ތިން މިނިސްޓްރީގައި ރޯވި އަލިފާނުގެ ޙާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާކަމަށް ޔާމީން ފުލުހުންނަށް ލިއުމުން އަންގަވައިފި
8 ސެޕްޓެމްބަރު 2026 | އަންގާރަ 10:40މާލޭގައި ތިން މިނިސްޓްރީއެއް ހިންގި އިމާރާތުގައި ރޯވީ ގަސްތުގައި ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، އެމަނިކުފާނަށް އިތުރު މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ފުލުހުންނަށް އަންގަވައިފި. ފުލުހުންގެ ތަހުގީގުން އެއީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ހާދިސާއެއްކަން ހާމަވެފައިވާއިރު، ސިޔާސީ ބޭނުމަށް ދޮގު މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި.


ކުރީގެ ރައީސް އަބްދުﷲ ޔާމީން | ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)
މާލޭގައި ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރާތުގައި ރޯވި އަލިފާނާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީނު ފުލުހުންނަށް މައުލޫމާތު ދެއްވައިފި އެވެ.
އެ ތިން މިނިސްޓްރީގައި އަލިފާން ރޯވެފައިވަނީ އިލެކްޓްރިކް ޝޯޓޭޖެއްގެ ސަބަބުންކަމަށް ތަހުގީގަށް ހާމަވެފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފަ އެވެ. މި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައެއް ނުވާކަމަށްވެސް ފުލުހުން ބުނެ އެވެ.
އަންގާރަ ދުވަހު ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނީ، ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 2026 ސެޕްޓެންބަރު 05 ވަނަ ދުވަހު ދެއްކެވި ވާހަކަފުޅެއްގައި، އިސްވެ ދެންނެވުނު އިމާރާތްތަކުގައި އަލިފާން ރޯކޮށްލީ ގަސްތުގައި ކަމަށާއި، އެކަން ކުރީ މިހާރު ފުލުހުންނަށް އެނގޭ ކަމަށާއި، އަދި އެކަމާ ގުޅޭ ހެކި ފުލުހުންގެ އަތުގައި ހުރި ކަމަށްވެސް ވިދާޅުވެފައިވާކަމަށެވެ.
އެމަނިކުފާނު މި މައްސަލައާ ގުޅުވައިގެން ދެއްކެވި ވާހަކަފުޅުތަކަކީ ތަހުގީގަށް މުހިއްމު ވާހަކަފުޅުތަކެއްކަމަށްވާތީ އެކަންކަމުގެ އިތުރު މައުލޫމާތު ސާފުކޮށްދިނުމަށް ފުލުހަށް ހާޒިރުވާން ޗިޓެއް ހަވާލުކުރަން ފުލުހުން މަސައްކަތް ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ޗިޓާ ޙަވާލުވާން ރައީސް ޔާމީނު ވަނީ އުޒުރުވެރިވެވަޑައިގެންފައިކަމަށް ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް ރިއާޔަތްކުރައްވައި ލިޔުމުން ޖަވާބެއް ދެއްވާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. އެ ލިޔުމުގައި، މިމައްސަލައާ ގުޅޭގޮތުން އެމަނިކުފާނަށް އިތުރު އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެހެންކަމުން ފުލުހުންގެ އިދާރާއަށް ޚާޒިރުވެވަޑައިގަތުމުގެ އިތުރު ބޭނުމެއް ނެތް ކަމަށް ބަޔާންކުރައްވާފައިވާކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުންގެ ނޫސްބަޔާނުގައި ބުނީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރާ މުއައްސަސާތަކާމެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް އުފެދި ތަހުގީގުގެ އިތުބާރު ގެއްލޭ ގޮތަށް މައުލޫމާތު އާންމުކުރެއްވުމުގެ ބަދަލުގައި، ގާނޫނީ އަމުގެ ތެރެއިން ތަހުގީގަށް އުފުލިހަމައެއް އެއްބާރުލުން ދެއްވުމަށް އިލްތިމާސް ކުރާކަމަށެވެ.
ހައުސިން މިނިސްޓްރީގައި ރޯކޮށްލީ ރައީސް މުއިއްޒުގެ އަރިސް ބޭފުޅެއްކަން ފުލުހުންނަށް އެނގޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު، ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ. އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އަލިފާން ރޯވާން ދިމާވި މައްސަލަ ދެނެގަތުމަށްޓަކައި ދިވެހި ފުލުހުންނާއި، އެކުވެރި ޤައުމުތަކުގެ ތަޖުރިބާާކާރުން ގުޅިގެން ތަހުގީގެއް ކޮށްފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގަ އެވެ. އަދި އެ ތަހުގީގުން ހާާމަވީ އަލިފާާން ރޯވީ މީހަކި ގަސްތުގައި ރޯކޮށްލައިގެން ނޫން ކަމަށާއި އެއީ ކަރަންޓު ނަރަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ހިނގި ހާދިސާއެއް ކަމަަށް އެ ދުވަހު މިނިސްޓަރު އިހުސާން ވިދާޅުވެފައިވެ އެވެ.
ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުން އައި އިމާރާތުގައި އަލިފާން ރޯވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ ހާދިސާގައި އެ ތިން މިނިސްޓްރީ ހިންގަމުން އައި އިމާރާތް ވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ.











