ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކުރުމަށް އެކުލަވާލާ އައު އުސޫލު މިހާރު އޮތީ ގެޒެޓްކުރުމުގެ މަރުހަލާގައި: އީސީ
27 ޖުލައި 2026 | ހޯމަ 08:51ސިޔާސީ ޕާޓީތަކުން ދައުލަތުގެ ފައިސާ ޚަރަދުކުރާ ގޮތް ހާމަކަން ބޮޑުކުރުމަށްޓަކައި، އޮޑިޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އާ އުސޫލެއް އެކުލަވާލައިފި. ޕާޓީތަކުގެ މާލީ ކަންކަން ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ތައްޔާރުކުރި މި އުސޫލު މިހާރު ވަނީ ގެޒެޓްކުރުމުގެ މަރުހަލާގައި. މީގެ ސަބަބުން ރައްޔިތުންގެ ޓެކްސް ފައިސާ ޕާޓީތަކުން ބޭނުންކުރާ ގޮތް މިހާރަށް ވުރެ ބޮޑަށް ސާފުވެގެންދާނެ


އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ޙަސަން ޒަކަރިއްޔާ | ސޯޝަލް މީޑިއާ
ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން މިހާރަށް ވުރެ ހަރުދަނާކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ހާއްސަ އުސޫލެއް އެކުލަވާލައި ގެޒެޓްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ، ރައްޔިތުންގެ ޓެކްސް ފައިސާއިން ސިޔާސީ ޕާޓީތަކަށް ފައިސާ ދޭއިރު، އެ ފައިސާއަށް އަމަލުކުރާ ގޮތް ރައްޔިތުންނަށް ސާފުވާންޖެހޭނެ ކަމަށެވެ. އެހެންކަމުން ދައުލަތުގެ ބަޖެޓުން ފައިސާ ދޭ ޕާޓީތަކުގެ މާލީ ކަންކަމަށް ކޮމިޝަނުން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޙަސަން ޒަކަރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ ޕާޓީތަކުގެ އޮޑިޓް ރިޕޯޓްތައް ތައްޔާރުކުރާއިރު ބައިނަލްއަލްއަޤްވާމީ އޮޑިޓިން މިންގަނޑުތަކަށް އަމަލުކުރި ނަމަވެސް، ރާއްޖޭގެ މާލީޔަތު ގަވާއިދާ ފުށުއަރާ ބައެއް ކަންކަން ފާހަގަވެ އެވެ. މީގެ މައިގަނޑު ސަބަބަކީ މިހާތަނަށް ހުރިހާ ސިޔާސީ ޕާޓީއަކުން އަމަލުކުރާނެ އެއްގޮތް އުސޫލެއް ކަނޑައެޅިފައި ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލަތައް ހައްލުކުރުމަށްޓަކައި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން މަޝްވަރާތައް ކުރަމުން އައިސް، މިހާރު ވަނީ ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ބެލެހެއްޓުމުގެ ހާއްސަ އުސޫލެއް ޑްރާފްޓްކޮށްފަ އެވެ. މި މަސައްކަތަކީ އިލެކްޝަންސް ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީސް ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތެއްކަން އީސީން ފާހަގަކުރި އެވެ.
ޙަސަން ޒަކަރިއްޔާ ވިދާޅުވީ، މިހާރު އެ ޑްރާފްޓް ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމުގެ މަރުހަލާއަށް ފޮނުވާފައި ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ބެލެހެއްޓުމުގެ ހާއްސަ އުސޫލެއް އަޅުގަނޑުމެން ވާނެ ޑްރާފްޓްކޮށްފައި. އެ ޑްރާފްޓަށް ހުރިހާ ސިޔާސީ ޕާޓީއެއްގެ ކޮމެންޓު ހޯދައި ނިންމާފައި ޑްރާފްޓް ވާނީ ގެޒެޓް ކުރުމުގެ މަރުހަލާއަށް ފޮނުވިފައިޙަސަން ޒަކަރިއްޔާ
މި އައު އުސޫލާއެކު ސިޔާސީ ޕާޓީތަކުގެ މާލީ ހިސާބުތައް ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ލިބި، ދައުލަތުން ދޭ ފައިސާ ހަރަދުކުރާ ގޮތުގެ ތަފްސީލުތައް މިހާރަށް ވުރެ ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް އެނގިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އުންމީދު ކުރެ އެވެ.









