ޕީއެންއެފްގެ މެންބަރުންނަށް ނޭންގި ޕާޓީން ވަކިކުރި މައްސަލަ: އީސީގެ ރައީސްއާ ދެކޮޅަށް ހުށަހެޅި ޖިނާއީ މައްސަލަ ފުލުހުން ބަލައިގަނެފި
17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 14:24ޕީއެންއެފްގެ މެންބަރުންގެ ސޮއި ފޯޖުކޮށް، ޒާތީ މައުލޫމާތު ބޭނުންކޮށްގެން ރުހުމަކާ ނުލައި އެހެން ޕާޓީތަކަށް ބަދަލުކުރި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ބަލައިގަނެފި. މިއީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގަށް އަރައިގަނެ ހިންގާފައިވާ ޖިނާއީ އަމަލެއް ކަމަށް އެ ޕާޓީން ތުހުމަތުކުރޭ


ޕީއެންއެފްގެ ފުރަތަމަ ގައުމީ ޖަލްސާގެ ތެރެއިން | ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ދަފްތަރުގައި ހިމެނޭ ގިނަ އަދަދެއްގެ މެންބަރުންނަށް އެއްވެސް މިންވަރަކަށް އެނގުމަކާ ނުލައި ޕާޓީގެ ދަފްތަރުން އުނިކޮށް، އެހެން ސިޔާސީ ޕާޓީތަކަށް ބަދަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ޕީއެންއެފް ފަރާތުން ހުށަހެޅި މައްސަލަ، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ރަސްމީކޮށް ބަލައިގަނެފި އެވެ.
ޕީއެންއެފް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޕާޓީގެ ދަފްތަރުގައި ތިބި ގިނަ އަދަދެއްގެ މެންބަރުންގެ ސޮއި ފޯޖުކޮށްގެންނާއި ޒާތީ މައުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށްގެން، ރުހުމަކާ ނުލައި އެ ޕާޓީން ވަކިކޮށްފައިވާ ކަމަށެވެ. ޕީއެންއެފް އިން ބުނީ މިއީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގަށް އަރައިގަނެ، ހިންގާފައިވާ ބޮޑު "އައިޑެންޓިޓީ ތެފްޓް" ގެ ޖިނާއީ އަމަލެއް ކަމަށެވެ.
މި ބަޔާނުގައި އިތުރަށް ބުނީ، ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމާއި، އިންތިޚާބީ ހަރަކާތްތައް އިންސާފުވެރިކަމާއެކު ހިންގުމުގެ ޒިންމާ ގާނޫނީ ގޮތުން ހަވާލުވެފައިވާ ކޮމިޝަނެއްގެ ވެރިޔާ، ފަރުވާ ކުޑަކޮށް ނުވަތަ ގަސްދުގައި މިފަދަ އަމަލެއް ހިންގުމަކީ ޑިމޮކްރެޓިކް ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށެވެ.
ޕީއެންއެފް އިން ވަނީ، ހުށަހަޅާފައިވާ މި ޖިނާއީ މައްސަލަ ވަކި ފަރާތަކަށް ނުޖެހި، ފުރިހަމަ މިނިވަންކަމާއެކު ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް، ޖަރީމާގައި ބައިވެރިވި ހުރިހާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ގޮވާލާފަ އެވެ.
މި މައްސަލަ ފުލުހުން ބަލައިގެންފައިވާކަން ޔަޤީންވެފައިވާ އިރު، އިލެކްޝަންސް ކޮމިޝަނާއި ފުލުހުންގެ ފަރާތުން މިކަމާ ގުޅޭ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.











