ކުޑަ އަގެއްގައި ބިމެއް ވިއްކިކަން ފަޅާއެރުމާ ގުޅިގެން، އެކަން ދިފާއުކޮށް މިނިސްޓްރީން ނެރުނު ބަޔާނުން އެތައް ސުވާލުތަކެއް!
9 ސެޕްޓެމްބަރު 2026 | ބުދަ 16:31ހުޅުމާލެއިން ކުޑަ އަގަކަށް ބިމެއް ވިއްކި މައްސަލައަކީ 2003 ވަނަ އަހަރުން ފެށިގެން ހައްލުނުވެ އޮތް މައްސަލައެއް ކަމަށް ބުނެ، އެކަން ބަލައިދިނުމަށް ހައުސިންގ މިނިސްޓްރީން އޭސީސީއަށް ހުށަހަޅައިފި. މި މުއާމަލާތަކީ ކުރީގެ އެއްބަސްވުމަކަށް ރިއާޔަތްކޮށް ކުރި ކަމެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް، ގާނޫނީ ހަމަތަކާ މެދު އާންމުންނާއި ގާނޫނީ ވަކީލުން އަންނަނީ ސުވާލު އުފައްދަމުން


ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް | ރައީސް އޮފީސް
ކުޑަ އަގެއްގަ ބިމެއް ވިއްކިކަން ފަޅާއެރުމާ ގުޅިގެން، އެކަން ދިފާއުކޮށް ހައުސިންގ މިނިސްޓްރީން ބަޔާނެއް ނެރެފި އެވެ.
ބުދަ ދުވަހު ހައުސިންގ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހަތަރު ލައްކަ ރުފިޔާއަށް އަހުމަދު ޒާހިރު ނަމަކަށް ކިޔާ މީހަކަށް ގޯއްޗެއް ވިއްކަން ނިންމާފައިވަނީ 23 އަހަރުވީ މައްސަލައެއްގެ ހައްލު ހޯދައިދިނުމުގެ ގޮތުން ކަމަށާއި މިނިސްޓްރީގެ އެ ނިންމުމުގައި ގޯހެއް އުޅޭނަމަ އެކަން ކަށަވަރުކުރުމަށް އެ މުއާމަލާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް ނިންމައިފައިވާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މިނިސްޓްރީގެ އިންޓާނަލް މެމޯއަކީ 22 ޑިސެންބަރު 2003 ގައި އޭރުގެ މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ހައުސިން އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިންގި "ރަށުތެރެއިން ވިއްކާ 56 ގޯތި" ސްކީމުގެ ދަށުން ހުޅުމާލެ ފޭސް އެކަކުން ގޯތި ލިބުނު އަޙްމަދު ޒާހިރުގެ މައްސަލައާ ގުޅޭ ލިޔުމެއް ކަމަށެވެ.
މި ބިމަކީ 904 އަކަ ފޫޓުގެ ބިމެއް ކަމަށާއި، އެ ބިމުގެ އަގަކީ 339،000 ރުފިޔާކަން އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓުން 24 ޑިސެންބަރު 2003 ގައި ދޫކޮށްފައިވާ ލިޔުމުން އެނގެން އޮތް ކަމަށް ހައުސިންގ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް ވޭތުވެދިޔަ އެކި ސަރުކާރުތަކުގައި އެ ގޯތި އަހުމަދު ޒާހިރަށް ހަވާލުކޮށްދޭން އޭނާ ތަކުރާރުކޮށް އެދިފައިވީ ނަމަވެސް ހަވާލުކޮށްފައި ނުވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
މި މައްސަލައަށް މި ސަރުކާރުން ހައްލެއް ހޯދައިދޭން ނިންމީ އޭނާ ގެ ދިރިއުޅުމުގެ ހާލަތަށް ބަލައި، ކުރިން ބިން ވިއްކުމަށް ވެފައިވާ އެއްބަސްވުމުގެ ކޮމަރޝަލް ޓާމްސްތަކަށް ބަލައިގެން ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ކުރީ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތަކަށް ދީފައިވާ ބިމުގެ އެއްބަސްވުން ބާތިލުކުރުމުން ހުސްކޮށް އޮތް ބިން އަހުމަދު ޒާހިރުއަށް ވިއްކަން ނިންމީ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެ ބިން އޭނާއަށް ވިއްކަން ނިންމީ، ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން އޭނާއަށް ލިބިފައިވާ ޕްލޮޓްގެ އެންމެހައި ހައްގުތައް ދޫކޮށްލަން އެއްބަސްވުމުން ކަމަށް ވެސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މިނިސްޓްރީން ނެރުނު ބަޔާނާއި ގުޅިގެން ގިނަ ސުވާލުތައް ވަނީ އުފެދިފަ އެވެ. އެގޮތުން މީގެ ކުރިން ލިބިފައިވާ ގޯޗެއް މިހާރު ވިއްކަން ޖެހުނީ ކިހިނެއްވެގެންތޯ އަދި އަހުމަދު ޒާހިރު އަތުގައި މި ހުރިހާ ލިޔުމެއް ހުރިއިރު މީގެ ކުރިން ޝަރީއަތަށް ގޮސް މިކަން ސާބިތު ނުކުރީ ކިހިނެއް ވެގެންތޯ ވަނީ ސުވާލު އުފެދިފަ އެވެ.
ހަމައެއާއެކު ބަންޑާރާ ބިމެއް ހައުސިންގ މިނިސްޓްރީއަށް ވިއްކޭނެ ގޮތެއް ނޯންނާނެ ކަމަށާއި، ކޮންމެ މުއާމަލާތެއް ވެސް ކުރަން ވާނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މީގެ އިތުރުން، މިފަދަ ކަންކަން ދިރާސާ ކުރައްވާ ގާނޫނީ ވަކީލެއް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގޮތުގައި ބިން ވިއްކަން މުއާމަލާތެއް ކޮށްފައި އޮތް ނަމަވެސް އެކަން ވާނީ އެފަރާތުން ވެސް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކޮށްގެން ކަމަށެވެ. އަދި ބަޔާނުގައި ވިޔަފާރީގެ މުއާމަލާތެއް ކަމަށް ބުނެފައި އޮތް ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ވިޔަފާރީގެ މުއާމަލާތެއް ނަމަ ދިރިއުޅުމުގެ ހާލަތަށް ބަލަން ނުޖެހޭނެ ކަމަށާއި މަހުޖަނު ލެވްލަގައި ހުއްޓަސް އެ ވިއްކަން ޖެހޭނެ ކަމަށެވެ.
ކޯޓުން ޝަރުއީ ގޮތުން ނިންމާފައި ހުންނަ މައްސަލަތަކުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ކޮމިޓީއަކުން ނިންމުމާ ގުޅިގެން ކަމަށް ބުނެ ބަންޑާރާނައިބު ގަބޫލު ނުކޮށް ހުރި މައްސަލަތައް އެބަހުރި ކަމަށާއި، ކޯޓުގެ ހުކުމެއް ނެތި މިފަދަ ބަދަލު ދެނީ ކީއްވެގެންތޯ އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ. އަދި މިކަން މީސް މީޑިއާގައި އާންމުވެ މީހުން ޝަކުވާ ކުރުމުގެ ކުރިން ގާނޫނީ ލަފާ ނުހޯދީ ކިހިނެއް ވެގެންތޯ ވެސް ސުވާލު އުފެއްދެވި އެވެ.











