ކާމިޔާބީތައް އިތުރަށް ފުޅާކުރުމާއި، ފްރާންސްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު އެމްބާޕޭ ހޯދުމާ ގުޅޭގޮތުން، މިހާތަނަށް މުގުރާލާފައިވާ އަދި ކުރިއަށް ހުރި މުހިންމު ރެކޯޑްތަކަށް ބީބީސީ ސްޕޯޓްސް އިން ވަނީ ނަޒަރެއް ހިންގާލާފައެވެ.
މެސީ ވޯލްޑް ކަޕްގެ ލަނޑު ޖެހުމުގެ އައު ރެކޯޑެއް ގާއިމުކުރަނީ؟
2014 ވަނަ އަހަރުން ފެށިގެން ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް 16 ލަނޑާއެކު އޮތީ ޖަރުމަނުގެ ފޯވާޑް މިރޮސްލާވް ކްލޯސާ އަތުގައެވެ.
ނަމަވެސް، އަލްޖީރިއާ އަތުން 3-0 އިން އާޖެންޓީނާ މޮޅުވި މެޗުގައި މެސީ ހެދި ހިތްގައިމު ހެޓްރިކާއެކު، އަށް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މި ކުޅުންތެރިޔާ ވަނީ ކްލޯސާގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. އަދި މިހާރު އޭނާ ވަނީ މި ރެކޯޑް އމުގުރާލުމުގެ މަގުމަތީގައެވެ.
ކްލޯސާ 16 ލަނޑު ޖެހުމަށް 24 މެޗު ކުޅުނުއިރު، މެސީއަށް މި އަދަދަށް ލަނޑު ޖެހުމަށް 27 މެޗު ބޭނުންވިއެވެ. އެހެންނަމަވެސް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި މެސީއަށް އެއީ މާ ބޮޑު މައްސަލައެއް ނޫނެވެ.
މެސީގެ ފަހަތުން 14 ލަނޑާއެކު ފްރާންސްގެ ކެޕްޓަން އެމްބާޕޭ އަންނަނީ ވާދަކުރަމުންނެވެ. ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް 58 ލަނޑު ޖަހައިދީގެން އެ ގައުމުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އެމްބާޕޭގެ އަމާޒު ހުރީ ވޯލްޑް ކަޕްގެ ލަނޑު ޖެހުމުގެ ރެކޯޑަށެވެ.
އިނގިރޭސި ކެޕްޓަން ހެރީ ކޭން އުޅެނީ މެސީއަށްވުރެ ހަތަރު ލަނޑު ފަހަތުގައެވެ. ނަމަވެސް މި މުބާރާތުގައި އެ ރެކޯޑާ ހަމައަށް ދިއުމަކީ އޭނާއަށް ފަސޭހަ ކަމަކަށް ނުވާނެއެވެ.
ގްރޫޕް 'ޖޭ' ގައި މެސީ އާއި އާޖެންޓީނާ ދެން ބައްދަލުކުރާނީ އޮސްޓްރިއާއާއެވެ. އެ މެޗުގައި އައު ރެކޯޑެއް ފެނިގެންދާނެ ބާވައެވެ؟
ލިނެކާގެ ރެކޯޑް މުގުރާލުމާ ކޭން ގާތަށް
މެސީ އާއި ހާލަންޑް އަދި އެމްބާޕޭ ލަނޑު ޖެހިތަން ބަލަން ހުރުމަށްފަހު، ބުދަ ދުވަހު ކްރޮއޭޝިއާ އަތުން 4-2 އިން އިނގިރޭސިން މޮޅުވި މެޗުގައި ކޭން ވަނީ އޭނާގެ ހުނަރު ދައްކާލާފައެވެ.
ޑަލަސްގައި ކުޅުނު މި މެޗުގައި އިނގިރޭސި ކެޕްޓަން ޖެހި ދެ ލަނޑާއެކު، އިނގިރޭސިވިލާތް ގްރޫޕް 'އެލް' ގެ އެއްވަނައަށް ޖެހިލިއިރު، ކޭން ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އިނގިރޭސިވިލާތަށް އެންމެ ގިނަ ލަނޑު ޖަހައިދިން ގޭރީ ލިނެކާގެ 10 ލަނޑުގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ.
އަންގާރަ ދުވަހުގެ ރޭ ގާނާއާ ދެކޮޅަށް ކުޅޭ މެޗާއެކު، ކޭން މި ރެކޯޑް މުގުރާލުމަކީ ވަރަށް ގާތް ކަމެކެވެ.
މީގެ އިތުރުން، ބުދަ ދުވަހުގެ މެޗާއެކު ކޭން ވެފައިވަނީ ތިން ވޯލްޑް ކަޕެއްގައި ލަނޑު ޖެހި އިނގިރޭސި ދެވަނަ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މި ޝަރަފު ހޯދާފައިވަނީ 1998، 2002 އަދި 2006 ގެ ވޯލްޑް ކަޕްގައި ލަނޑު ޖެހި ސަރ ޑޭވިޑް ބެކަމްއެވެ.
ކްރޮއޭޝިއާ މެޗަކީ ކޭން އިނގިރޭސި ގައުމީ ޓީމަށް ކުޅެދިން 115 ވަނަ މެޗެވެ. މިއާއެކު އޭނާ ވަނީ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިންގެ ލިސްޓުގައި ބެކަމްއާ އަރާ ހަމަކޮށްފައެވެ.
ފުރަތަމަ ފަހަރަށް ދެ ރަން ބޫޓު ހޯދާ ކުޅުންތެރިޔަކަށް ވެވޭނެބާ؟
އެމްބާޕޭއަށް ބަލާއިރު، އޭނާއަކީ ވޯލްޑް ކަޕްގެ ރަން ބޫޓު ދެ ފަހަރަށް ހޯދާ ފުރަތަމަ ކުޅުންތެރިޔާއަށް ވެދާނެބާވައެވެ؟ ނުވަތަ އެ ޝަރަފު ހޯދާނީ އިނގިރޭސި ކެޕްޓަން ކޭން ބާވައެވެ؟
2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި އަށް ލަނޑު ޖަހައިގެން އެމްބާޕޭ ރަން ބޫޓު ހޯދި ނަމަވެސް، މިފަހަރު އެ މަގާމު ދިފާއުކުރުމުގައި އޭނާއަށް ބޮޑު ގޮންޖެހުންތަކެއް އެބަހުއްޓެވެ.
ކޭން ވަނީ 2018 ވަނަ އަހަރު ހަ ލަނޑު ޖަހައިގެން ރަން ބޫޓު ކާމިޔާބުކޮށްފައެވެ.
މިވަގުތު ތިން ލަނޑާއެކު ލިސްޓުގެ ކުރީގައި އުޅެނީ މެސީ އާއި ޖަރުމަނުގެ ޑެނިސް އުންޑާވް އަދި ކެނެޑާގެ ޖޮނަތަން ޑޭވިޑް އެވެ. ނަމަވެސް ކޭން، ހާލަންޑް އަދި އެމްބާޕޭ އުޅެނީ އެންމެ ލަނޑެއް ފަހަތުގައެވެ. މިއީ ފޯރިގަދަ ވާދަވެރިކަމަކަށް ވާނެއެވެ.
އެންމެ ގިނަ ވޯލްޑް ކަޕްގައި ލަނޑު ޖެހުން
ކްރިސްޓިއާނޯ ރޮނާލްޑޯގެ ވާހަކަ ނައިސް މި ލިސްޓު ފުރިހަމައެއް ނުވާނެއެވެ.
ޑީއާރު ކޮންގޯއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗު 1-1 އިން އެއްވަރުވެ، ރޮނާލްޑޯގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނު ނަމަވެސް، އޭނާ އަބަދުވެސް ހުންނަނީ ރެކޯޑަކާ ގާތުގައެވެ.
2022 ވަނަ އަހަރު ރޮނާލްޑޯ ވަނީ ފަސް ވޯލްޑް ކަޕެއްގައި (2006، 2010، 2014، 2018 އަދި 2022) ލަނޑު ޖަހައިގެން ރެކޯޑް ގާއިމުކޮށްފައެވެ. ނަމަވެސް މެސީ މިހާރު ވަނީ އެ ރެކޯޑާ އަރާ ހަމަކޮށްފައެވެ.
2026 ވަނަ އަހަރުގެ މި މުބާރާތުގައި ރޮނާލްޑޯ ލަނޑެއް ޖަހައިފިނަމަ، އޭނާ ވެގެންދާނީ ހަ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
އެންމެ ދުވަސްވީ އައުޓްފީލްޑް ކުޅުންތެރިޔާގެ ރެކޯޑް
ރޮނާލްޑޯއަށް މި މުބާރާތުގެ ފުރަތަމަ މެޗުގައިވެސް ރޮނާލްޑޯ ވަނީ ރެކޯޑެއް މުގުރާލާފައެވެ.
ހިއުސްޓަންގައި ކުޅުނު މެޗަށް ނުކުތުމާއެކު، ރޮނާލްޑޯ ވަނީ ހަ ވޯލްޑް ކަޕެއްގައި ކުޅުނު ދެވަނަ ކުޅުންތެރިޔާގެ ގޮތުގައި މެސީއާ އެއްވަރުވެފައެވެ.
މިއާއެކު އޭނާ ވަނީ ވޯލްޑް ކަޕް މެޗެއްގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު އެންމެ ދުވަސްވީ އައުޓްފީލްޑް ކުޅުންތެރިޔާގެ ރެކޯޑްވެސް ހޯދާފައެވެ. އެއީ 41 އަހަރާއި 132 ދުވަހުގައެވެ.
މީގެ ކުރިން މި ރެކޯޑް އޮތީ ކެނެޑާގެ އަތީބާ ހަޗިންސަން އަތުގައެވެ. އޭނާ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނުއިރު އުމުރަކީ 39 އަހަރާއި 296 ދުވަހެވެ.
ނޯވޭގެ ވޯލްޑް ކަޕް ރެކޯޑް ހާލަންޑް މުގުރާލަނީ؟
ރެކޯޑްތަކުގެ ވާހަކަ ދައްކާއިރު ހާލަންޑްގެ ނަން ނެތިއެއް ނުދާނެއެވެ.
އިރާގު އަތުން 4-1 އިން ނޯވޭ މޮޅުވި މެޗުގައި ހާލަންޑް ވަނީ ދެ ލަނޑު ޖަހާފައެވެ. މިއާއެކު އޭނާ ވެފައިވަނީ ވޯލްޑް ކަޕް މެޗެއްގައި ނޯވޭއަށް ދެ ލަނޑު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ހާލަންޑް ވަނީ އެންމެ މެޗަކުން ނޯވޭގެ ވޯލްޑް ކަޕްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. އޭނާ މިހާރު އޮތީ ކްޖެޓިލް ރެކްޑާލްއާ އެއްވަރުވެފައެވެ.
އަންގާރަ ދުވަހުގެ ހެނދުނު ސެނެގާލާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް މި ރެކޯޑް ހޯދުމުގެ ފުރުސަތު އެބައޮތެވެ.
ވޯލްޑް ކަޕްގެ ތާރީޚުގައި ވޮޒީނިއާގެ ނަން ފާހަގަވެއްޖެ
ކޭޕް ވާޑްގެ ގޯލްކީޕަރު ވޮޒީނިއާ ވަނީ، ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުވި ނަމަވެސް، މުބާރާތުގެ ސަމާލުކަން ހޯދާފައެވެ.
ކޭޕް ވާޑްގެ ފުރަތަމަ ވޯލްޑް ކަޕް މެޗުގައި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ހުއްޓުވުމަށް އޭނާ ވަނީ މުހިންމު ހަތް ސޭވް ކޮށްފައެވެ. އަދި އަމިއްލަ ބައެއް ރެކޯޑްތައްވެސް ގާއިމުކުރިއެވެ.
އުމުރުން 40 އަހަރާއި 12 ދުވަހުގައި އޭނާ ވެފައިވަނީ ގައުމެއްގެ އަލަތު ވޯލްޑް ކަޕް މެޗެއްގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ. އޭނާ މި ރެކޯޑް އަތުލީ ކުރަސާއޯގެ އެލޯއީ ރޫމް އަތުންނެވެ.
މީގެ އިތުރުން، ވޯލްޑް ކަޕްގެ އަލަތު މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފެހެއްޓި އެންމެ ދުވަސްވީ ގޯލްކީޕަރުގެ ރެކޯޑްވެސް މިހާރު އޮތީ ވޮޒީނިއާ އަތުގައެވެ.
ޑެޝޯމްޕްސް އެންމެ ގިނަ މޮޅުވުމުގެ ރެކޯޑާ ގާތަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އޮތީ ވޯލްޑް ކަޕްގެ ތާރީޚުގައި ކޯޗެއްގެ ގޮތުގައި އެންމެ ގިނަ މެޗުން މޮޅުވި ރެކޯޑާ އެންމެ މޮޅަކާ ގާތުގައެވެ.
ކުރީގެ ހުޅަނގު ޖަރުމަނުގެ ކޯޗު ހެލްމަޓް ޝޯން 16 މޮޅާއެކު ލިސްޓުގެ ކުރީގައި އޮތްއިރު، އިރާގު އަތުން ފްރާންސް މޮޅުވެއްޖެނަމަ ޑެޝޯމްޕްސް އެ ރެކޯޑާ އަރާ ހަމަކުރާނެއެވެ.
ކަންތައްތައް ރަނގަޅަށް ގޮސްފިނަމަ، ގްރޫޕްގެ ފަހު މެޗުގައި ނޯވޭއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، 17 މޮޅާއެކު އައު ރެކޯޑެއް އޭނާ ގާއިމުކުރާނެއެވެ. ފްރާންސްގެ ކޯޗުކަމުން އޭނާ ވަކިވާއިރު މިއީ ލިބޭނެ ވަރަށް ބޮޑު ޝަރަފެކެވެ.
ވޯލްޑް ކަޕްގައި އެންމެ ގިނަ ރަތް ކާޑު
ވޯލްޑް ކަޕެއްގައި އެންމެ ގިނަ ރަތް ކާޑު ދައްކާފައިވަނީ 2006 ވަނަ އަހަރުއެވެ. އެއީ 28 ރަތް ކާޑެވެ.
2026 ވަނަ އަހަރުގެ މި މުބާރާތުގައި މިހާތަނަށްވެސް ހަ ރަތް ކާޑު ވަނީ ދައްކާފައެވެ.
މެކްސިކޯ އާއި ދެކުނު އެފްރިކާ ބައްދަލުކުރި މެޗުގައި ތިން ރަތް ކާޑު ދެއްކިއިރު، އޭގެ ފަހުން ބޮސްނިއާގެ ތާރިކް މުހަރެމޮވިޗް އަދި ގަތަރުގެ އާސިމް އުމަރު މަދީބޯ އާއި ހުމާމް އަލް އަމީންއަށް ވަނީ ރަތް ކާޑު ދައްކާފައެވެ.
މި އަދަދަކީ ވޭތުވެދިޔަ ދެ ވޯލްޑް ކަޕްގައި (ގަތަރު އަދި ރަޝިއާ) ދެއްކި ޖުމްލަ ހަތަރު ރަތް ކާޑަށްވުރެ ގިނަ އަދަދެކެވެ.
މި ރެކޯޑާ ހަމައަށް ދިއުމަށް އަދި ދުވަސް އޮތް ނަމަވެސް، ކުރިއަށް އަދި ގިނަ މެޗުތަކެއް އެބަހުއްޓެވެ.






