ފިލިޕީންސްގައި ފެރީއެއްގައި ރޯވެ، ފަސް މީހުން މަރުވެއްޖެ
10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 03:32ފިލިޕީންސްގެ މެނީލާއިން ކޯރޯންއަށް ދަތުރުކުރި 'އެމްވީ ޖޫން އެސްޓަރ' ފެރީގައި ރޯވި މި ހާދިސާގައި 134 މީހުން ތިބިއިރު، އޭގެ ތެރެއިން 80 އަށް ވުރެ ގިނަ މީހުން ގެއްލިގެން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ދަނީ ކުރަމުން. އުޅަނދުގެ ބޮޑު ބައެއްގައި އަލިފާން ހިފާފައިވާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވެފައިވާއިރު، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ތަހުގީގެއް ފަށާފައި


ފިލިޕީންސްގެ ޕަލަވަން އައްސޭރިފަށުން ދަތުރުކުރަމުންދިޔަ 'ޖޫން އެސްޓަރ' ނަމަކަށް ކިޔާ ފެރީގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އުޅަނދުން ބޮޑެތި އަލިފާންގަނޑުތަކަކާއެކު ދުން އަރަމުންދަނީ | ރޮއިޓާސް
ފިލިޕީންސްގެ ހުޅަނގުގައި އޮންނަ ޕަލަވަން ޖަޒީރާ ކައިރިން ދަތުރުކުރި ފަސިންޖަރުން އުފުލާ ފެރީއެއްގައި ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފަސް މީހުން މަރުވެ، 80 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އެ ގައުމުގެ ކޯސްޓްގާޑުން ހާމަކޮށްފި އެވެ. ކޯސްޓްގާޑުން މައުލޫމާތު ދޭ ގޮތުގައި، ޕަލަވަންގެ ކޯރޯން ކައިރިން 'އެމްވީ ޖޫން އެސްޓަރ' ނަމަކަށް ކިޔާ މި އުޅަނދުގައި އަލިފާން ރޯވި ހާދިސާގައި އޭގައި ދަތުރުކުރަމުންދިޔަ މީހުންގެ ތެރެއިން 43 މީހުން ވަނީ ސަލާމަތް ކުރެވިފަ އެވެ.
ކޯސްޓްގާޑުގެ ތަރުޖަމާނު ކޮމޮޑޯ ނޯމީ ކަޔަބްޔާބް ވިދާޅުވީ، އެ އުޅަނދުގެ މެނިފެސްޓުގައިވާ ގޮތުން އޭގައި 117 ފަސިންޖަރުންނާއި 17 ފަޅުވެރިން ތިބި ކަމަށެވެ. އަދި، ސަލާމަތްވި މީހުންނާއި މަރުވި މީހުންގެ އަދަދުތަކަށް ބަލާއިރު، 80 އަށް ވުރެ ގިނަ މީހުންގެ ޚަބަރެއް ނެތި ގެއްލިފައިވާ ކަމަށާއި، އެ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ވަރަކަށް މި އަދަދުތަކަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ވެސް ކަޔަބްޔާބް ވިދާޅުވި އެވެ. އަދި، މި ފެރީއަކީ މެނީލާގެ ބަސޭކޯއިން ފުރައިގެން ކޯރޯންއަށް ދަތުރުކުރި އުޅަނދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޯސްޓްގާޑުން އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އުޅަނދުގެ ބޮޑު ބައެއްގައި ވަނީ އަލިފާން ހިފާފަ އެވެ. އަދި، މި ހާދިސާގައި މަރުވި މީހުންގެ ހަށިތައް ރެސްކިއު ޓީމުތަކުން ބޮޑީ ބޭގްތަކަށް އަޅަމުންދާ މަންޒަރު ވެސް އެ ވީޑިއޯތަކުން ފެނެ އެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
މަސްދަރު: ރޮއިޓަރސް










