އީރާނުގެ ބަސީޖް ފޯސްގެ ކޮމާންޑަރަކު މަރާލައިފި
8 ސެޕްޓެމްބަރު 2026 | އަންގާރަ 14:50އީރާނުގެ ސިސްތާން-ބަލޫޗިސްތާން ޕްރޮވިންސްގެ ކޮމާންޑަރު އަބްދުއްރައޫފް އިސްހާގީ މަރާލާފައިވަނީ، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންދަނިކޮށް. ބޯޑަރު ހިއްސާކުރާ މި ސަރަހައްދަކީ ހަނގުރާމަވެރި ޖަމާއަތްތަކާއި މަސްތުވާތަކެތި އެތެރެކުރާ މީހުންގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން ގިނަގިނައިން ކުރިމަތިލުންތައް ހިނގާ ސަރަހައްދެއް

އަބްދުއްރައޫފް އިސްހާގީ | ތަސްނީމް ނިއުސް އޭޖެންސީ
އީރާނުގެ އިރުދެކުނު ސަރަހައްދުގައި ދިން "ޓެރަރިސްޓް ހަމަލާއެއްގައި" އެ ގައުމުގެ އަސްކަރީ ބާރެއް ކަމަށްވާ ބަސީޖް ފޯސްގެ ކޮމާންޑަރަކު އަންގާރަ ދުވަހު މަރާލާފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ބުނި ގޮތުގައި، ސިސްތާން-ބަލޫޗިސްތާން ޕްރޮވިންސްގެ ޕަރޫދު ޑިސްޓްރިކްޓްގެ ކޮމާންޑަރު އަބްދުއްރައޫފް އިސްހާގީ ވަނީ މި ހަމަލާގައި "ޝަހީދުކޮށްލާފަ އެވެ." ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އެ އެޖެންސީން ހާމަކޮށްފައެއް ނުވެ އެވެ.
މި ހަމަލާގެ ފަހަތުގައިވަނީ ކޮން ބައެއްކަން މިހާތަނަށް ސާފުވެފައެއް ނުވެ އެވެ.
މި ހާދިސާ ހިނގާފައި މިވަނީ، އެ ޕްރޮވިންސްގައި ހަރަކާތްތެރިވާ ސަރުކާރާ ދެކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުގެ މަރުކަޒުތަކަށް އަމާޒުކޮށް ހިންގި ރޭޑެއްގައި ތިން މީހަކު މަރުވެ، ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ހޯމަ ދުވަހު ބުނެފައި ވަނިކޮށެވެ.
ޕާކިސްތާނާއި އަފްޣާނިސްތާނާ ބޯޑަރު ހިއްސާކުރާ ސިސްތާން-ބަލޫޗިސްތާން ޕްރޮވިންސަކީ، އީރާނުގެ ސަލާމަތީ ބާރުތަކާއި ހަނގުރާމަވެރި ގްރޫޕްތަކުގެ އިތުރުން މަސްތުވާތަކެތި އެތެރެކުރާ މީހުންނާ ދެމެދު ކުރިމަތިލުންތައް ހިނގުން އާންމުވެފައިވާ ސަރަހައްދެކެވެ.
އީރާނުގެ އެންމެ ފަގީރު ޕްރޮވިންސްތަކުގެ ތެރޭގައި ހިމެނޭ މި ސަރަހައްދަކީ ބަލޫޗީ ނަސްލުގެ ގިނަ ބަޔަކު ދިރިއުޅޭ ސަރަހައްދެކެވެ. ޝިއައީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އީރާނުގެ މި ސަރަހައްދުގައި ދިރިއުޅޭ ބަލޫޗީންގެ ތެރެއިން ގިނަ މީހުންނަކީ ސުންނީ މުސްލިމުންނެވެ.










