ރައީސް މުއިއްޒު ދައުލަތް ހިންގެވުމަށް މަސައްކަތް ކުރައްވަނީ ހުރިހާ ކަމެއްގައި ޗޯރުންނަށް ބާރުދީގެން: ޔާމީން
1 އޯގަސްޓު 2026 | ހޮނިހިރު 08:45މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންގެ ތާއީދު ގެއްލިފައިވާ ކަމަށް ވިދާޅުވެ، ކޮރަޕްޝަނާއި ޓެންޑަރުތަކުގެ މައްސަލަތަކުގައި ކުރީގެ ރައީސް ޔާމީން ވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. އަދި ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރަން ނިންމި ނިންމުމަކީ އާދައިގެ ރައްޔިތުންނަށް ދެވޭ ނިކަމެތިކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި


ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހަށް ޙާޟިރު ކުރި ދުވަހު ސަޕޯޓަރުންނާ އިޝާރާތް ކުރައްވަނީ | ސޯޝަލް މީޑިއާ
ރައީސް ޑރ.މުހައްމަދު މުއިއްޒު ދައުލަތް ހިންގެވުމަށް މަސައްކަތް ކުރައްވަނީ ހުރިހާ ކަމެއްގައި ޗޯރުންނަށް ބާރުދީގެން ކަމަށާއި، މިއީ ވައްކަމުގެ ބޮޑު ސަރުކާރެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އެންމެފަހުން ޕީއެންއެފްއިން ބޭއްވި ޖަލްސާގެ އޯޑިއަންސްގައި އިންނަވައި ޔާމީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެ ސިޔާސަތުގެ ސަބަބުން މިއަދު ރައްޔިތުންގެ ތާއީދު ރައީސް މުއިއްޒަށް ނެތްކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ރައްޔިތުން ތިބި ގޮތް ރެފަރަންޑަމުންނާއި ރައީސް މުއިއްޒު އެކި ތަންތަނަށް ވަޑައިގަތުމުން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
މި ސަރުކާރުގެ ކޮރަޕްޝަނަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ، މި ސަރުކާރަކީ "ޗޯރުންނަށް" ބާރުދީގެން ކަންތައްތައް ކުރުވާ ސަރުކާރެއް ކަމަށާއި، އެއީ މި ސަރުކާރުގައި ޖެހިފައިވާ ނުފިލާނެ ލަކުނެއް ކަމަށެވެ. އަދި ޓެންޑަރުތައް ދީފައިވާ ގޮތުގެ ހަގީގަތް ބަލަން ސަރުކާރަށް ނުކެރިގެން އުޅެނީ ކީއްވެގެންތޯ ވެސް އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ ރާއްޖޭގައި ތިބި ތަންދޮރު ދަންނަ އިލްމީ މީހުން މި ސަރުކާރުގެ ބައެއް އިސްވެރިންނާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ކަމަށެވެ.
އިލްމީ މީހުން މި ރާއްޖޭގައި ތިބި ތަންދޮރު ދަންނަ މީހުން އެބަބުނޭ. ތިބި ބޮޓޭކޯއާއި، އަބްދުއްރަހީމާއި، މިކަހަލަ މީހުން ގޮވައިގެން ނާންނާނެ ތިމަންނަމެން ކައިރިއަށް. ކަލޭމެން ނެތޭ ތިމަންނަމެންނަކަށް ކިޔައިދޭން ބޭނުންވާ އެއްޗެއް. ބުނެދޭން އެއްޗެއް ނެތޭ އިނގޭތޯ. ރައްޔިތުންގެ ތެރޭގައި އެބަ ތިބި ހޭލުންތެރި މީހުން ގިނައީ އިނގޭތޯ. އެހެންވީމާ، މި ފެންވަރު މީހުން ގޮވައިގެން ދެން އުޅެނީ ބޮޑެތި މަހާޗޯރުންނަށް ތެދެއްތޯ މިއުޅެނީ. މަހާޗޯރުން ގޮވައިގެން މިއުޅެނީ. އެހެންވީމަ މިސަރުކާރަށް ކަމުދާނީ ހުރިހާ ކަމެއްގައި ވެސް ޗޯރުންނަށް ބާރުދީގެން ކަންތައްތައް ކުރުވަން. އެނޫން ގޮތަކަށް ނުވާނެއަބްދުﷲ ޔާމީން
ދައުލަތުގެ ޚަރަދުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ޚާއްސަކޮށް ރިކަރަންޓް ޚަރަދު އިތުރުކުރަމުންދާ ދިއުމަށް ޔާމީން ފާޑުވިދާޅުވި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) މެދުވެރިކޮށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރަން އަންގާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ، ކުންފުނިތަކަށް މީހުން ވެއްދީ ސަރުކާރުން ވޯޓު ބޭނުންވެގެން ކަމަށެވެ.
ނަމަވެސް މިހާރު އެކަމުގެ ޒިންމާ ފިނޭންސް މިނިސްޓްރީގެ ބޮލަށް ޖަހައި ރައީސް މުއިއްޒު ހުންނެވީ ލޯމަރާލައިގެން ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި މަދުކުރުމަކީ ރައްޔިތުންނަށް ތަޖައްމަލް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މިސަރުކާރުން ހުރިހާ ދެރަ ނިކަމެތިކަމެއް ދެމުންދަނީ އާދައިގެ ރައްޔިތުންނަށް ކަމަށް ޔާމީން ވިދާޅުވި އެވެ.











