ޕީއެންއެފްގެ ތުުހުމަތުތައް ދޮގުކޮށް، އެ ވާހަކަތައް އީސީ އިން ކުށްވެރިކޮށްފި
18 ސެޕްޓެމްބަރު 2026 | ހުކުރު 13:16ޕީއެންއެފްގެ މެންބަރުން އެ ޕާޓީއަށް ނޭނގި ވަކިކުރާ ކަމަށް ބުނެ ކުރާ ތުހުމަތުތައް އިލެކްޝަންސް ކޮމިޝަނުން ދޮގުކޮށްފި. އީފާސް މެދުވެރިކޮށް ޕާޓީތަކަށް ވަނުމާއި ވަކިވުމުގެ ފުރުސަތު އޮންނައިރު، އެއްވެސް ފަރާތަކަށް ނޭނގި ޕާޓީން ވަކިކުރުމަކީ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުކުރުމަކީ އިލެކްޝަންސް ކޮމިޝަން އަދި އެހެން އެއްވެސް ފަރާތަކަށް ކުރެވޭ ގޮތަށް އޮތް ކަމެއް ނޫން ކަމަށް އީސީ އިން ބުނޭ


އީސީގެ ރައީސް މުހައްމަދު ޝަކީލް | ރައީސް އޮފީސް
ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ މެންބަރުން އެ ޕާޓީއަށް ނޭނގި ވަކިކުރަމުންދާ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގެ މަސައްކަތް ފެށުނީއްސުރެ މީހުންނަށް ނޭނގި އޮޅުވާލައިގެން ޕާޓީތަކަށް މެންބަރުން ވެއްދުމާއި ޕާޓީތަކުން މީހުން ވަކި ކުރުމުގެ ޝަކުވާ އަންނަ ކަމަށެވެ. އަދި މިފަދަ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުންދާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
މި މަސައްކަތުގެ ތެރެއިން، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، އެކި ދުވަސްވަރު މަތިން ސިޔާސީ ޕާޓީތަކާއި ކަމާއި ގުޅުންހުރި އެކިއެކި އިދާރާތަކާ ގުޅިގެން ކުރެވުނު މަޝްވަރާތަކުން އިސްލާހީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ. އެގޮތުން ޕާޓީ މެމްބަރޝިޕް ތެރެއަށް އީފާސް ތާއަރަފް ކުރެވުމަށްފަހު ކޮންމެ ރައްޔިތަކަށް ވެސް އެމީހެއްގެ އަމިއްލަ އީ ފާސް މެދުވެރިކޮށް ފުރިހަމަ އިހުތިޔާރުގައި ޕާޓީއަކަށް ވަނުމާއި ޕާޓީން ވަކިވުމުގެ ފުރުސަތު ފަހިކޮށްދީފައި ވާނެ ކަމަށް ބުނެފައިވެ އެވެ.
އެހެންކަމުން ޕާޓީއަށް ވަނުމާއި ވަކިވުމަކީ ހަމައެކަނި އެފަރާތަކާއި އެ ޕާޓީއަކާ ދެމެދުގައި ހިނގާ މުއާމަލާތެއް ކަމަށާއި، މިއީ އިތުރުފަރާތެެއްގެ ބައިވެރިވުމެއް ނެތް، ފަރުދީ މިނިވަންކަމާއި އިހްތިޔާރުގެ ތެރެއިން ނިންމޭ ނިންމުމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.
މި ނިޒާމުގެ ތެރެއިން އެއްވެސް ފަރާތަކަށް ނޭނގި ޕާޓީން ވަކިކުރުމަކީ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުކުރުމަކީ އިލެކްޝަންސް ކޮމިޝަން އަދި އެހެން އެއްވެސް ފަރާތަކަށް ކުރެވޭ ގޮތަށް އޮތް ކަމެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
އެ ކޮމިޝަނުން ބުނީ، ހަގީގަތް އޮޅޭގޮތަށް އާންމުންގެ މެދުގައި އިލެކްޝަން ކޮމިޝަނަށާއި ޕާޓީތަކުގެ މެންބަރޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭ ގޮތަށް ޕީއެންއެފްއިން ކުރަމުންދަނީ ދޮގު ތުހުމަތުތަކެއް ކަމަށާއި، އެ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މީގެ އިތުރުން، ހަގީގަތާއި ހިލާފު ވާހަކަ ނުފެތުރުމަށާއި، ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރުކަމާއެކު ސިޔާސީ ހަރަކާތް ހިންގުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެ އިލްތިމާސްކޮށްފަ އެވެ.











