ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާއަށް ހަމަލާދީ 70 އަށްވުރެ ގިނަ މީހުން ޒަޚަމުކޮށްލައިފި
8 ސެޕްޓެމްބަރު 2026 | އަންގާރަ 07:39ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާގެ ހަކަތަ އުފައްދާ މަރުކަޒުތަކަށާއި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ގިނަ ބަޔަކު ޒަޚަމްވެ، ބައެއް މަސައްކަތްތައް ހުއްޓާލަން ޖެހިފައިވާ ކަމަށް އެ ގައުމުން ހާމަކޮށްފި. ޔަމަނުގެ އެކި ސަރަހައްދުތަކުގައި ހަނގުރާމަ ވަރުގަދަވެ، ގިނަ ބަޔަކު މަރުވަމުންދާއިރު، ސައުދީ އަރަބިއްޔާއިން އިސްވެ އޮންނަ އިއްތިހާދުން ވަނީ ހޫޘީންގެ މި ނުރައްކާތެރި އަމަލުތަކާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައި


ސައުދީ އަރަބިއްޔާ އިސްވެ އޮންނަ ކޯލިޝަނާ ދެކޮޅަށް އަޑުއުފުލުމަށްޓަކައި، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު ޔަމަނުގެ ސަންޢާގައި ހޫޘީންނަށް ތާއީދުކުރާ ފަރާތްތަކުން ބޭއްވި ބޮޑު އެއްވުމެއްގެ ތެރެއިން | އޭޕީ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާ ކަމަށާއި، މި ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން މަދުވެގެން 73 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައުދީ އަރަބިއްޔާއިން ހާމަކޮށްފި އެވެ. ސައުދީ އަރަބިއްޔާއިން އަންގާރަ ދުވަހު މި ތުހުމަތުތައް ކޮށްފައި ވަނީ، ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ ވަރުގަދަވެ، އީރާނުގެ މަދަދުލިބޭ ހޫޘީންގެ ބާރުގެ ދަށުގައި ހުރި ސަރަހައްދުތައް އަނބުރާ ހޯދުމަށް ސައުދީން ތާއީދުކުރާ އަދި ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރުން ރައްދު ހަމަލާތަކެއް ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.
ޔަމަނުގައި ހަނގުރާމަކުރާ ސައުދީ އިސްވެ އޮންނަ އަސްކަރީ އިއްތިހާދުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް-މާލިކީ ވިދާޅުވީ، ހޫޘީންގެ ހަމަލާތައް އަމާޒުވެފައި ވަނީ އަބްހާ، ޚަމީސް މުޝައިތު، ޖީޒާން އަދި ނަޖްރާން ޕްރޮވިންސްގެ އާންމު ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް ކަމަށެވެ. ނަމަވެސް، މި ހަމަލާތައް ދީފައިވަނީ ސީދާ ކޮން ވަގުތެއްގައި ކަމެއް އޭނާ ހާމަކުރައްވައިފައެއް ނުވެ އެވެ. އަލް-މާލިކީ ވަނީ މި ހަމަލާތަކަކީ މަސްލަހަތު ގޯސްވެގެންދާ ފަދަ "ނުރައްކާތެރި ފިޔަވަޅެއް" ކަމަށާއި، މިއީ ސައުދީ އަރަބިއްޔާގެ އިސްތިގުލާލަށް އަރައިގަތުމުގެ "ބޮޑު ޖަރީމާއެއް" ކަމަށް ސިފަކުރައްވައި، ސައުދީ އަރަބިއްޔާގެ ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ މީހުންނަށް އޮތް ސީދާ ނުރައްކަލެއް ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ. މީގެ އިތުރުން، މި ހަމަލާތަކާ ކުރިމަތިލުމަށާއި ނުރައްކާ އަންނަ މަސްދަރުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޓަކައި، "އޮޕަރޭޝަނަލް ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް" އަސްކަރީ އިއްތިހާދުން އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސައުދީ އަރަބިއްޔާގެ ހަކަތައާބެހޭ ވުޒާރާއިން ބުނީ، އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެ ގައުމުގެ ދެކުނުގެ ސަރަހައްދުތަކުގައި ހުރި "ހަކަތަ އުފައްދާ ބައެއް މަރުކަޒުތަކާއި ވަސީލަތްތަކަށް" ހޫޘީން ހަމަލާދީފައިވާ ކަމަށެވެ. އަދި، މި ހަމަލާތަކުގައި "ގިނަ އަދަދެއްގެ ރައްޔިތުންނާއި ބިދޭސީން" ޒަޚަމްވެ، "ބައެއް ތަންތަނުގައި އަލިފާން ރޯވެފައިވާ" ކަމަށާއި، މީގެ ސަބަބުން ބައެއް މަސައްކަތްތައް "ވަގުތީ ގޮތުން ހުއްޓާލަން ޖެހުނު" ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފަ އެވެ.
ޔަމަނުގެ ހޫޘީ ޖަމާއަތުން ސައުދީ އަރަބިއްޔާއަށް ހަމަލާދިން ވަގުތު ނަގާފައިވާ ވީޑިއޯއެއްގެ މަންޒަރުތައް | އެކްސް/އީރާން އޮބްޒާވާ
މި ތުހުމަތުތަކާ ގުޅިގެން ހޫޘީންގެ ފަރާތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް، މީގެ ކުރިން އެ ޖަމާއަތުން ވަނީ ޔަމަނުގެ އުތުރުގެ އަލް-ޖައުފް ގަވަރުނަރޭޓްގެ އަލް-ހަޒްމްގައި ހުރި ޖަލަކަށް ސައުދީ އަރަބިއްޔާގެ އަސްކަރިއްޔާއިން ވައިގެ މަގުން ހަމަލާދީ، މަދުވެގެން ހަތް މީހުން މަރާލާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި، "ޔަމަނާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން ހިންގަމުންދާ އުދުވާނަށް" އަދަބު ނުލިބި ނުދާނެ ކަމަށް ވެސް ހޫޘީން ވަނީ ބުނެފަ އެވެ. ނަމަވެސް، ރިޔާޟުން މި ތުހުމަތުތަކަށް ސައޫދީ އަރަބިއްޔާއިން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
2014 ވަނަ އަހަރު ހޫޘީން އެ ގައުމުގެ ވެރިރަށް ސަންޢާ ހިފުމާ ގުޅިގެން ޔަމަނުގެ ދާޚިލީ ހަނގުރާމަ ފެށުނުއިރު، ޖެހިގެން އައި 2015 ވަނަ އަހަރު ސައުދީ އަރަބިއްޔާއިން އިސްވެ އޮންނަ އަސްކަރީ އިއްތިހާދުން ވަނީ އެ ހަނގުރާމައިގެ ތެރެއަށް ވަދެފަ އެވެ. ދެ ފަރާތުގެ މެދުގައި ހިނގަމުންދިޔަ ކުރިމަތިލުންތައް 2022 ވަނަ އަހަރު އދ. މެދުވެރިވެގެން އެކުލަވާލި ސުލްހައިގެ އެއްބަސްވުމާއެކު ގިނަ ދުވަސްތަކަކަށް މެދުކެނޑިފައި އޮތުމަށްފަހު، މިދިޔަ ފެބުރުވަރީ މަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން އަލުން ވަނީ ވަރުގަދަވެފަ އެވެ. އަދި، މި ހަމަނުޖެހުންތައް އަލުން ފެށިގެން އައީ، ޖުލައި މަހު ސަންޢާ އެއާޕޯޓަށް ދިން ހަމަލާއަކަށްފަހު ސައުދީ އަރަބިއްޔާގެ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ހޫޘީން މިސައިލާއި ޑްރޯން ހަމަލާތަކެއް ދިނުމާ ގުޅިގެން ކަމަށްވާއިރު، އެ މަހުގެ ފަހުކޮޅު އެ ޖަމާއަތުން ވަނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ މަގުން ހިސާރެއް އިއުލާންކޮށް، ރަތް ކަނޑުގައި ސައުދީ އަރަބިއްޔާއާ ގުޅުންހުރި އުޅަނދުފަހަރަށް ހަމަލާދޭން ފަށާފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހޫޘީން ވަނީ ބޮޑު އޮޕަރޭޝަނެއް ފަށައި، ތާއިޒްގެ ހުޅަނގާއި ހުދައިދާގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާދީ، ރަތް ކަނޑުގެ ބާބުލް މަންދަބު ކަނޑުއޮޅިއާއި ބަނދަރު ރަށެއް ކަމަށްވާ އަލް-މައްޚާ ހިފުމަށް މަސައްކަތް ފަށާފަ އެވެ. މި ކުރިމަތިލުންތައް އެންމެ ފުރަތަމަ ތާއިޒްގެ ހުޅަނގާއި ހުދައިދާގެ ދެކުނުގައި ފެށުނު ނަމަވެސް، ހޫޘީންގެ ބާރުތައް ބައިބައިކޮށް އެ ޖަމާއަތަށް އޮތް ޕްރެޝަރު ބޮޑުކުރުމަށް ޔަމަނު ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކު، މިހާރު މި ހަނގުރާމަ ވަނީ އަލް-ޟާލިއު، މާރިބް، އަލް-ޖައުފް އަދި އަލް-ބައިޟާ ޕްރޮވިންސްތަކަށް ފެތުރިފަ އެވެ. ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން (ޑަބްލިއުއެޗްއޯ) ބުނި ގޮތުގައި، އޮގަސްޓް 24 އިން ފެށިގެން މިހާތަނަށް ގާތްގަނޑަކަށް 1,078 މީހުން މަރުވެ ނުވަތަ ޒަޚަމްވެފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 21,000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ.
މަސްދަރު: އަލް ޖަޒީރާ










