ފިލިޕީންސްގެ ނައިބު ރައީސް ޑުޓާޓޭގެ އިތުބާރު ނެތްކަމުގެ ޝަރީއަތް - ލިޕީންސްގެ އެންމެ ނުފޫޒުގަދަ ދެ އާއިލާގެ މެދުގައި އުފެދިފައިވާ ސިޔާސީ ކޯޅުމުގެ ނަތީޖާއެއް!
ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމާއި ރައީސަށް މަރުގެ އިންޒާރު ދެއްވި ކަމުގެ ތުހުމަތުގައި، ފިލިޕީންސްގެ ނައިބު ރައީސް ސާރާ ޑުޓާޓޭގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޝަރީއަތް ސެނެޓުގައި ފަށައިފި. މި މައްސަލައިގައި ކުށް ސާބިތުވެއްޖެނަމަ މަގާމުން ވަކިކުރުމުގެ އިތުރުން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޭނާއަށް ގެއްލިގެންދާނެ. މި ޝަރީއަތަކީ ފިލިޕީންސްގެ އެންމެ ނުފޫޒުގަދަ ދެ އާއިލާ ކަމަށްވާ މާކޯސް އަދި ޑުޓާޓޭ އާއިލާގެ މެދުގައި އުފެދިފައިވާ ސިޔާސީ ކޯޅުމުގެ ނަތީޖާއެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ.

ފިލިޕީންސްގެ ނައިބު ރައީސް ސާރާ ޑުޓާޓޭ، އެ ގައުމުގައި 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް ވަނީ އިއުލާނު ކުރައްވާފައި | ގެޓީ އިމޭޖަސް
ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމާއި، ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާއަށް މަރުގެ އިންޒާރު ދެއްވި ކަމުގެ ތުހުމަތުގައި، ފިލިޕީންސްގެ ނައިބު ރައީސް ސާރާ ޑުޓާޓޭގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޝަރީއަތް، އެ ގައުމުގެ ސިޔާސީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި ފަށައިފި އެވެ.
މި މައްސަލައިގެ ޝަރީއަތް ހޯމަ ދުވަހު ފެށުމުގެ ކުޑަވަގުތުކޮޅެއް ކުރިން، ޑުޓާޓޭގެ އަރިސް ބޭފުޅެއް ކަމަށްވާ ސެނެޓަރު ރޮޑަންޓޭ މާކޮލެޓާ، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމާ ގުޅިގެން، ސެނެޓުގައި ޑުޓާޓޭއަށް އޮތް ތާއީދާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
ސާރާ ޑުޓާޓޭއަކީ ފިލިޕީންސްގެ ތާރީޚުގައިވެސް އިތުބާރު ނެތްކަމުގެ މައްސަލައެއްގެ ޝަރީއަތް ކުރިއަށްދާ ފުރަތަމަ ނައިބު ރައީސެވެ. މި ޝަރީއަތުގެ ނަތީޖާއަށް ބަލައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޭނާއަށް ބަންދުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިއީ ރައީސް މާކޯސްގެ ރިޔާސީ ދައުރު ހަމަވާން ގާތްވެފައިވާ ދަނޑިވަޅެއްގައި، ފިލިޕީންސްގެ ސިޔާސީ މުސްތަގުބަލު ބައްޓަންވެގެންދާނެ ގޮތް ނިންމާނެ މުހިންމު މައްސަލައެކެވެ.
ސާރާ ޑުޓާޓޭއަކީ ކާކު؟
ސާރާ ޑުޓާޓޭއަކީ ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭގެ ދަރިކަނބަލުންނެވެ. ރޮޑްރިގޯ ޑުޓާޓޭގެ ވެރިކަމުގައާއި، ޑަވާއޯ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރު ހިންގި މަސްތުވާތަކެއްޗާ ދެކޮޅު ކެމްޕޭނުގައި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާފައިވާ ކަމަށް ބުނެ، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި (އައިސީސީ) އޭނާގެ މައްޗަށް ދަނީ ޝަރީއަތް ކުރަމުންނެވެ.
1986 ވަނަ އަހަރު "ޕީޕަލް ޕަވަރ ރިވޮލިއުޝަން" ގެ ނަމުގައި ކުރި މުޒާހަރާތަކުގައި ވެރިކަމުން ދުރުކުރި، ފިލިޕީންސްގައި 20 އަހަރު ވެރިކަން ކުރެއްވި ފާޑިނަންޑް މާކޯސްގެ ދަރިކަލުން މާކޯސް ޖޫނިއާއާއެކު، 2022 ވަނަ އަހަރުގެ އިންތިޚާބުގައި ނައިބު ރައީސްގެ ގޮތުގައި ވާދަކުރުމަށް ސާރާ އެއްބަސްވެވަޑައިގަތެވެ.
މާކޯސް އާއި ޑުޓާޓޭ އާއިލާއަކީ ފިލިޕީންސްގެ އެންމެ ނުފޫޒުގަދަ ދެ އާއިލާ އެވެ.
އެ އިންތިޚާބު ކާމިޔާބު ކުރައްވައި މާކޯސް ރައީސްކަމަށް ވަޑައިގެންނެވިއިރު، ސާރާ ޑުޓާޓޭ އިންތިޚާބުވީ ނައިބު ރައީސްގެ މަގާމަށެވެ.
މިދިޔަ ފެބްރުއަރީ މަހު ސާރާ ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފަ އެވެ. ނަމަވެސް މިހާރު ކުރިއަށްދާ އިތުބާރު ނެތްކަމުގެ މައްސަލައިގައި ކުށް ސާބިތުވެއްޖެނަމަ، އޭނާއަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިގެންދާނެ އެވެ.
އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ކީއްވެ؟
މިދިޔަ މޭ މަހު ފިލިޕީންސްގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ ނުވަތަ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ވަނީ ބޮޑު އަޣުލަބިއްޔަތަކުން ސާރާ ޑުޓާޓޭގެ އިތުބާރު ނެތްކަމަށް ފާސްކޮށްފަ އެވެ.
އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ގާނޫނުއަސާސީއާ ހިލާފުވުމުގެ ދެ މައްސަލައަކާއި، ދައުލަތުގެ ސިއްރު ފަންޑުތަކަށް ހިޔާނާތްތެރިވެ އަމާނާތްތެރިކަން ގެއްލުވާލުމާއި، މުދަލާއި ފައިސާގެ ތަފްސީލު ހާމަނުކުރުމާއި، ރިޝްވަތު ހިފުމުގެ ތުހުމަތު ހިމެނެ އެވެ. މީގެ އިތުރުން ރައީސް މާކޯސްއާއި، އޭނާގެ އަނބިކަނބަލުން ލީޒާ އަރަނެޓާ އަދި މަޖިލީހުގެ ކުރީގެ ރައީސް މާޓިން ރޮމުއަލްޑޭޒް އަށް މަރުގެ އިންޒާރު ދެއްވި ކަމުގެ ތުހުމަތުވެސް ވަނީ ކުރެވިފަ އެވެ. އެންމެ ބޮޑު އެއް ތުހުމަތަކީ މަނީ ލޯންޑަރިންއާ ދެކޮޅަށް މަސައްކަތްކުރާ އިދާރާއިން ފާހަގަކޮށްފައިވާ، 110 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާގެ އަމިއްލަ ބޭންކު މުއާމަލާތްތަކުގެ މައްސަލަ އެވެ.
ފިލިޕީންސްގެ ނޫސް އޭޖެންސީ އެއް ކަމަށްވާ "ރެޕްލާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ގައި ފެށި މި ޝަރީއަތް ކުރިއަށް އޮތް މަސްތަކަށް ދެމިގެންދާނެ ކަމަށް ބެލެވެ އެވެ.
ޑުޓާޓޭ ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކުރައްވާފަ އެވެ. އަދި މިއީ ސިޔާސީ މަގްސަދެއްގައި ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވެ އެވެ.
ޝަރީއަތުން ކުށް ސާބިތުވެއްޖެނަމަ، ޑުޓާޓޭ މަގާމުން ވަކިކުރުމުގެ އިތުރުން، ދާއިމީކޮށް ދައުލަތުގެ އެއްވެސް މަގާމެއް ފުރުއްވުން ސެނެޓުން މަނާކޮށްފާނެ އެވެ. އަދި ޖިނާއީ ކުށްތަކުގެ ދައުވާ އުފުލައި ވަކި ޝަރީއަތެއްވެސް ކުރިއަށް ގެންދެވިދާނެ އެވެ.
ހޯމަ ދުވަހު ޑުޓާޓޭގެ ވަކީލު މައިކަލް ޕޯއާ ނޫސްވެރިންނަށް ވިދާޅުވީ، މި ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްކަން ސާބިތުކޮށްދޭން ދިފާއީ ޓީމު އޮތީ ތައްޔާރަށް ކަމަށެވެ.
2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުވެސް މިފަދަ ތުހުމަތުތަކެއްގައި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން އުޅުނެވެ. ނަމަވެސް އެ ފަހަރު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިގެން، އިޖުރާއީ ގޮތުން އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި، އެ މައްސަލަ އޭނާ ހުއްޓުވިއެވެ.
މި ހުރިހާ ކަމެއް ހިނގަން މެދުވެރިވީ ކިއްވެ؟
މޭ 2022 ގައި ސާރާ ޑުޓާޓޭ އާއި މާކޯސް ގުޅިގެން އުފެއްދި ސިޔާސީ އިއްތިހާދުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރި ނަމަވެސް، ދައުލަތުގެ ފައިސާ ބޭނުންކުރެއްވި ގޮތާ ގުޅޭގޮތުން ސެނެޓުން ތަހުގީގު ފެށުމާއެކު ދެ ބޭފުޅުންގެ ގުޅުމުގައި ރެނދުތައް އުފެދެން ފެށިއެވެ.
ޖޫން 2024 ގައި ސާރާ ވަނީ ކެބިނެޓުގެ އެޑިއުކޭޝަން ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ނަމަވެސް ނައިބު ރައީސްގެ މަގާމުގައި އޭނާ ދެމިހުންނެވި އެވެ.
އެ އަހަރުގެ އޮކްޓޯބަރު މަހު ޑުޓާޓޭ ނޫސްވެރިންނަށް ވިދާޅުވީ، މާކޯސްއާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި، ބައެއް ފަހަރު މާކޯސްގެ ބޯ ކަނޑާލަންވެސް ހިތަށް އަރާ ކަމަށެވެ. އަދި މާކޯސްއާއެކު މަސައްކަތް ކުރެވުނީތީ "ބޭނުންކޮށްލީ" ކަމުގެ އިހުސާސް ކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ގައުމީ ގަބުރުސްތާނުގައި ވަޅުލާފައިވާ މާކޯސްގެ ބައްޕަ، ފާޑިނަންޑް މާކޯސް ސީނިއާގެ ހަށިގަނޑު ނަގައި ކަނޑަށް އެއްލާލާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވި އެވެ.
ޑުޓާޓޭ އާއިލާއިން ވަނީ 2024 ވަނަ އަހަރުގެ ތެރޭގައި ރައީސް މާކޯސް މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުވެސް ކޮށްފަ އެވެ.
ދެ ބޭފުޅުންގެ މެދުގައި ދެކުނު ޗައިނާ ކަނޑުގެ ސިޔާސަތާ މެދުވެސް ބޮޑެތި ހިޔާލުތަފާތުވުންތަކެއް ހުއްޓެވެ. ރޮޑްރިގޯ ޑުޓާޓޭ ގެންގުޅުއްވި ޗައިނާއާ ގާތް ސިޔާސަތާ ހިލާފަށް، މާކޯސް ވަނީ އެ ސަރަހައްދުގައި ޗައިނާއާ ދެކޮޅަށް ތެދުވުމަށް ފިލިޕީންސްގެ ކަނޑުގެ ސިފައިންނަށް އަމުރުކުރައްވާފަ އެވެ.
ނޮވެމްބަރު 2024 ގައި ސާރާ ޑުޓާޓޭ ވިދާޅުވީ، އޭނާ މަރާލައިފިނަމަ ބަދަލުގައި މާކޯސް އަވަހާރަކޮށްލުމަށް މީހަކާ ހަވާލުކޮށްފައިވާނެ ކަމަށެވެ. "މި ގައުމު މިދަނީ ނަރަކައަށް. އެއީ ގައުމުގެ ވެރިކަން ކުރަން ނޭނގޭ، ދޮގުވެރިއަކު އަހަރެމެންގެ ވެރިއަކަށް ހުރީމަ،" ފޭސްބުކް މެދުވެރިކޮށް ދެއްވި ބަޔާނެއްގައި އޭނާ ވިދާޅުވި އެވެ.
"އަހަރެންގެ ސަލާމަތާ މެދު ކަންބޮޑުނުވޭ. އަހަރެން މީހަކާ ވާހަކަދައްކައިފިން. އަހަރެން ބުނިން އަހަރެން މަރާލައިފިނަމަ ބީބީއެމް (މާކޯސް)، ލީޒާ އަރަނެޓާ އަދި މާޓިން ރޮމުއަލްޑޭޒް މަރާލާށޭ. މިއީ ސަމާސާއެއް ނޫން،" އޭނާ އިތުރަށް ވިދާޅުވި އެވެ.
މި އިންޒާރަށްފަހު، 2025 ގެ ކުރީކޮޅު ފުރަތަމަ ފަހަރަށް އިތުބާރު ނެތްކަމުގެ މައްސަލަ ފެށުނެވެ. އަދި އޭގެ ފަހުން ދެ ފަހަރެއްގެ މަތިން އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ ހުށަހަޅާފަ އެވެ.
ޝަރީއަތުގެ އަޑުއެހުންތައް ނިމުމުން، ޑުޓާޓޭ ކުށްވެރިވޭތޯ ނުވަތަ ނޫންތޯ ސެނެޓުން ވޯޓަށް އަހާނެއެވެ. ކުށް ސާބިތުވާނީ 24 މެންބަރުން ހިމެނޭ ސެނެޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުންނެވެ.
ސެނެޓަރު މާކޮލެޓާ ހައްޔަރުކުރުމުން ޝަރީއަތަށް ކުރާނީ ކޮން އަސަރެއް؟
މާކޯސްއާއެކު އޮތް ގުޅުން ހީނަރުވުމުގެ އިތުރުން، ސެނެޓުގެ ބާރުތަކަށް އައި ބަދަލަކީވެސް ޑުޓާޓޭގެ ޝަރީއަތަށް ނުފޫޒު ފޯރާނެ ކަމެކެވެ.
ޝަރީއަތް ފެށުމުގެ ކުޑަވަގުތުކޮޅެއް ކުރިން، ޑުޓާޓޭގެ އެންމެ ގާތް އެއް އެކުވެރިޔާ ސެނެޓަރު މާކޮލެޓާ ވަނީ ހައްޔަރުކޮށްފަ އެވެ. ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ ސެނެޓް އިންތިޚާބުގައި ވާދަކުރެއްވިއިރު އަމިއްލަ ފަރާތްތަކުން 75 މިލިއަން ޕެސޯ (1.2 މިލިއަން ޑޮލަރު) ރިޝްވަތުގެ ގޮތުގައި ހިފި ކަމަށް ބުނެ، އެ ގައުމުގެ އެންޓި-ކޮރަޕްޝަން ކޯޓުން ވަނީ އޭނާ ހައްޔަރުކުރަން އަމުރުކޮށްފަ އެވެ. އަދި އޭނާ ގައުމުން ބޭރަށް ފުރުންވެސް ވަނީ މަނާކޮށްފަ އެވެ.
މާކޮލެޓާއަކީ މި ޝަރީއަތުގައި ފަނޑިޔާރެއްގެ ދައުރު އަދާކުރަން ހުރި ސެނެޓަރެކެވެ. އޭނާ ހައްޔަރުކުރުމުން ޑުޓާޓޭއަށް ލިބެން އޮތް މުހިންމު ވޯޓެއް މިވަނީ ގެއްލިފަ އެވެ.
ހޮންކޮންގް ޔުނިވަރސިޓީގެ ޕްރޮފެސަރު އަލެހަންދްރޯ ރޭއިސް ވިދާޅުވި ގޮތުގައި، ސެނެޓުގެ މެންބަރުންގެ އަދަދުތަކަކީ މި މައްސަލައިގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ އެއްޗެކެވެ. ކުށް ސާބިތުކުރަން 24 ސެނެޓަރުންގެ ތެރެއިން 16 ސެނެޓަރުންގެ ވޯޓު ބޭނުންވާއިރު، ސެނެޓުގެ ރިޔާސަތުގައި މާކޯސްއަށް ތާއީދުކުރާ ބޭފުޅަކު ހުންނެވި ނަމަވެސް، ކުށް ސާބިތުވާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ.
މި ޝަރީއަތް މިހާ މުހިންމުވަނީ ކީއްވެ؟
މި ޝަރީއަތުގެ ސަބަބުން ނައިބު ރައީސްގެ މަގާމު ގެއްލި، 2028 ގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ބަންދުވެދާނެތީ، ގައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ. މިކަމާ ގުޅިގެން ސެނެޓް ހިމެނޭ ސަރަހައްދު ބެލެހެއްޓުމަށް 6،000 އަށްވުރެ ގިނަ ފުލުހުން ވަނީ ނެރެފަ އެވެ.
ޕްރޮފެސަރު ރޭއިސް "އަލްޖަޒީރާ" އަށް ވިދާޅުވީ، މި ޝަރީއަތަކީ 2028 ގެ އިންތިޚާބަށް ކުރާ ތައްޔާރީތަކުގެ ބައެއް ކަމަށެވެ. ރައީސް މާކޯސްއަށް ދެވަނަ ދައުރަކަށް ކުރިމަތިނުލެއްވޭއިރު، ސާރާ ޑުޓާޓޭއަކީ އެންމެ ވަރުގަދަ އެއް ކެންޑިޑޭޓެވެ. އެހެންކަމުން، މި ޝަރީއަތުގެ ސިޔާސީ ބޭނުމަކީ ކެމްޕޭން ފެށުމުގެ ކުރިން އެންމެ ވަރުގަދަ ވާދަވެރިޔާ ބަލިކޮށްލުން ކަމަށް ބެލެވިދާނެ އެވެ.
މާކޯސްގެ އިއްތިހާދުން ބާރުގައި ދެމިތިބެން ބޭނުންވި ނަމަވެސް، 2028 ގައި އޭނާ ތާއީދުކުރައްވާނީ ކޮން ބޭފުޅަކަށް ކަމެއް އަދި ހާމައެއް ނުކުރައްވަ އެވެ. އޭނާ ބޭނުންވަނީ އޭނާގެ ސިޔާސަތުތައް ކުރިއަށް ގެންދާނެ، އަދި އޭނާގެ އާއިލާއަށް ސިޔާސީ ގޮތުން ގެއްލުމެއް ނުދޭނެ ފަދަ އިތުބާރު ހުރި މީހެކެވެ.
މި ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ފިލިޕީންސްގެ އިގްތިސާދަށްވެސް އަސަރުކުރާނެ ކަމަށް ރޭއިސް ވިދާޅުވި އެވެ. ފިލިޕީންސް އިގްތިސާދީ ގޮތުން ކުރިއަރަމުން ދިޔަ ނަމަވެސް، އާއިލީ ވެރިކަމުގެ ވާދަވެރިކަމާއި، ކޮރަޕްޝަނާއި، މުއައްސަސާތަކަށް އޮތް އިތުބާރު ކުޑަވުމުގެ ސަބަބުން ގައުމުގެ ކުރިއެރުމަށް ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މަސްދަރު: އަލް ޖަޒީރާ




