އާބިދަށް ކުރާ ދައުވާ: މިހާރު ކުރިއަށްދަނީ މަރުވި މީހާގެ ވާރިސުންގެ ބަސް ހޯދުމުގެ މަސައްކަތް
7 ސެޕްޓެމްބަރު 2026 | ހޯމަ 09:35ހުޅުމާލޭ ޚާންޖީ ރެސްޓޯރަންޓްގައި ބަންގްލަދޭޝް މީހަކު މަރާލި މައްސަލައިގައި ކުށް ސާބިތުވި ޕާކިސްތާނު ކައްކާގެ މައްޗަށް އަދަބު ކަނޑައެޅުމުގެ ކުރިން، މަރުވި މީހާގެ ވާރިސުންގެ ބަސް ހޯދުމުގެ މަސައްކަތް ދައުލަތުން ފަށައިފި. މިކަމަށް ބޭރުގެ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ ރަސްމީ މަސައްކަތްތައް ކުރިއަށްދާތީ، ވާރިސުންގެ ބަސް ހޯދުމަށް ކޯޓުން ވަނީ ދައުލަތަށް ފުރުސަތު ދީފައި


ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު | ރާއްޖެއެމްވީ
ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރަންޓްގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ވެއިޓަރަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި، އެ ތަނުގެ ކައްކާއަކަށް އުޅުނު ޕާކިސްތާނުގެ މުހައްމަދު އާބިދުގެ މައްޗަށް ގަސްތުމަރުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައިވާތީ ވާރިސުންގެ ބަސް ނެގުމުގެ މަސައްކަތް ފަށައިފި އެވެ.
މި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝާފިއު ވަނީ އާބިދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މި ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ނިންމަވާފަ އެވެ.
މި މައްސަލައިގައި ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދިޔައީ މަރާލި މީހާގެ ވާރިސުންގެ މައުލޫމާތު ސާފުކުރުމާއި، އެމީހުންގެ ބަސް ހޯދުމާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރުމެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، މަރުވި މީހާގެ ވާރިސުންނަކީ ކޮބައިކަން ބަޔާންކޮށް ހައިކޮމިޝަނުން 2022 ވަނަ އަހަރު ފުލުހުންނަށް ފޮނުވާފައިވާ ލިއުމެއް އެބައޮތް ކަމަށެވެ. ނަމަވެސް އެއީ ކުރީގެ ލިއުމަކަށް ވާތީ، ވާރިސުންގެ މިހާރުގެ ހާލަތާއި އަދާހަމަ މައުލޫމާތު ހޯދުމަށް މައްސަލަ ތަހުގީގު ކުރި އޮފިސަރު މެދުވެރިކޮށް މަސައްކަތް ކުރެވިފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން އިތުރަށް ފާހަގަކުރި ގޮތުގައި، މިހާރު ވާރިސުންގެ ގޮތުގައި ތިބި މީހުންނާ ގުޅޭ ލިއުމެއް ދައުލަތަށް ވަނީ ލިބިފަ އެވެ.
އެހެންކަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިންޓަނޭޝަނަލް ރިލޭޝަންސް ޔުނިޓުން މިހާރު ވަނީ ހައިކޮމިޝަން މެދުވެރިކޮށް ވާރިސުންގެ ބަސް ހޯދުމަށް ކުރަންޖެހޭ ރަސްމީ މަސައްކަތްތައް ފަށާފަ އެވެ.
މި މަރުހަލާއަކީ ބޭރު ގައުމެއްގެ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ ކަމަކަށް ވާތީ، އެކަމަށް ދުވަސްކޮޅެއް ހޭދަވެދާނެ ކަމަށް ދައުލަތުން ބުނުމުން ގާޒީ ވަނީ އެ ފުރުސަތު ދެއްވާފަ އެވެ.
މި މައްސަލައިގެ ޝަރީއަތުގައި އާބިދު ވަނީ އޭނާ ހަމަލާދިނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށް ބުނެފައެވެ. ނަމަވެސް މައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ، އާބިދު ހަމަލާދީފައިވަނީ މީހެއްގެ ފުރާނަ ގޮސްދާނެ ފަދަ ނުރައްކާތެރި ގޮތަކަށްކަން ހެކިތަކުން ސާބިތުވާ ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ދެން އޮންނާނީ ވާރިސުންގެ ބަސް ނެގުމަށްފަހު އަދަބު ކަނޑައެޅުމުގެ މަރުހަލާ ކަމަށް ގާޒީ ވަނީ އިއުލާން ކުރައްވާފަ އެވެ.











