ނައުޝާދުގެ މަރު: ހައިކޯޓުން ނިންމީ ފައިހުއާ ސިރުހާންގެ މައްޗަށް ޝަރުތުކުރަންޖެހޭ ސަބަބެއް ނެތްކަމަށް
3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:28މާފަންނު "ކްލާސް" ފިހާރަ ތެރޭގައި މުޙައްމަދު އަޙްމަދު ދީދީ (ނައުޝާދު) މަރާލި މައްސަލައިގައި ދައުވާ ލިބޭ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފި. މި މައްސަލަ ނިމެންދެން އެމީހުންގެ މައްޗަށް ޝަރުތުތަކެއް ކަނޑައަޅައިދިނުމަށް ދައުލަތުން އެދުނު ނަމަވެސް، އެފަދަ ޝަރުތެއް ކުރަންޖެހޭ ޤާނޫނީ އަސާސެއް ނެތް ކަމަށް ހައިކޯޓުން ވަނީ ނިންމާފައި


ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު އާއި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުޙާން ޢަލީ | ރާއްޖެ އެމްވީ
ސ. ހިތަދޫ، އިޒުމީރު، މުޙައްމަދު އަޙްމަދު ދީދީ (ނައުޝާދު) އަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުގައި ތިބޭއިރު އެމީހުންގެ މައްޗަށް ޝަރުތު ކުރަންޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުން ނިންމައިފި އެވެ.
މި މައްސަލައިގެ ދައުވާއާ ގުޅޭ ޙާދިސާ ހިނގާފައި ވަނީ 2023 ފެބްރުއަރީ 24 ވަނަ ދުވަހު 21:30 ހާއިރު އެވެ. އެގޮތުން ނައުޝާދަށް ޙަމަލާ ދީފައިވަނީ މާފަންނު މުރަނގަ މަގުގައި ހުންނަ "ކްލާސް" ފިހާރަ ތެރޭގައި ހުއްޓައެވެ. ފިހާރަތެރޭގައި ހުއްޓާ އޭނާ ގެ ބޮލަށާއި، ކަރާއި، މޭމައްޗާއި ބަނޑުގެ އިތުރުން ފައިގެ ދެ ކަކުލަށް ވެސް ވަނީ ވަޅި ހަރައި ފުންކޮށް ޒަހަމް ކޮށްލާފަ އެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު އާއި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުޙާން ޢަލީގެ މައްޗަށެވެ. އެމީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ. އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން އުފުލި ދައުވާއެކެވެ.
މި މައްސަލައިގައި ޙުކުމް ކުރައްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިޙްސާން ނިންމެވީ މި މައްސަލައިގައި އުފުލާފައިވާ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ޤިސާސްގެ މައްސަލަތައް ސާބިތުކުރުމުގެ މިންގަނޑުކަމުގައިވާ އެއްވެސް ޝައްކެއް ނެތް މިންގަނޑަށް އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށްވެސް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
އެހެންވެ ދައުލަތުން މި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ. އަދި މައްސަލަ ނިމެންދެން އެމީހުން ބަންދުކޮށްދޭން އެދުނުނަމަވެސް، ފަހުން ދައުލަތުން ވަނީ ބަންދާގުޅޭ އަޑުއެހުންތައް ދިގުލައިގެން ގޮސްދާނެތީ އެ ހުށަހެޅުން ބަދަލުކޮށްފައެވެ. އެއަށްފަހު އެމީހުންނަށް ޝަރުތުތަކެއް ކުރުމަށް ދައުލަތުން އެދުނެވެ.
އެހެންނަމަވެސް ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމީ އެމީހުންގެ މައްޗަށް ޝަރުތު ކުރަންޖެހޭ ތަނެއް ނެތް ކަމަށެވެ.
ހައިކޯޓުން އެގޮތަށް ނިންމުމުގައި ދައުލަތުން ފުރަތަމަ ހުށަހެޅި ބަންދުކުރުމުގެ ހުށަހެޅުން އަނބުރާ ގެންގޮސްފައިވާތީއާއި، ދަށު ކޯޓުން ކުށް ސާބިތުނުވާކަމަށް ކަނޑައަޅާފައިވާ މީހަކު ޝަރުތުކުރުމަށްފަހު ބަންދުން ދޫކުރުމަށް އެދެވިދާނެ ޤާނޫނީ އަސާސެއް ދައުލަތަށް ބަޔާންކޮށްދެވިފައި ނުވުން ސަބަބެއްގެ ގޮތުގައި ހިމެނެ އެވެ.











