ބޮޑެތި ސްކޭމްތައް ހިންގާ މީހުން ޓްރެފިކް ކުރުމުގެ އަމަލުތައް ދިވެހިރާއްޖޭގައި ދަނީ އިތުރުވަމުން: އދ
18 ސެޕްޓެމްބަރު 2026 | ހުކުރު 09:01ރާއްޖޭގައި ބޮޑު މުސާރަ ލިބޭ ވަޒީފާގެ ދަޅަދައްކައިގެން މީހުން ރެކްރޫޓްކޮށް، މަޖުބޫރުން ސައިބަރ ކްރައިމްތަކުގައި ބައިވެރިކުރާކަން އދ. އިން ވަނީ ހާމަކޮށްފައި. މިފަދަ ޖަރީމާތަކުގައި ރާއްޖެއަކީ މީހުން ފޮނުވާ ނުވަތަ ޓްރާންސިޓް ގައުމެއްގެ ގޮތުގައި ބޭނުންކުރަމުންދާތީ، މިކަން ހުއްޓުވުމަށް ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކޮށް ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ވަނީ ގޮވާލާފައި

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަން އޮފިސަރުން މާލޭ ސަރަހައްދުގައި ހާއްސަ ރޭޑް އޮޕަރޭޝަނެއް ކުރިއަށް ގެންގަނީ | އިމިގްރޭޝަން
ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ދިވެހިރާއްޖެ ހިމެނޭހެން، އެތައް ހާސް ބަޔަކު ވަޒީފާގެ މަޅީގައި ޖައްސައި، ސައިބަރ ކްރައިމް ނުވަތަ އިންޓަނެޓް މެދުވެރިކޮށް ހިންގާ ބޮޑެތި ސްކޭމްތަކުގައި ބައިވެރިކުރުވުމަށް ޓްރެފިކް ކުރަމުންދާ ކަމުގެ އިންޒާރު އދ. އިން ނެރުނު އާ ރިޕޯޓެއްގައި ދީފި އެވެ. "ޓްރެފިކްޑް ޓު ސްކޭމް: ސައުތު އޭޝިއަން ރެސްޕޮންސަސް ޓު ޓްރެފިކް އިން ޕާސަންސް ފޯ ދަ ޕާޕަސް އޮފް ފޯސްޑް ކްރިމިނަލިޓީ އިން ސްކޭމް އޮޕަރޭޝަންސް" ގެ ނަމުގައި، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އިން މި ރިޕޯޓު އާންމުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މި ދިރާސާގައި ބަންގްލަދޭޝް، ބޫޓާން، ދިވެހިރާއްޖެ، ނޭޕާލް އަދި އިންޑިއާ ހިމެނޭ ސަރަހައްދުގައި އިންސާނީ ވަގުފާރިއާއި، ސައިބަރ މެދުވެރިކޮށް ހިންގާ މަކަރާއި ހީލަތުގެ މުއާމަލާތްތަކާއި، އަދި ރޭވުންތެރިކަމާއެކު ހިންގާ ބޮޑެތި ކުށްތަކާ ހުރި ގުޅުން ވަނީ ދިރާސާކޮށްފަ އެވެ. މި ރިޕޯޓުގައި އިންޒާރުދީފައިވާ ގޮތުގައި، ގައުމުން ބޭރުން ޓެކްނޮލޮޖީ ނުވަތަ އިދާރީ ދާއިރާއިން ބޮޑު މުސާރަ ލިބޭ ވަޒީފާތައް ދައްކައިގެން މީހުން ހައްލާލުމަށްފަހު، "ސްކޭމް ކޮމްޕައުންޑް" ތަކެއްގައި އެމީހުން ބަންދުކުރެ އެވެ. އަދި އެތަންތަނުގައި މަޖުބޫރުކޮށްގެން ކްރިޕްޓޯކަރަންސީ ސްކޭމްތަކާއި ގަވާއިދާ ހިލާފު ޖުވާ ކުޅޭ ސައިޓުތައް ހިންގުން ފަދަ އިންޓަނެޓް މެދުވެރިކޮށް ހިންގާ އެކި ކުށްތަކުގައި އެމީހުން ބައިވެރިކުރުވަ އެވެ.
އދ. އިން ހާމަކުރި ގޮތުގައި، މިފަދަ ޖަރީމާތައް ހިންގުމުގައި ދިވެހިރާއްޖެއަކީ މިހާރު އިތުރުވަމުންދާ ޓްރާންސިޓް ޕޮއިންޓެއް ނުވަތަ މީހުން ފޮނުވާ ގައުމެއްގެ ގޮތުގައި ދަނީ ބޭނުންކުރެވެމުންނެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއީ އިންތިހާއަށް އޮޅުންބޮޅުން ބޮޑު މަކަރު ހީލަތްތެރިކަމުގެ ބާވަތެކެވެ. ސަބަބަކީ މިފަދަ މަކަރާއި ހީލަތުގެ އެކައުންޓްތައް ހިންގުމާއި ގަވާއިދާ ހިލާފު ފައިސާގެ މުއާމަލާތްތައް ކުރަނިކޮށް ފެންނަނީ މި ޝިކާރައަކަށްވާ މީހުން ކަމަށްވާތީ، ކަމާބެހޭ ފަރާތްތަކަށް އެމީހުން ފެންނަނީ ކުށްވެރިންގެ ގޮތުގަ އެވެ. "ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އޮތް ގޮންޖެހުމަކީ ކުށްވެރިންގެ ތެރެއިން މިކަމުގެ ޝިކާރައަކަށްވެފައިވާ މީހާ ދެނެގަތުން،" ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. އަދި ބޯޑަރުތަކުގައާއި ޑިޖިޓަލް ތަހުގީގުތަކުގެ ތެރެއިން މީހުން ސްކްރީންކޮށް ދެނެގަތުމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުތަކަށް ވަނީ ގޮވާލާފަ އެވެ.
މިފަދަ ޖަރީމާތަކުގެ ފަހަތުގައި ތިބި ރޭވުންތެރި ކުށްވެރި ނެޓްވޯކްތައް ރޫޅާލުމަށްޓަކައި ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށް ޔޫ.އެން.އޯ.ޑީ.ސީ އިން ވަނީ ގޮވާލާފަ އެވެ. އަދި ސައިބަރ ކްރައިމްއަކީ ވަކި ބޯޑަރެއް ނެތް ކަމަކަށްވާތީ، މީގެ ދިފާއުގައި ދެކުނު އޭޝިއާގެ ގައުމުތަކުން ގުޅިގެން މަސައްކަތްކުރަން ޖެހޭކަން އެ އިދާރާއިން ފާހަގަކުރި އެވެ. މީގެ އިތުރުން، މަޖުބޫރުކޮށްގެން ކުށްތަކުގައި ބައިވެރިކުރެވޭ މީހުން ހިމާޔަތްކުރުމަށްޓަކައި ދިވެހިރާއްޖެއާއި އަވަށްޓެރި ގައުމުތަކުގެ ގާނޫނީ އޮނިގަނޑުތައް ހަރުދަނާކުރުމަށާއި، ގައުމުން ބޭރުގެ ވަޒީފާތަކަށް މީހުން ރެކްރޫޓްކުރުމުގައި ހިންގާ އޮޅުވާލުންތަކަށް އާންމުން ހޭލުންތެރިކުރުވުމަށް ވެސް މި ރިޕޯޓުގައި ލަފާދީފައިވެ އެވެ.











