ފިލިޕީންސްގެ ސްކޫލެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާ އާ ގުޅިގެން "ގޯބޮކްސް" ގޭމް މަނާކޮށްފި
މި ހާދިސާއާ ގުޅިގެން ކުޑަކުދިންނަށް އިންޓަނެޓާއި ގޭމްތަކުގެ ނުފޫޒު ފޯރާ މިންވަރު ބެލުމަށް ސަރުކާރުން ވަނީ ހާއްސަ ތަހުގީގެއް ފަށާފައި. އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ސްކޫލްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ކުޑަކުދިންނަށް ހަތިޔާރު ލިބޭނެ މަގުތައް ބަންދުކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުން.

ގޯބޮކްސް (GoreBox) ގޭމް ގެ އިމޭޖެއް | ސްކްރީން އިމޭޖް
ފިލިޕީންސްގެ ސްކޫލެއްގައި ބަޑިޖަހައި ދަރިވަރުންތަކެއް މަރާލި ހާދިސާގެ ތުހުމަތު ކުރެވޭ ކުއްޖަކު އެންމެ ގިނައިން ކުޅޭ ގޭމަކީ "މައިންކްރާފްޓް" އާ އެއްގޮތް، އަނިޔާވެރި އަމަލުތައް ހިމެނޭ ގޭމެއް ކަމަށް ފުލުހުން ބުނުމާ ގުޅިގެން، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އެ ގޭމް ވަގުތީ ގޮތުން މަނާކޮށްފި އެވެ.
މެނީލާގެ އިރުދެކުނުން އޮންނަ ޓަކްލޯބަން ސިޓީގެ ސެން ހޯޒޭ ނޭޝަނަލް ހައި ސްކޫލުގައި މިދިޔަ ހޯމަ ދުވަހު ހިންގި ބަޑިޖެހުމުގެ ހާދިސާގައި ތިން ދަރިވަރުން މަރުވެ، 20 ކުއްޖަކު ވަނީ ޒަޚަމްވެފައެވެ. މި ހަމަލާއާ ގުޅިގެން އުމުރުން 14 އަހަރާއި 15 އަހަރުގެ ދެ ފިރިހެން ކުދިން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ވަނީ އުމުރުން 15 އަހަރުގެ ކުއްޖާގެ މައްޗަށް މީހަކު މަރާލުމުގެ ދައުވާ އުފުލާފަ އެވެ. ނަމަވެސް، 14 އަހަރުގެ ކުއްޖާއަކީ އެ ގައުމުގެ ޖިނާއީ ގާނޫނުތަކުގެ ދަށުން ދައުވާ ކުރެވޭ ވަރަށްވުރެ ހަގު ކުއްޖެއް ކަމަށް ފުލުހުން ވަނީ ކަނޑައަޅާފަ އެވެ. "ގޯބޮކްސް" (Gorebox) ނަމަކަށް ކިޔާ މި ގޭމް ބްލޮކް ކުރުމުގެ ބޭނުމަކީ، ހަމަލާދިން ކުދިންގެ އަމަލުތަކުގައި އެ ގޭމްގެ އެއްވެސް ދައުރެއް އޮތްތޯ ބެލުން ކަމަށް ސައިބަރ ކްރައިމް އިންވެސްޓިގޭޝަން އެންޑް ކޯޑިނޭޓިންގ ސެންޓަރުން ބުނެ އެވެ.

މި ފިޔަވަޅު އަޅާފައިވަނީ، 14 އަހަރުގެ ތުހުމަތު ކުރެވޭ ކުއްޖާއަކީ އިންޓަނެޓްގައި ހުންނަ ތަކެތީގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވާ ކުއްޖެއް ކަމަށާއި، އޭނާ އިންޓަނެޓްގައި އަނިޔާވެރި މަންޒަރުތައް ގަވާއިދުން ޕޯސްޓް ކުރަމުންދާ ކަމަށް ފުލުހުންގެ ތަރުޖަމާނު އެލަން ރޭ ކޯ ވިދާޅުވުމާ ގުޅިގެންނެވެ. ގޫގުލް ޕްލޭ ސްޓޯރުގައިވާ މި ގޭމްގެ ތައާރަފުގައި ބުނެފައިވާ ގޮތުން، "ގޯބޮކްސް" ކުޅޭ މީހުންނަށް ބޭނުން ކޮންމެ އެއްޗެއް ނައްތާލުމުގެ ފުރުސަތު ލިބޭއިރު، ގިނަ އަދަދެއްގެ ހަތިޔާރާއި ގޮވާތަކެތި ބޭނުންކޮށްގެން އަނިޔާވެރި ކުރިމަތިލުންތަކުގައި ބައިވެރިވެވެ އެވެ.
އެކަނި ނުވަތަ އެހެން ކުޅުންތެރިންނާއެކު ކުޅެވޭ މި ގޭމަކީ، އޭގައި ހިމެނޭ އިންތިހާ ދަރަޖައިގެ އަނިޔާވެރިކަމާއި ހިފެހެއްޓުމެއް ނެތް އަމަލުތަކުގެ ސަބަބުން، ބައިނަލްއަގުވާމީ މިންގަނޑުން 18 އަހަރުން މަތީގެ މީހުންނަށް ކަނޑައަޅާފައިވާ ގޭމެކެވެ.
"މި ހިތާމަވެރި ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި އިންޓަނެޓްގެ ނުފޫޒު ހިމެނުމަކީ އެކަށީގެންވާ ކަމެއް ކަމަށްވާތީ، އެކަމަށް އަޅާނުލާ ދޫކޮށްލެވެން ނެތް،" ސައިބަރ ކްރައިމް ސެންޓަރުގެ އަބޯއީ ޕަރައިސޯ ވިދާޅުވި އެވެ. ނަމަވެސް މި ގޭމް ބްލޮކްކޮށްފައި ބަހައްޓާނީ ކިހާ މުއްދަތަކަށް ކަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
އާންމު ގޮތެއްގައި، ވީޑިއޯ ގޭމް ކުޅުމާއި ހަގީގީ ދިރިއުޅުމުގައި އަނިޔާވެރި އަމަލުތައް ހިންގުމާ ސީދާ ގުޅުމެއް އޮތްކަމުގެ ސައިންޓިފިކް ހެއްކެއް މިހާތަނަށް ފެންނާކަށް ނެތެވެ.
2023 ވަނަ އަހަރު ބާޒާރަށް ނެރުނު "ގޯބޮކްސް" އަކީ އުފެއްދުންތެރިކަމާއި ހިފެހެއްޓުމެއް ނެތް ނައްތާލުން އެކުލެވިގެންވާ ގޭމެއްގެ ގޮތުގައި އިޝްތިހާރުކޮށްފައިވާ ގޭމެއް ކަމަށް އެ ސެންޓަރުން ބުނެ އެވެ. ސަރުކާރުގެ ދިރާސާއަކުން މި ގޭމަކީ އަނިޔާވެރިކަމަށް ހިތްވަރުދޭ އެއްޗެއް ކަމަށް ނިންމައިފިނަމަ ދެން އަޅާނެ ފިޔަވަޅެއް ޕަރައިސޯ ވިދާޅެއް ނުވެ އެވެ.
"މި ވަގުތީ މަނާކުރުމުގެ އިތުރުން، ޒުވާން ކުދިންނަށް ނުރައްކާވެދާނެ ފަދަ އިންޓަނެޓްގެ މާހައުލުތައް ދެނެގަނެ، ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އަޅުގަނޑުމެންގެ މޮނިޓަރިންގ ވަރުގަދަ ކުރަމުން މިދަނީ،" ޕަރައިސޯ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އެންމެ ބޮޑު އިސްކަމެއް ދެނީ އިންޓަނެޓް ބޭނުންކުރާ ފިލިޕީންސްގެ ކުޑަކުދިންގެ ރައްކާތެރިކަމަށް."
ލައިސަންސް ނެތް ހަތިޔާރު ގިނަވުމުގެ ސަބަބުން ފިލިޕީންސްގައި ބަޑި ބޭނުންކޮށްގެން ހިންގާ ކުށްތައް ގިނަ ނަމަވެސް، ސްކޫލްތަކުގައި ބަޑިޖެހުމުގެ ހާދިސާތަކަކީ އެ ގައުމުގައި މަދުން ނޫނީ ނުހިނގާ ކަންކަމެވެ. އަދި މިފަދަ ހާދިސާތަކުގައި ކުޑަކުދިން އިސްކޮށް ތިބުމަކީ ވެސް އާންމު ކަމެއް ނޫނެވެ.
ފަހުގެ ތާރީޚެއްގައި އެ ގައުމުގައި ހިނގި އެންމެ ނުރައްކާތެރި އެއް ހާދިސާގެ ގޮތުގައި ބެލެވޭ މި ބަޑިޖެހުމާ ގުޅިގެން، ކުޑަކުދިންނަށް ހަތިޔާރު ލިބޭނެ މަގު ފަހިކޮށްދޭ ކޮންމެ މީހަކަށް ހަރުކަށި އަދަބު ދިނުމަށް ކޮންގްރެސް މެންބަރު ޗެލް ޑިއޮކްނޯ ވަނީ ގޮވާލައްވާފަ އެވެ. ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، 14 އަހަރުގެ ކުއްޖާ ބޭނުންކުރި 9 އެމްއެމްގެ ފިސްތޯލައަކީ އޭނާގެ ބޮޑުދައިތަގެ އެއްޗެކެވެ. އޭނާގެ ބޮޑުދައިތައަކީ ފުލުހެއް ކަމަށާއި، މި ހާދިސާއަށްފަހު އޭނާ ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ.
އުމުރުން 15 އަހަރުގެ ކުއްޖާ ބޭނުންކުރި ހަތިޔާރަކީ އޭނާގެ ކާފަގެ ސެކިއުރިޓީ އެޖެންސީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހަތިޔާރެކެވެ.
ސަރަހައްދީ ފުލުހުންގެ ވެރިޔާ ޖޭސަން ކަޕޯއީ ވިދާޅުވީ، މި ހަމަލާ ދިނީ ސްކޫލުގައި އެ ކުދިންނަށް ކުރާ ފުރައްސާރަ އާއި ގަނާކުރުމުގެ ބަދަލުހިފުމުގެ ގޮތުން ކަމަށް ތުހުމަތު ކުރެވޭ ކުދިން ތަހުގީގުގައި ބުނެފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި، 1،600 ދަރިވަރުން ކިޔަވަމުންދާ އެ ސްކޫލުގެ ސެކިއުރިޓީ ބަލިކަށިވުމުގެ ސަބަބުން، އެ ކުދިންނަށް ހަތިޔާރު ހިފައިގެން ސްކޫލް ތެރެއަށް ވަދެވުނީ އެވެ. އިބްތިދާއީ ތަހުގީގުން ކަށަވަރުވެފައިވާ ގޮތުގައި އެ ދެ ކުދިންނަށް ސްކޫލުގައި ގަނާކުރުމުގެ އަމަލުތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ. ބަޑިޖެހުމުގެ ހާދިސާ ހިނގުމުގެ މަދު ދުވަސްކޮޅެއް ކުރިން، އެ ދެ ކުދިން ސްކޫލުގެ ފާޚާނާއެއްގެ ތެރޭގައި ފިލައިގެން ތިއްބާ ފެނިފައިވެ އެވެ.
"ލިބިފައިވާ ހުރިހާ ނިޝާންތަކަކުން އެނގެނީ މިއީ ކުރިން ރާވައިގެން ހިންގާފައިވާ އަމަލެއް ކަމަށް،" ފުލުހުންގެ ތަރުޖަމާނު އެލަން ރޭ ކޯ ވިދާޅުވި އެވެ.
ޖޭސަން ކަޕޯއީ ވިދާޅުވީ، ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާގެ އަމުރުފުޅަށް ކުރިއަށްގެންދާ ތަހުގީގުގައި، ބަޣާވާތް ކުރުމަށާއި އަނިޔާވެރި އަމަލުތަކަށް ހިތްވަރުދޭ އިންޓަނެޓް ގްރޫޕްތަކުގެ ނުފޫޒު ހިމެނޭހެން، ހުރިހާ ފަރާތްތަކަކަށް ބަލާނެ ކަމަށެވެ.
މީގެ އިތުރުން، އިންޓަނެޓްގައި ހުންނަ އަނިޔާވެރި މަންޒަރުތަކުގެ ސަބަބުން ކުޑަކުދިންނަށް ކުރާ އަސަރުތަކާ ގުޅޭގޮތުން ފިލިޕީންސްގެ ސެނެޓުން ކުރިން ފަށާފައިވާ ތަހުގީގުތައް ކުރިއަށް ގެންދާނެ އެވެ.
އިންޓަނެޓްގެ ވަސީލަތްތަކަކީ "ކުޑަކުދިންގެ ސިކުނޑި ދޮވެލައި، ހަރުކަށި ފިކުރު އަށަގަންނުވާ ހާލިތަކެއް" ކަމަށް ސެނެޓަރ ރީސާ ހޮންޓިވެރޯސް ވިދާޅުވި އެވެ. "ކުޑަކުދިން ޝިކާރަކުރުމަށް އިންޓަނެޓް ބޭނުންކުރާނަމަ، ފިޔަވަޅު އެޅުމަށްޓަކައި ދެން ހުންނަ ކުއްޖާ ނިމިދާތަން ބަލަން އަޅުގަނޑުމެން މަޑެއް ނުކުރާނަން."




