ފުލުހުން އެދުނީ މައިމޫން އިތުރު 15 ދުވަހަށް ބަންދު ކުރަން، ނަމަވެސް ކޯޓުން ނިންމީ ދޫކޮށްލަން
6 ސެޕްޓެމްބަރު 2026 | އާދީއްތަ 13:27އާދީއްތަ ދުވަހުގެ ޝަރީއަތުގައި ފުލުހުން ވަނީ މައިމޫން އިތުރަށް މުޒާހަރާއަކަށް ދިޔަ ނުދިނުމަށް އަމުރު ކޮށްދިނުމަށް ވެސް އެދިފައި. ނަމަވެސް، ޝަރީއަތުން އެ ފަދަ އަމުރެއް ނެރެދީފައި ނުވޭ


އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ނައިބު ރައީސް މައިމޫން | ރާއްޖެއެމްވީ
އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށްގެންދިޔަ މުޒާހަރާއަކާ ގުޅިގެން ފުލުހުން ހައްޔަރުކުރި އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ނައިބު ރައީސް އަހުމަދު މައިމޫން މުހައްމަދު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އާދީއްތަ ދުވަހު މި އަމުރުކޮށްފައި ވަނީ، މައިމޫންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ. ފުލުހުން އެދިފައި ވަނީ އިތުރު 15 ދުވަހަށް މައިމޫން ބަންދުކޮށްދިނުމަށެވެ. ނަމަވެސް، އެ ކޯޓުން ވަނީ ޝަރުތުތަކާ އެކު މައިމޫން މިނިވަން ކުރުމަށް އަމުރުކޮށްފަ އެވެ.
ފުލުހުން މައިމޫން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އެއީ ހުކުރު ދުވަހުގެރޭ އެމްޑީޕީ އިން މާލޭގައި ކުރިއަށްގެންދިޔަ އެއްވުމުގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގައި އަދި ފުލުހުން ޖަހާފައިވާ ބެރިކޭޑް ހުރަސްކޮށް ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާ މައްސަލައިގަ އެވެ.
މައިމޫން ހައްޔަރުކުރިތާ ފަސް ދުވަސް ފަހުން އާދީއްތަ ދުވަހު ފުލުހުން ވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންގޮސްފަ އެވެ. އާދީއްތަ ދުވަހުގެ ޝަރީއަތުގައި ފުލުހުން ވަނީ މައިމޫން އިތުރަށް މުޒާހަރާއަކަށް ދިޔަ ނުދިނުމަށް އަމުރުކޮށްދިނުމަށް ވެސް އެދިފަ އެވެ. ނަމަވެސް، ޝަރީއަތުން އެ ފަދަ އަމުރެއް ނެރެދީފައި ނުވެ އެވެ.
މީގެ ކުރިން ވެސް ފުލުހުން ވަނީ އެކި ފަހަރު މަތިން މައިމޫން ހައްޔަރުކޮށްފަ އެވެ. މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެމްޑީޕީ އިން ކުރި މުޒާހަރާއެއްގެ ތެރެއިން ވެސް މައިމޫން ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޝަރީއަތަށް ހާޒިރުކުރުމުން އެފަހަރު ވެސް ވަނީ ދޫކޮށްލައިފަ އެވެ.










