އީރާނުން އުރުދުންއަށް ވަރުގަދަ ހަމަލާތަކެއް ދެނީ ކީއްވެ؟
10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 04:26އުރުދުންގައި ހުންނަ އެމެރިކާގެ އަލް-އަޒްރަގް އެއާބޭސްއަށް އަމާޒުކޮށް އީރާނުން ދިން މިސައިލް ހަމަލާތައް ދިފާއުކޮށްފައިވާނެ ކަމަށް އުރުދުންގެ އަސްކަރިއްޔާއިން ބުނޭ. އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކާއި ވަސީލަތްތައް ހުންނަ މި މަރުކަޒަށް ދިން ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އީރާނުން ބުނި ނަމަވެސް، އެމެރިކާއިން ވަނީ އެކަން ދޮގުކޮށްފައި

އުރުދުންގައި ހުންނަ އަލް-އަޒްރަގް އެއާބޭސްއަށް އީރާނުން ވަރުގަދަ މިސައިލް ހަމަލާތަކެއް ދެމުންދިޔަ ވަގުތު އެމެރިކާއާއި އުރުދުންގެ އަސްކަރިއްޔާއިން އެ ހަމަލާތައް ދިފާއުކުރަން މަސައްކަތް ކުރަނީ | އެކްސް
މި ހަފުތާގައި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާއާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކާ ގުޅިގެން، އުރުދުންގައި ހުންނަ އަލް-އަޒްރަގް އެއާބޭސްއަށް އީރާނުން ބެލިސްޓިކް މިސައިލްތަކެއް ވަނީ ފޮނުވާލައިފަ އެވެ. އެމެރިކާގެ އަސްކަރީ ވަސީލަތްތަކާއި ސިފައިން ތިބޭ މި މަރުކަޒަށް ދިން ހަމަލާތަކަކީ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.
އުރުދުންގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، އަންގާރަ ދުވަހުގެ ރޭގަނޑާއި ބުދަ ދުވަހުގެ ހެނދުނުގެ ވަގުތުތަކުގައި އީރާނުން ފޮނުވާލި 20 މިސައިލްގެ ތެރެއިން 18 މިސައިލެއް ވަނީ ވައިގެ ތެރޭގައި ގޮއްވާލައި ހަލާކުކޮށްލާފަ އެވެ. އަދި، ބާކީ ދެ މިސައިލް ވެއްޓުނީ މީހުން ދިރިނޫޅޭ ހުސް ބިންތަކަށް ކަމަށް ވާތީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ.
މި ހާލަތާ ގުޅިގެން އުފެދޭ ސުވާލަކީ، އަލް-އަޒްރަގް އެއާބޭސްގައި ހުރީ ކޮން އެއްޗެއް ހެއްޔެވެ؟ އަދި، އީރާނުން މި ތަނަށް ވަރުގަދަ ހަމަލާތަކެއް އަމާޒުކުރަމުންދަނީ ކީއްވެގެން ހެއްޔެވެ؟
އުރުދުންއަށް ދެމުންދާ ހަމަލާތަކުގެ އަމާޒަކީ ކޮބާ؟
އީރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯއިން (އައިއާރުޖީސީ) ބުނީ، އުރުދުންގެ ޒަރްގާ ގަވަރުނަރޭޓްގެ އަޒްރަގް ކައިރީގައި އޮންނަ މުވައްފަގް ސަލްޠީ އެއާބޭސް ނުވަތަ އަލް-އަޒްރަގް ބޭސްގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް ރޭގަނޑުގެ ވަގުތެއްގައި "ބިރުވެރި" މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށެވެ.
އައިއާރްޖީސީއާ ހަވާލާދީ އީރާނުގެ ސަރުކާރުގެ ނޫސް އޭޖެންސީއެއް ކަމަށްވާ ތަސްނީމް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެންމެ ފަހުގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ އަލް-އަޒްރަގް ބޭސްގައި ހުންނަ އެމެރިކާގެ އަސްކަރިއްޔާގެ އެފް-35، އެފް-16 އަދި އެފް-15 މަރުކާގެ މަތިންދާބޯޓުތައް މަރާމާތުކުރާ ތަންތަނަށާއި، ބޯޓުތައް ތައްޔާރުކުރާ ސަރަހައްދުތަކުގެ އިތުރުން ބޯޓުތައް ފޮރުވާފައިވާ ހެންގަރުތަކަށެވެ. އަދި، މި ހަމަލާތަކުގެ ސަބަބުން ދުޝްމަނުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އައިއާރްޖީސީގެ ބަޔާނުގައި ބުންޏެވެ.
ނަމަވެސް، އުރުދުންގެ އަސްކަރިއްޔާއިން ބުނީ، އީރާނުން ފޮނުވާލި 20 ބަލިސްޓިކް މިސައިލަށް ހުރަސްއަޅައި، އޭގެ ތެރެއިން 18 މިސައިލް ނައްތާލާފައިވާ ކަމަށާއި، ބާކީ ދެ މިސައިލް ވެއްޓުނީ ހުސް ބިމަކަށް ކަމަށެވެ.
މީގެ އިތުރުން، ޓްރަމްޕް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، އުރުދުންގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް ފޮނުވާލި ބަލިސްޓިކް މިސައިލްތަކުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި، ނަން ހާމަނުކުރުމަށް އެދިވަޑައިގެން އޭނާ ވިދާޅުވީ، އެމެރިކާގެ ވަރުގަދަ ވައިގެ ދިފާއީ ނިޒާމުގެ ކުރިމަތީގައި އީރާނުގެ ހަމަލާތައް ނާކާމިޔާބުވެފައިވާ ކަމަށެވެ.
އީރާނުން އުރުދުން ހަމަލާދޭން ފެށީ ކޮންއިރަކު؟ އަދި ކީއްވެ؟
އީރާނުން އުރުދުންގެ ރަށްތަކަށް ހަމަލާދޭން ފެށީ، މީގެ ދެ ހަފުތާ ކުރިން ހުރްމުޒް ކަނޑުއޮޅީގައި އޮންނަ އީރާނުގެ ލާރަކް ޖަރީރާގައި ހުރި ރޮކެޓް ލޯންޗަރުތަކަކަށް އެމެރިކާއިން ހަމަލާދިނުމާ ގުޅިގެން އުފެދުނު ނުތަނަވަސްކަމުގެ ތެރެއިންނެވެ. އެމެރިކާއިން ތުހުމަތުކުރި ގޮތުގައި، އީރާނުން ދިޔައީ ކަނޑުއޮޅީގައި މައިން ނުވަތަ ގޮވާތަކެތި ހަރުކުރުމަށް އެ ލޯންޗަރުތައް ތައްޔާރުކުރަމުންނެވެ. މީގެ ރައްދުގައި އީރާނުން ފުރަތަމަ ގަލްފުގެ އަވަށްޓެރި ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދިން ނަމަވެސް، މިހާރު އެ ގައުމުން ވަނީ މި ހަމަލާތައް އުރުދުންއާ ހަމައަށް ފުޅާކޮށްފަ އެވެ.

އުރުދުންގެ އަލް-އަޒްރަގްގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް އައިއާރްޖީސީން މިސައިލް ހަމަލާތަކެއް ދެމުންދާ މަންޒަރު | އީޕީއޭ
އެމެރިކާއިން ބޭރު ގައުމުތަކުގައި ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކުގެ ތަފްސީލު އާންމުކޮށް ހާމަނުކުރި ނަމަވެސް، 2026 ވަނަ އަހަރުގެ އެމެރިކާ ކޮންގްރެޝަނަލް ރިސާޗް ސާވިސްގެ ރިޕޯޓެއް ބުނާ ގޮތުގައި އުރުދުންގައި އެމެރިކާގެ ގާތްގަނޑަކަށް 4،000 ސިފައިން ހަރަކާތްތެރިވެ އެވެ. މީގެ ތެރެއިން ބައެއް ސިފައިން އަލް-އަޒްރަގް ބޭސްގައި ގާއިމުވެ ތިބިއިރު، އުރުދުންގެ ދެކުނުގައި އޮންނަ ކިންގް ފައިސަލް އެއާބޭސްގައާއި، ސީރިއާ އަދި އިރާގުގެ ބޯޑަރު ކައިރީގައި އޮންނަ 'ޓަވަރު 22' ނަމަކަށް ކިޔާ އެމެރިކާގެ ލޮޖިސްޓިކް މަރުކަޒުގައި ވެސް އެމެރިކާ ސިފައިން ހަރަކާތްތެރިވެ އެވެ.
މިހާރު ހިނގަމުންދާ ހަނގުރާމައިގައި، މާރިޗު މަހާއި ސެޕްޓެންބަރު މަހާ ދެމެދު އީރާނުން ވަނީ އަލް-އަޒްރަގް ބޭސްއަށް 10 ފަހަރަށް ވުރެ ގިނައިން ހަމަލާދީފަ އެވެ. މި ގޮތުން އީރާނުން މި ތަނަށް އެންމެ ފުރަތަމަ ވައިގެ ހަމަލާއެއް ދިނީ މާރިޗު މަހުގެ ކުރީކޮޅު އެވެ. އަދި، ހުރްމުޒް ކަނޑުއޮޅި ކައިރިއަށް އެމެރިކާގެ އެޕާޗޭ ހެލިކޮޕްޓަރެއް ވެއްޓުނުތާ އެއްދުވަސް ފަހުން، ޖޫން މަހުގެ 10 ވަނަ ދުވަހު އެމެރިކާއިން އީރާނުގެ އަމާޒުތަކަށް ހަމަލާދިނުމާ ގުޅިގެން، އީރާނުން ވަނީ އަލް-އަޒްރަގް ބޭސްގެ އިތުރުން ކުވެއިތާއި ބަހްރެއިންގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދީފަ އެވެ.
އެ ފަހަރު އައިއާރްޖީސީއިން ބުނީ، ދުރު ރާސްތާ މިސައިލް ބޭނުންކޮށްގެން އަލް-އަޒްރަގް ބޭސްގައި ހުރި ބޯޓުތައް ބަހައްޓާ ހޭންގަރުތަކާއި ކޮމާންޑް ސެންޓަރުތައް ހަލާކުކޮށްލާފައިވާ ކަމަށެވެ. ނަމަވެސް، ހަމަލާ އަމާޒުވި ގައުމުތަކުން ބުނީ، ހުރިހާ މިސައިލެއް ވައިގެ ތެރޭގައި ނައްތާލާފައިވާ ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ. އޭގެ ފަހުން އައި ހަފުތާތަކުގައި ވެސް އީރާނުން ވަނީ އަލް-އަޒްރަގް ބޭސްއަށް އެތައް ފަހަރަކު ހަމަލާދީ، އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއްދީފަ އެވެ. އަދި، ޖުލައި 17 ވަނަ ދުވަހު ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން އަލް-އަޒްރަގް ބޭސްގައި ހުރި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް ހަމަލާދީ، ތެޔޮ އަޅާ ބޯޓުތަކާއި ހަނގުރާމަމަތީ ބޯޓުތަކެއް ހަލާކުކޮށްލާފައިވާ ކަމަށް އީރާނުން ބުންޏެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ފަހުން ކަށަވަރުކޮށްދިން ގޮތުގައި، އީރާނުގެ އެ ހަމަލާގައި އެމެރިކާގެ ދެ ސިފައިން މަރުވެ، އެކަކު ގެއްލި، އަދި ހަތަރު މީހަކު ވަނީ ޒަޚަމްވެފަ އެވެ.
އުރުދުންއާއި އެމެރިކާއަށް އަލް-އަޒްރަގް ބޭސް މުހިންމު ވަނީ ކީއްވެ؟
އައްމާންގެ އިރުއުތުރުން ގާތްގަނޑަކަށް 100 ކިލޯމީޓަރު ދުރުގައި، މީހުން މަދުން ދިރިއުޅޭ އިރުމަތީ ސަހަރާގައި އޮންނަ މުވައްފަގް ސަލްޠީ އެއާބޭސްގެ ނަން ނިސްބަތްވަނީ އުރުދުންގެ ވައިގެ ސިފައިންގެ ލެފްޓިނަންޓެއް ކަމަށްވާ މުވައްފަގް ސަލްޠީއަށެވެ. އޭނާ ޝަހީދުވީ 1966 ވަނަ އަހަރު އިސްރާއީލާ ދެކޮޅަށް ކުރި "ޓްލް އޮފް ސާމޫ' ހަނގުރާމައިގަ އެވެ.
އުރުދުންއާއި އެމެރިކާއާ ދެމެދު 2021 ވަނަ އަހަރު ސޮއިކުރި ދިފާއީ އެއްބަސްވުމުގެ ދަށުން، އުރުދުންގެ 12 އަސްކަރީ މަރުކަޒެއް ބޭނުންކުރުމުގެ ހުއްދަ އެމެރިކާ ސިފައިންނަށާއި ކޮންޓްރެކްޓަރުންނަށް ވަނީ ދީފަ އެވެ. ކިންގްސް ކޮލެޖް ލަންޑަންގެ ދާރިސް ތަހާނީ މުސްތަފާ ވިދާޅުވީ، އަލް-އަޒްރަގް ބޭސްއަކީ އެމެރިކާގެ އެންމެ ޒަމާނީ އެފް-35، އެފް-16 އަދި އެފް-22 މަރުކާގެ ބޯޓުތައް ބަހައްޓާ މަދު މަރުކަޒުތަކުގެ ތެރެއިން މުހިންމު މަރުކަޒެއް ކަމަށެވެ. އަދި، އެ ތަނުގައި ހުންނަ ހޭންގަރުތަކަކީ އެމެރިކާގެ އަސްކަރީ ވަސީލަތްތައް ފޮރުވައިގެން ގެންގުޅެވޭނެ ތަންތަން ކަމަށް ވާތީ، އީރާނުން އަބަދުވެސް ހަމަލާތައް އަމާޒުކުރަނީ އެ ތަންތަނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ދެ ރަންވޭ އޮންނަ މި ބޮޑު މަރުކަޒަކީ އެމެރިކާއަށް ވަރަށް މުހިންމު ތަނަކަށް ވާއިރު، އީރާނަށް މިއީ ވަރަށް މުހިންމު އަމާޒެކެވެ. ވޮޝިންގޓަން އިންސްޓިޓިއުޓްގެ ދާރިސް ޑޭވިޑް ޝެންކާ ވިދާޅުވީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރޭގައި، މި މަރުކަޒު ވެފައިވަނީ އެމެރިކާގެ ސީ-17 މަރުކާގެ މުދާ އުފުލާ މަތިންދާބޯޓުތަކާއި އަސްކަރީ 60 އެއްހާ މަތިންދާބޯޓުގެ މުހިންމު މަރުކަޒަކަށް ކަމަށެވެ. އަދި، އުރުދުން އޮންނަ ސަރަހައްދުގެ ގޮތުން އެމެރިކާއަށް ވަރަށް ބޮޑު އިސްތިރާޖީ ފައިދާއެއް ލިބޭ ކަމަށާއި، ގަލްފުގެ ގައުމުތަކާ އަޅާބަލާއިރު އުރުދުން އީރާނާ ދުރުގައި އޮތުމަކީ އީރާނުގެ މިސައިލްތަކާއި ޑްރޯންތަކުން ރައްކާތެރިވުމަށް އެމެރިކާއަށް ލިބޭ ބޮޑު ފުރުސަތެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
2023 ވަނަ އަހަރުގެ ކޮންގްރެޝަނަލް ރިސާޗް ސާވިސްގެ ރިޕޯޓެއްގައި ބުނެފައި ވަނީ، ސީރިއާ އަދި އިރާގުގައި އެމެރިކާއިން ހިންގާ ޖާސޫސީ އަދި މައުލޫމާތު އެއްކުރުމުގެ އޮޕަރޭޝަންތަކުގައި އުރުދުންގެ އެއާބޭސްތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ތަންތަން ކަމަށެވެ. އެ ރިޕޯޓުގައިވާ ގޮތުން، 2021 ވަނަ އަހަރުގެ އެއްބަސްވުމުގެ ކުރިން އެމެރިކާއިން އެ ތަނުގައި ސިފައިން ތިބޭކަން ރަސްމީކޮށް އެއްބަސްވެފައެއް ނުވެ އެވެ. ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ވައިގެ ސިފައިންގެ ޑްރޯންތަކާއި އަސްކަރީ މަތިންބޯޓުތައް އެ ތަނުގައި ހަރަކާތްތެރިވާކަން ސެޓެލައިޓް ފޮޓޯތަކުން ދައްކަ އެވެ.
ނިއު ޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއަހަރުގެ ޖުލައި މަހު ބަހްރެއިން، ޔޫއޭއީ އަދި ގަތަރުގައި ތިބި އެމެރިކާ ސިފައިން އުރުދުންއަށް ބަދަލުކުރުމާ ގުޅިގެން، މި ހަނގުރާމައިގައި އުރުދުންގެ މުހިންމުކަން ވަނީ އިހުނަށްވުރެ ބޮޑުވެފަ އެވެ. މީގެ އިތުރުން، 2017 ވަނަ އަހަރު އެމެރިކާގެ ކޮންގްރެސްއިން ވަނީ މި އެއާބޭސް ބޮޑުކުރުމަށް 143 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ފާސްކޮށްފަ އެވެ. މިއީ، އެ ދުވަސްވަރު އެމެރިކާއިން ހިންގި މި ފަދަ އެންމެ ބޮޑު މަޝްރޫއު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މަސްދަރު: އަލް ޖަޒީރާ










