މިހާރު ފެނިގެން ދަނީ ބާރުތައް ވަކިވެފައި އޮތް ނިޒާމް މަސްހުނި ކުރައްވާތަން، މިވެރިކަމުގައި ހުދުމުހުތާރު ސިފަ ޖެހި ނިމިއްޖެ: ރައީސް ޔާމީން
10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 19:47ރައީސް މުއިއްޒު ގާނޫނުއަސާސީއާ ހިލާފުވެ، މިނިވަން މުއައްސަސާތަކުގެ ބާރުތައް އަތްޕުޅަށް ނަންގަވައި ހުދުމުހުތާރު ވެރިކަމެއް ކުރައްވާ ކަމަށް ކުރީގެ ރައީސް ޔާމީން ތުހުމަތު ކުރެއްވި. ކޮރަޕްޝަން އިތުރުވެ މުއައްސަސާތައް ފެއިލްވެފައިވާތީ، ސަރުކާރު ހަމަމަގަށް އެޅުވުމަށް ސިޔާސީ މީހުން ނުކުންނަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި


ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭއްވެވި "ފެހި ސިގްނަލް" ޕީއެންއެފް ޖަލްސާގެ ތެރެއިން | ރާއްޖެ އެމްވީ
މިހާރު ފެނިގެން ދަނީ ގާނޫނު އަސާސީން ގެނެސް އޮތް ހަމަޖެހުމާއި، ބާރުތައް ވަކިވެފައި އޮތް ނިޒާމް މަސްހުނި ކުރައްވާތަން ކަމަށާއި ރައީސް މުއިއްޒުގެ އަތްޕުޅަށް ބާރުތައް ގެންނަވާ މިވެރިކަމުގައި ހުދުމުހުތާރު ސިފަ ޖެހި ނިމިފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެރޭ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން "ފެހި ސިގްނަލް" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ވެރިޔަކަށް ހުންނަ މީހަކަށް ދެވަނަ ދައުރެއް ބޭނުންވާ ކަމުގައި ވާނަމަ އޮންނަނީ އިލެކްޝަންސް ކޮމިޝަން ސިޔާސީ ކުރުން ކަމަށެވެ. އަދި ގާނޫނު އަސާސީ އުފެދިގެން އައި އިރު، އޭގައި ލިޔެފަވަނީ އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުސްތަގިއްލު ތަނެއް ކަމަށް ނަމަވެސް، މިއަދު ރައީސް މުއިއްޒުގެ އަތްޕުޅަށް ބާރުތައް ނަންގަވާ އެތަނުގައި ހުންނަވަނީ ރައީސް އައްޔަނުކުރައްވާ ބޭފުޅެއް ކަމަށް ރައީސް ޔާމިން ވިދާޅުވި އެވެ.
ރައްޔިތުން އެންމެ ރުޅި އަންނަ ކަމަކީ ކޮރަޕްޝަންގެ އަމަލުތަކާމެދު ކަން ފާހަގަކުރައްވައި ރައީސް ޔާމިން ވިދާޅުވީ ރައްޔިތުން އެހާ ނިކަމެތިއިރު މުއްސަނދި ވާ މީހުން ދަނީ މުއްސަނދި ވަމުން ކަމަށާއި، ބިން ކަފާފައި ބިން ލިބޭ މީހުންނަށް ބިން ލިބެމުން ދަނީ އިންތިހާއަށް ކަމަށެވެ.
ރައީސް ޔާމިން ވަނީ 2008 ވަނަ އަހަރު ގާނޫނު އަސާސީ ތަސްދީގުކޮށް އަމަލުކުރަން ފެށި ފަހުން ގާނޫނު އަސާސާ ބޮލާލައި ޖެއްސެވި ފުރަތަމަ ރައީސް އަކީ، ރައީސް މުއިއްޒު ކަމަށް ވިދާޅުވެފަ އެވެ.
މި އަންނަނީ ކޮރަޕްޝަންގެ މައްސަލަ، ދެން ކިހިނެއްތޯ މިކަން ބަލާނީ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ މީހެއް ގޮތަށް ކޯޓު ފަހާ މުޅިން ނިންމާފައި މިއޮތީ. މިހާ ހިސާބަށް ދިޔާމަ ސިޔާސީ މީހުން މި ތެދުވަން ޖެހެނީ އެއީ މި ދެންނެވި ކަހަލަ ބާރުތައް ބުރަކު ނުޖައްސާ ދާއިރު، ބުރަކި ޖައްސަން އުފައްފައި ހުރި މުއައްސަސާތައް އެބަހުއްޓޭ، އެކަމް މުއައްސަސާތައް ނާގާބިލު ވެއްޖެ އޭ މުއައްސަސާތަކުން ކުރާ މަސައްކަތެއް ނެތޭ، މިއީ ފުރިހަމަ ޑިކްޓޭޓަރެއްގެ ދައުރު އައިސް ޖެހުނީމަ ސިޔާސީ މީހުންގެ ދައުރު އަނެއްކާ މި އަންނަނީއަބްދުﷲ ޔާމީން
ރައީސް ޔާމީން ވިދާޅުވީ މިހާރު މުއައްސަސާތައް ހުރީ ފެއިލްވެފައި ކަމަށާއި، ރައީސް މުއިއްޒުގެ އަތްޕުޅަށް ބާރުތައް ނަންގަވަމުން ދާއިރު ސިޔާސީ މީހުން ފެޑްއަޕް ވީ ނަމަވެސް މިސަރުކާރު ހަމަ މަގަށް އަޅުވަން ނުކުންނަން ޖެހިފައިވާ ކަމަށެވެ.










