ބެންކޮކް ބާރ އެއް ގައި ރޯވި އަލިފާނުގައި 27 މީހުން މަރުވެއްޖެ
ތައިލެންޑުގެ ބެންކޮކްގައި ހުންނަ ބާރ އެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގިނަ ބަޔަކު މަރުވީ، ކުއްލި ހާލަތުގައި ނުކުންނަން ހުރި ދޮރުތައް ބަންދުވެފައި ހުރުމުގެ ސަބަބުން. އެއާކޮންޑިޝަނެއް ޝޯޓް ސާކިޓްވެގެން ހިނގި މި ހާދިސާ ފުރިހަމައަށް ތަހުގީގުކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު މިހާރު ވަނީ އަމުރުކުރައްވާފައި.
ތައިލެންޑުގެ މަޝްހޫރު ބާރ އެއްގައި ރޯވި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 27 މީހުން މަރުވެއްޖެ. | ސުޕުނިޓްނިކް އިންޓަނޭޝަނަލް
ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ހުންނަ ބާރ އެއްގައި ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 27 މީހުން މަރުވެ، 63 މީހުން ޒަޚަމްވެއްޖެ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ. މި ހާދިސާގައި ގިނަ ބަޔަކު ތާށިވީ ބާރގެ ތެރޭގައި އުފެދުނު ބޯ ދުމުގެ ސަބަބުންނާއި، ކުއްލި ހާލަތުގައި ނުކުންނަން ހުރި ދޮރުތައް ބަންދުވެފައި ހުރުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މެންދަމު 12 ޖަހާކަންހާއިރު، އުތުރު ބެންކޮކްގެ ކާރޫބާރޫ ބޮޑު ސަރަހައްދެއްގައި ހުންނަ "ރޮންގް ބިއަރ ނާ ލެޓް ޕްރާއޯ" ނަމަކަށް ކިޔާ ތަނެއްގަވއެވެ. މި ސަރަހައްދަކީ ޝޮޕިންގ މޯލްތަކާއި، ސިނަމާތަކާއި، ޕާކުތަކުގެ އިތުރުން މަގުބޫލު "ޗަޓުޗަކް" ވީކެންޑް މާކެޓާ ކައިރީގައި އޮންނަ ސަރަހައްދެކެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވި މީހުން އިންޓަނެޓުގައި ހިއްސާކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ އިމާރާތުގައި ވަރަށް ބޮޑަށް އަލިފާން ރޯވެ، ބާރުގެ ކުރިމަތީ ދޮރުން ބޯ ދުންތައް ބޭރުވަމުންދިޔައެވެ.
ކަމާބެހޭ ފަރާތްތަކުން ވިދާޅުވި ގޮތުގައި، މިހާތަނަށް ބެލިބެލުމުން މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެ އިމާރާތުގެ ސީލިންގުގައި ހަރުކޮށްފައި ހުރި އެއާކޮންޑިޝަނެއް ޝޯޓް ސާކިޓް ވެގެންނެވެ.
މި ހާދިސާއިން ސަލާމަތްވި މީހުންގެ މައުލޫމާތަށް ރިއާޔަތްކޮށް އޮފިޝަލުން ވިދާޅުވީ، އަލިފާން ރޯވީ ސްޓޭޖް ކައިރީގައި ކަމަށާއި، ވަރަށް ހަލުވިކަމާއެކު އަލިފާންގަނޑު ފެތުރިގެން ދިއުމުގެ ސަބަބުން ގިނަ ބަޔަކަށް މަޖުބޫރުވީ ބާރުގެ ފަހަތު ބަޔަށް ދިއުމަށެވެ.
ބެންކޮކްގެ ގަވަރުނަރު ޗަޑްޗާޓް ސިއްތިޕުންޓް ވިދާޅުވީ، ބާރގެ ބަދިގެ ކައިރީގައި ހުރި ކުއްލި ހާލަތުގައި ނުކުންނަ އެއް ދޮރު ބަންދުވެފައި ހުރީ ބިއަރު ފޮށިތަކެއް ޖަހާފައި ހުރުމުން ކަމަށާއި، އަދި އަނެއް ދޮރު ހުރީ މޭޒެއް ބަހައްޓާފައި ހުރުމުގެ ސަބަބުން ބަންދުވެފައި ކަމަށެވެ. މީގެ ސަބަބުން މީހުން ސަލާމަތްކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފޮރެންސިކް ތަހުގީގު ކުރާ ފަރާތްތަކުން ހާދިސާ ހިނގި ތަން ބަލައި، އަލިފާން ރޯވާން ދިމާވި ސީދާ ސަބަބު ދެނެގަންނާނެ ކަމަށްވެސް ގަވަރުނަރު ވިދާޅުވި އެވެ.
މި ހާދިސާގައި މަރުވި ގިނަ މީހުންގެ ހަށިތައް ފެނިފައިވަނީ ބާރގެ ފަހަތު ބައިގައި ހުރި ފާޚާނާތަކުގެ ތެރެއިންނެވެ.
ތައިލެންޑުގައި ހިނގާފައިވާ ބޮޑެތި އަލިފާނުގެ ހާދިސާތައް:
ފާއިތުވި އަހަރުތަކުގައި ތައިލެންޑުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ވަނީ ހިނގާފަ އެވެ.
ބެންކޮކްގެ "ރޮންގް ބިއަރ ނާ ލެޓް ޕްރާއޯ" ބާރގައި ހިނގި އަލިފާނުގެ ހާދިސާއަކީ ފާއިތުވި 30 އަހަރު ދުވަހުގެ ތެރޭގައި ތައިލެންޑުގައި ހިނގި މިފަދަ ނުރައްކާތެރި ހާދިސާތަކުގެ ސިލްސިލާއަށް އިތުރުވި ބޮޑު ހާދިސާއެކެވެ.
29 ޑިސެމްބަރު 2024: ބެންކޮކްގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު ސަރަހައްދެއްގައި ހުރި ހޮޓަލެއްގައި ރޯވެ، އެމެރިކާ، ބްރެޒިލް އަދި ޔޫކްރެއިންގެ ތިން ފަތުރުވެރިން މަރުވި އެވެ.
1 އޮކްޓޫބަރު 2024: ބެންކޮކްގެ ބޭރު ސަރަހައްދެއްގައި 40 އަށްވުރެ ގިނަ ދަރިވަރުންނާއި ޓީޗަރުން ގޮވައިގެން ދިޔަ ސްކޫލް ބަހެއްގައި އަލިފާން ރޯވެ، 23 މީހުން މަރުވި އެވެ.
30 ޖުލައި 2023: މެލޭޝިއާ ބޯޑަރު ކައިރީގައި އޮންނަ ނަރަތިވަތު ޕްރޮވިންސްގެ ގުދަނެއްގައި ހުރި ބަޑިބޭސްތަކެއް ގޮވައި، 12 މީހުން މަރުވެ 100 އަށްވުރެ ގިނަ މީހުން ޒަޚަމްވި އެވެ.
5 އޯގަސްޓް 2022: ޗޮންބުރީ ޕްރޮވިންސްގެ "މައުންޓަން ބީ" ނައިޓް ކްލަބުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 13 މީހުން މަރުވެ 35 މީހުން ޒަޚަމްވި އެވެ.
5 ޖުލައި 2021: ސަމުތު ޕްރަކަން ޕްރޮވިންސްގެ ފެކްޓްރީއެއްގައި އެއްޗެއް ގޮވައި ހިނގި ހާދިސާގައި ފަޔަރ ފައިޓަރަކު މަރުވެ، 29 މީހުން ޒަޚަމްވިއެވެ. އަދި އެތައް ހާސް ބަޔަކު އެ ސަރަހައްދުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހުނެވެ.
1 ޖެނުއަރީ 2009: އާ އަހަރު ފާހަގަކުރުމުގެ ތެރޭގައި ބެންކޮކްގެ "ސަންތިކާ" ނައިޓް ކްލަބުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 65 މީހުން މަރުވެ 200 އަށްވުރެ ގިނަ މީހުން ޒަޚަމްވި އެވެ.
11 ޖުލައި 1997: ޕަޓާޔާގެ ބީޗްފްރަންޓްގައި ހުރި 16 ބުރީގެ ހޮޓަލެއްގައި ކައްކާ ގޭސް ސިލިންޑަރެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި 90 މީހުން މަރުވި އެވެ.
10 މޭ 1993: ތައިލެންޑުގެ ސިނާއީ މަސައްކަތްކުރާ ތަނެއްގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާގައި، ނަކޮން ޕަތޮމްގައި ހުންނަ "ކޭޑަރ އިންޑަސްޓްރިއަލް" ކުޅޭބައި އުފައްދާ ފެކްޓްރީގައި ރޯވެ 188 މީހުން މަރުވެ 500 އެއްހާ މީހުން ޒަޚަމްވި އެވެ.
ބެންކޮކްގެ ބާރުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގު ކުރުމަށް ތައިލެންޑުގެ ބޮޑުވަޒީރު އަމުރުކުރައްވާފަ އެވެ.
ތައިލެންޑުގެ ބޮޑުވަޒީރު އަނޫޓިން ޗާންވީރަކުލް ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކުރައްވައި، މި ހާދިސާއަކީ "ގައުމީ ހިތާމައެއް" ގޮތުގައި ސިފަކުރައްވައި، މިއީ ކިހިނެއް ހިނގި ކަމެއްތޯ ބެލުމަށް ފުރިހަމަ ތަހުގީގެއް ހިންގުމަށް އަމުރުކުރައްވާފަ އެވެ.
އާދީއްތަ ދުވަހުގެ ރޭ އަލިފާން ރޯވި "ރޮންގް ބިއަރ ނާ ލެޓް ޕްރާއޯ" ބާރ އަށް ބޮޑުވަޒީރު ވަނީ ޒިޔާރަތް ކުރައްވާފަ އެވެ.
މަސްދަރު: އިންޑިޕެންޑެންޓް





