އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި
9 ސެޕްޓެމްބަރު 2026 | ބުދަ 15:02އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ލިބެމުންދާ ގެއްލުންތަކާއި ސިފައިންގެ ނަފްސާނީ ބަލިކަށިކަމުގެ ސަބަބުން، އެ ސަރަހައްދުގައި ދިގު މުއްދަތަކަށް ބާރު ދެމެހެއްޓުމުގެ ގާބިލުކަން އެމެރިކާއަށް ގެއްލިފައިވާ ކަމަށް އިރާނުން ބުނެފި. އިރާނުގެ ވަރުގަދަ މިސައިލް ހަމަލާތަކާއި ދިފާއީ ބާރުގެ ސަބަބުން އެމެރިކާގެ ފައުޖުތައް ފަހަތަށް ޖެހެން މަޖުބޫރުވެފައިވާއިރު، މުޅި ކަނޑުގެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް މިހާރު އޮތީ އިރާނުގެ އަތްދަށުގައި ކަމަށް އެ ގައުމުން ބުނޭ

ޔޫއެސް އެސް ބޮކްސާ (އެލް.އެޗް.ޑީ 4) މަނަވަރުގައި، އެމެރިކާގެ 11 ވަނަ މެރިން އެކްސްޕެޑިޝަނަރީ ޔުނިޓަށް ނިސްބަތްވާ މެރިން ސިފައިން ރޭގަނޑުގެ ވަގުތެއްގައި އަސްލު ވަޒަން ބޭނުންކޮށްގެން ތަމްރީނުތަކެއް ކުރިއަށް ގެންދަނީ | ސެންޓްކޮމް
އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ކުރިމަތިވެފައިވާ ލޮޖިސްޓިކް ދަތިތަކާއި ސިފައިންގެ ނަފްސާނީ ބަލިކަށިކަމުގެ ސަބަބުން، ހުރްމުޒް ކަނޑުއޮޅިން 400 ކިލޯމީޓަރު ފަހަތަށް ޖެހުމަށް އެމެރިކާއަށް މަޖުބޫރުވެއްޖެ ކަމަށް އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުނެފި އެވެ. އަދި ހުޅަނގު އޭޝިއާ ސަރަހައްދުގައި ދިގު މުއްދަތަކަށް އަސްކަރީ ބާރު ދެމެހެއްޓުމުގެ ގާބިލުކަން އެމެރިކާގެ ކިބައިގައި މިހާރު ނެތް ކަމަށްވެސް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.
ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ބްރިގޭޑިއާ ޖެނެރަލް ހުސައިން މުހިއްބީ ވިދާޅުވީ، އެމެރިކާގެ އަސްކަރީ މުވައްޒަފުންނާއި ކަނޑުގެ އުޅަނދުފަހަރަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. މީގެ ސަބަބުން އެ ސަރަހައްދުގައި މިހާރު އެމެރިކާ އޮތް ހާލަތުގައި ދެމިއޮތުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"މި ސަރަހައްދުގައި ތިބި އެމެރިކާގެ އަސްކަރީ ފައުޖުތައް ނަފްސާނީ ގޮތުން ބަލިކަށިވެ، ހަތިޔާރާއި މަނަވަރުތަކަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކުގެ ސަބަބުން، އެމެރިކާއަށް މި ހާލަތުގައި ގިނަ ދުވަހު ދެމިއެއް ނޯވެވޭނެ،" މުހިއްބީ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކަނޑުގެ ސަރަހައްދުގައި ފައުޖުތައް ރުކުރުވާލުމަށް ލޮޖިސްޓިކް ގޮތުން ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި އިރާނުގެ ވަރުގަދަ ދިފާއީ ބާރުގެ ކުރިމަތީގައި، އެމެރިކާއަށް މާލީ ގޮތުންނާއި އޮޕަރޭޝަނަލް ގޮތުން ކުރަންޖެހޭ ހޭދަތައް މިހާރު އުފުލޭ ވަރަށްވުރެ ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަނޑުގެ ބާރުވެރިކަމަށް އައިސްފައިވާ ބަދަލުތަކަށް އަލިއަޅުވާލައްވަމުން މުހިއްބީ ވިދާޅުވީ، އެމެރިކާގެ ކަނޑުގެ ސިފައިން މިހާރު ވަނީ ފާރިސީ ކަނޑުއޮޅިން (ޕާޝިއަން ގަލްފް) ފަހަތަށް ޖައްސާފައި ކަމަށެވެ.
"ރަމަޟާން ހަނގުރާމައިގެ ކުރިން އެމެރިކާގެ 30 އާއި 40 އާ ދެމެދުގެ އަދަދަކަށް މަނަވަރުތަކާއި އުޅަނދުތައް ފާރިސީ ކަނޑުއޮޅީގައި ހަރަކާތްތެރިވި. ނަމަވެސް މިއަދު އެ ސަރަހައްދުން އެމެރިކާގެ އެންމެ އުޅަނދެއްވެސް ފެންނާކަށް ނެތް،" އޭނާ ވިދާޅުވި އެވެ.
މުހިއްބީ ވިދާޅުވި ގޮތުގައި، އެމެރިކާގެ މަނަވަރުތައް މިހާރު ތިބީ ހުރްމުޒް ކަނޑުއޮޅިއާ މަދުވެގެން 400 ކިލޯމީޓަރު ދުރުގަ އެވެ.
އިރާނުގެ އައްސޭރިފަށާ ދުރު ސަރަހައްދުތަކަށްވެސް ހަމަލާދިނުމުގެ ގާބިލުކަން އެ ގައުމަށް ލިބިފައިވާކަން ހާމަކުރައްވަމުން އައި.އާރް.ޖީ.ސީގެ ތަރުޖަމާނު ވިދާޅުވީ، ތެހެރާނުގެ އާ މިސައިލް ސިސްޓަމްތަކުން ވަރަށް ދުރުގައި ހުންނަ މުހިންމު އަމާޒުތަކަށް ހަމަލާދެވިދާނެ ކަމަށެވެ.
"މީގެ މަދު ދުވަސްކޮޅެއް ކުރިން، ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އޮތް އެއާކްރާފްޓް ކެރިއަރަކަށް އަޅުގަނޑުމެން އަމާޒުކުރިން،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅީގެ އަނގަމަތިން އެމެރިކާގެ އެންމެ ޒަމާނީ އަންމޭންޑް އަންޑަރވޯޓާ ވެހިކަލް (ޔޫ.ޔޫ.ވީ) އެއް ދާދި ފަހުން އަތުލައިގަނެފައިވާކަން މުހިއްބީ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ މިއީ އެ ސަރަހައްދުގައި ހިނގާ ކަންކަން އިރާނަށް ފުރިހަމައަށް އެނގޭކަމާއި، އެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް އިރާނަށް އޮތްކަމުގެ ހެއްކެއް ކަމަށެވެ.
"ހުރްމުޒް ކަނޑުއޮޅިއަކީ އަޅުގަނޑުމެންގެ ބާރު ދައްކައިދޭ ކަނޑުއޮޅި،" މުހިއްބީ ވިދާޅުވި އެވެ. އަދި އިރާނުން މި ޖިއޮގްރަފީގެ މުހިންމުކަން ބޭނުންކޮށްގެން ދުޝްމަނުންގެ ހަމަލާތައް ހުއްޓުވައި، އެމީހުން ހިންގާ ކޮންމެ އުދުވާނަކަށް ހިތާމަކުރަންޖެހޭ ފަދަ ރައްދުތަކެއް ދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.










