އީރާނުން އެމެރިކާގެ ޑްރޯން ސަބްމެރީންއެއް އަތުލައިފި
9 ސެޕްޓެމްބަރު 2026 | ބުދަ 06:02ހުރްމުޒް ކަނޑުއޮޅިން އަތުލައިގަތް އެމެރިކާގެ 'ޑައިވް-އެލްޑީ' މަރުކާގެ ސަބްމެރިންއަކީ ޖާސޫސީ މައުލޫމާތު އެއްކުރުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެއް ކަމަށް އީރާނުން ބުނެފި. ނަމަވެސް، އެމެރިކާއިން ބުނީ އެއީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ގެއްލުނު ބާ މޮޑެލްއެއްގެ އުޅަނދެއް ކަމަށާއި، އޭގައި އެއްވެސް ސިއްރު މައުލޫމާތެއް ނުހުންނާނެ ކަމަށް


ހުރްމުޒް ކަނޑުއޮޅި ކައިރިން ދަތުރު ކުރަނިކޮށް އީރާންގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑްސް ކޯއިން ހިފަހައްޓާފައިވާ އެމެރިކާގެ ޖާސޫސީ ޑްރޯން ސަބްމެރިން | ރޮއިޓާސް
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ އެމެރިކާގެ ޑްރޯން ސަބްމެރިންއެއް އަތުލައިގަނެފައިވާ ކަމަށް އީރާނުގެ ރިވޮލޫޝަނަރީ ގާޑްސް ކޯއިން (އައިއާރްޖީސީ) ހާމަކޮށްފި އެވެ. މިއާއެކު، ހުރްމުޒް ކަނޑުއޮޅިއާއި އީރާންގެ ކަނޑުގެ ސަރަހައްދުގައި އެމެރިކާއިން ޑްރޯން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ ޖާސޫސީ އޮޕަރޭޝަންތަކުގެ މައުލޫމާތު އީރާނަށް ލިބިގެންދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
އައިއާރްޖީސީއާ ހަވާލާދީ އީރާންގެ ދައުލަތުގެ މީޑިއާއިން ބުނީ، އެމެރިކާގެ "ޓެރަރިސްޓް" އަސްކަރިއްޔާގެ އެންމެ ޒަމާނީ ސަބްމެރީންތަކުގެ ތެރެއިން އުޅަނދެއް ހުރްމުޒް ކަނޑުއޮޅީގެ ދޮރުމަތިން މަޅިއެއްގައި ޖައްސައި އަތުލައިގަނެފައިވާ ކަމަށެވެ. އަދި، މި ސަބްމެރީނަކީ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ފަރުމާކޮށްފައިވާ އުޅަނދެއް ކަމަށް ވެސް އައިއާރްޖީސީގެ ބަޔާނުގައި ބަޔާންކޮށްފައިވެ އެވެ.
އީރާންގެ ދައުލަތުގެ މީޑިއާއިން ބުނީ، އަތުލައިގަތް މި އުޅަނދަކީ އެމެރިކާގެ ކެލިފޯނިއާގެ ޑިފެންސް ކުންފުންޏެއް ކަމަށްވާ އެންޑޫރިލް އިން އުފައްދާފައިވާ 'ޑައިވް-އެލްޑީ' މަރުކާގެ ސަބްމެރިންއެއް ކަމަށެވެ. ދިގުމިނުގައި 19 ފޫޓު ހުންނަ މި ސަބްމެރީނަކީ ކަނޑުއަޑީގެ މައިންތައް ނައްތާލުމާއި، ކަނޑުގެ އަޑި މެޕްކުރުމާއި، ޖާސޫސީ މައުލޫމާތު އެއްކުރުމުގެ އިތުރުން، ކޭބަލާއި ހޮޅިލައިން ފަދަ ކަނޑުއަޑީގެ އިންފްރާސްޓްރަކްޗާތައް ބަލައި ފާސްކުރުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މި ހާދިސާއާ ގުޅިގެން ޕެންޓަގަންގެ ތަރުޖަމާނު ވިދާޅުވީ، ކަނޑުއަޑީގައި ބޭނުންކުރާ ޑްރޯނަކަށް މީގެ އެއް ދުވަސް ކުރިން "ޓެކްނިކަލް މައްސަލައެއް" ދިމާވެފައިވާ ކަމަށެވެ. އެ އުޅަނދަކީ މިހާރު ކުރިއަށްދާ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވުމުގެ ގޮތުން އެ ސަރަހައްދުގެ ކަނޑު ސާވޭ ކުރަމުންދިޔަ އުޅަނދެއް ކަމަށް ވެސް ތަރުޖަމާނު އިތުރަށް ވިދާޅުވި އެވެ. މީގެ އިތުރުން، މައްސަލަ ޖެހުނު އެ ޑްރޯނަކީ ބޭނުންކުރާތާ ގިނަ ދުވަސްވެފައިވާ ބާ މޮޑެލްއެއް ކަމަށާއި، އޭގައި އެއްވެސް ނާޒުކު މައުލޫމާތެއް ނުވަތަ ސިއްރު ސޯނާ އަދި ރާޑަރު އިކުއިޕްމަންޓެއް ނުހުންނާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އެންޑޫރިލް ކުންފުނިން އެ ކުންފުނީގެ އުޅަނދެއް ގެއްލިފައިވާކަން ކަށަވަރުކޮށްދިން ނަމަވެސް، އެއީ މާ ބޮޑު ކަމެއް ނޫން ކަމަށް ބުނެ އެ ހާދިސާގެ ސީރިއަސްކަން ކުޑަކުރަން ވަނީ މަސައްކަތްކޮށްފަ އެވެ. އެ ކުންފުނީގެ ތަރުޖަމާނަކު ވިދާޅުވީ، 'ޑައިވް-އެލްޑީ' އަކީ މި ފަދަ ހާލަތެއް ކުރިމަތިވެ ގެއްލިދާނެ ކަމަށް ބަލައިގެން ފަރުމާކޮށްފައިވާ އޮޓޮނޮމަސް ސިސްޓަމެއް ކަމަށެވެ. މީގެ މާނައަކީ އެ އުޅަނދަކީ ނުރައްކާތެރި މާހައުލުތަކުގައި މަސައްކަތް ކުރުމަށް ފަރުމާކޮށްފައިވާ، އަދި މަސައްކަތުގެ ތެރެއިން އުޅަނދު ގެއްލުމަކީ ކުރިން ވެސް އުންމީދުކުރެވޭ ކަމެއް ކަމަށް ބަލައިގެން އުފައްދާފައިވާ އެއްޗެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ދަނީ ކަނޑާއި ކަނޑުގެ އަޑީގައި ބޭނުންކުރެވޭނެ ފަދަ ޑްރޯން އުޅަނދުތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. މިއީ، ކަނޑުގެ ބޮޑެތި ސަރަހައްދުތައް ބެލެހެއްޓުމާއި، ޖާސޫސީ މައުލޫމާތު އެއްކުރުމުގެ އިތުރުން، ދުޝްމަނުންގެ އުޅަނދުފަހަރާއި ސަބްމެރީންތަކަށް ފާރަވެރިވުމުގައި ފަޅުވެރިންގެ ފުރާނައަށް ނުރައްކާ ނުވާނެހެން އަދި ޚަރަދު ކުޑަ ގޮތްތަކެއް ހޯދުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތެއް ކަމަށް އެމެރިކާގެ ސަރުކާރުގެ މަސްދަރުތަކުން ބުނެ އެވެ.
އެންޑޫރިލްގެ ވެބްސައިޓުގައިވާ މައުލޫމާތަށް ބަލާއިރު، 'ޑައިވް-އެލްޑީ' އަކީ އަނބުރާ ބޭހަށް ނައިސް 10 ދުވަސް ވަންދެން މަސައްކަތް ކުރުމުގެ ގާބިލުކަން ލިބިފައިވާ، އަދި ކަނޑުގެ 6,000 މީޓަރު އަޑިއަށް ފީނުމަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ. އަދި، މި ފަދަ ކޮންމެ އުޅަނދެއްގެ އަގަކީ ގާތްގަނޑަކަށް 2.5 މިލިއަން އެމެރިކާ ޑޮލަރު ކަމަށް އެމެރިކާގެ އަސްކަރީ ޚަބަރުތައް ގެނެސްދޭ 'ޑިފެންސް ސްކޫޕް' އިން 2024 ވަނަ އަހަރު ވަނީ ރިޕޯޓްކޮށްފަ އެވެ.
މަސްދަރު: ރޮއިޓާސް










