ޑްރަގް އައްޑާއެއްގެ ގޮތުގައި ބޭނުންކުރި ތަނެއްގެ ވެރިފަރާތަށް ކުށް ސާބިތުވެ، 10 އަހަރަށް ޖަލަށް!
10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 12:34މަސްތުވާތަކެތީގެ ވިޔަފާރިކުރާ އައްޑާއެއްގެ ގޮތުގައި ގެ ބޭނުންކުރުމުގެ ފުރުސަތު ދިން މައްސަލައެއްގައި، ގ. ޕެލިކަން އިބްރާހީމް ނާޒިމް 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. މިއީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން މިފަދަ ކުށެއް ސާބިތުވެ ރާއްޖޭގައި މީހަކަށް އަދަބު ކަނޑައެޅި ފުރަތަމަ ފަހަރު ކަމުން، މިއީ މި ވަބާއާ ދެކޮޅަށް އެޅުނު ވަރުގަދަ ފިޔަވަޅެއްކަމަށް ބެލެވޭ


ކްރިމިނަލް ކޯޓުގެ އިމާރާތް | ސޯޝަލް މީޑިއާ
މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރިކުރާ އައްޑާއެއްގެ ގޮތުގައި ގެއެއް ބޭނުންކުރުމުގެ ފުރުސަތު ދިން މައްސަލައެއްގައި އެ ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މިއީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން، މިފަދަ ކުށެއް ސާބިތުވެ ރާއްޖޭގައި މީހަކަށް އަދަބު ކަނޑައެޅި ފުރަތަމަ ފަހަރެވެ.
މި މައްސަލާގައި ކުށް ސާބިތުވެ ޖަލު ހުކުމެއް އައިސްފައިވަނީ ގ. ޕެލިކަން، އިބްރާހީމް ނާޒިމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ، މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރިކޮށް، އަދި ޕެޑަލް ކުރާކަން އެނގިހުރެ ނުވަތަ އެކަން އެނގޭނެ ފުރުސަތު އޮވެމެ، އެކަން ކުރުމަށް އޭނާގެ ގޭގައި ހުއްދަ ދީފައިވާތީ އެވެ.
މި މައްސަލައިގެ ފަސްފަހަތަށް ބަލާއިރު، ގ. ޕެލިކަން ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ތަކެތި ބޭނުންކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އެ ގެ ބަލައި ފާސްކޮށްފައިވަނީ 20 ޖެނުއަރީ 2026 ގަ އެވެ. ފުލުހުން އެ ގެއަށް ގޮސް ބޭރު ގޭޓް ހުޅުވަން އެންގުމުން ގޭޓް ހުޅުވާފައި ނުވާތީ، ފުލުހުން އެ ގެއަށް ވަދެފައިވަނީ ބާރުގެ ބޭނުންކޮށްގެން ކޯޓު އަމުރެއްގެ ދަށުންނެވެ.
މި މައްސަލައިގެ ޝަރީއަތް ނިންމައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 127 ވަނަ މާއްދާގެ ދަށުން އިބްރާހީމް ނާޒިމްގެ މައްޗަށް ކުރި ދައުވާ ސާބިތުވާ ކަމަށެވެ. އެހެންކަމުން އެ ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 10 އަހަރު ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
މަސްތުވާތަކެތި ބޭނުންކުރާ އައްޑާތަކުގެ ގޮތުގައި ބޭނުންކުރާ ތަންތަނުގެ ވެރިފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަކީ މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ކުރާ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގާނޫނީ މާހިރުން ފާހަގަކުރެ އެވެ. މިއީ މި މާއްދާގެ ދަށުން ދައުވާކޮށް ކުށް ސާބިތުވި ފުރަތަމަ މައްސަލަ ކަމަށްވާތީ، މިއީ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ދެވުނު ވަރުގަދަ އިންޒާރެއްގެ ގޮތުގައި ބެލެވެ އެވެ.










