ބުޝްގެ ކަންފަތް ދޮށުގައި ބުނެލި ބިރުވެރި ޖުމުލަ: "ދެ ވަނަ ބޯޓު ދެ ވަނަ ޓަވަރަށް އަރަައިފި، އެމެރިކާ މި އޮތީ ހަމަލާތަކެއްގެ ތެރޭގައި!"
11 ސެޕްޓެމްބަރު 2026 | ހުކުރު 03:00އެއާ އެކު ބުޝްގެ ކަންފަތް ކައިރި އަށް ޖެހިލުމަށް ފަހު ކާޑް ބުނީ، "ސެކަންޑް ޕްލޭން ހިޓް ދަ ސެކަންޑް ޓަވަރ، އެމެރިކާ އިސް އަންޑަރ އެޓޭކް" މިހެން. ނުވަތަ، "ދެ ވަނަ ބޯޓު ދެ ވަނަ ޓަވަރަށް އަރައިފި، އެމެރިކާ މި އޮތީ ހަމަލާތަކެއްގެ ތެރޭގައި" މިހެން


2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާ އަށް ޓެރަރިސްޓު ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށް، ބުޝްގެ ޗީފް އޮފް ސްޓާފް އެމަނިކުފާނުގެ ކަންފަތް ދޮށުގައި ދަންނަވަނީ | ރޮއިޓާސް
2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވީ އަންގާރަ ދުވަހު، އެމެރިކާގެ އޭރުގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ފްލޮރިޑާގެ ސަރަސޯޓާގައި ހުންނަ އެމާ އީ ބުކަރ އެލިމެންޓްރީ ސްކޫލަށް ވަޑައިގަތީ، އެ ސްކޫލުގެ ކިޔެވުމުގެ ފެންވަރު ރަނގަޅުވުމާ ގުޅިގެން އެކަން ފާހަގަ ކުރެއްވުމަށެވެ.
އެ ސްކޫލުގެ މުދައްރިސް ކޭ ޑެނިއަލްސްގެ ގްރޭޑް ދޭއްގެ ދަރިވަރުން ތިބީ ރައީސް ބުޝްއާ ބައްދަލުކުރުމުގެ ފޯރީގަ އެވެ. އެވަގުތު ކޮޅާ ގުޅޭ ގޮތުން ޑެނިއެލްސް ބުނެފައި ވަނީ، އެއީ ވަރަށް ހިތްގައިމު ވަގުތު ކޮޅެއް ކަމަށެވެ. މައިންބަފައިންގެ ލޯތްބާ އެކު ސްކޫލް އައިސް ތިބި ދަރިވަރުން ވެސް ތިބީ، ވަރަށް ހިނިތުންވެފައި ކަމަށް އޭނާ ފާހަގަ ކުރި އެވެ.
ޑެނިއަލްސް ބުނި ގޮތުގައި ރައީސް ބުޝް ފެނުނީ ވަރަށް ހަމަޖެހިފައި ހުންނެވި، ކުދިންނާ ގާތްކަމެއް ބެހެއްޓެވި ބޭފުޅެއްގެ ގޮތުގަ އެވެ.
ކުދިން ރައީސް ބުޝް އަށް ފޮތެއް ކިޔައިދޭން ތައްޔާރުވަމުން ދަނިކޮށް، މާހައުލު މުޅިން ބަދަލުވެގެން ދިޔަ އެވެ. ޑެނިއަލްސް އެ ވަގުތު ހަނދާން އައު ކުރަމުން ބުނީ، ބުޝްގެ ޗީފް އޮފް ސްޓާފް އެންޑްރޫ ކާޑް ގޮސް ރައީސްގެ ކަންފަތް ކައިރީގައި ސިއްރުން އެއްޗެއް ބުނި ކަމަށެވެ. އެ ވަގުތު އޭނާގެ މުޅި ހަށިގަނޑު ގަނޑުވި ކަހަލަ އިހުސާސެއް ކުރެވުނު ކަމަށާއި، ސަބަބަކީ އެއީ އެކަން ވާންޖެހޭނެ ގޮތް ނޫންކަން އޭނާ އަށް އެނގޭތީ ކަމަށް ޑެނިއަލްސް ބުންޏެވެ.
އެމެރިކާ އަށް ޓެރަރިސްޓު ހަމަލާތަކެއް ދެމުން އަންނަ ކަމަށް ބުޝްގެ ގާތު ބުނި ވަގުތު ކޮޅު.
އެއާއެކު ރައީސް ބުޝްގެ މޫނު މަތިން ފެނުނު އަސަރުތައް މުޅިން ބަދަލުވި އެވެ. އެތަނުގައި އިންނެވި ނަމަވެސް، އެވަގުތު ބުޝް ހުންނެވީ މުޅިން އެހެން ދުނިޔެއްގައި ކަހަލަ އިހުސާސް ކުރެވުނު ކަަމަށް ޑެނިއަލްސް ބުނެފައިވެ އެވެ. ބުޝްގެ ޚިޔާލާއި ފިކުރު ހުންނެވީ އެހެން ދިމާލެއްގައި ކަމަށާއި، ނަމަވެސް މީހުންނަށް އެކަން އިހުސާސްވާން ބުޝް ބޭނުން ނުވި ކަމަށް ޑެނިއަލްސް ފާހަގަ ކުރި އެވެ.
ބުޝް އެ ވަގުތު ކުދިންނާއެކު "ދަ ޕެޓް ގޯޓް" ނަމަކަށް ކިޔާ ފޮތް ކިޔުއްވުމުގައި މަދު ވަގުތުކޮޅަކު މަޑުކުރެއްވި އެވެ. އޭގެ ފަހުން، މާބޮޑު ތަފްސީލެއް ނެތި ޤައުމާ މުޚާތަބު ކުރައްވަމުން ވިދާޅުވީ، މިއަދު އެމެރިކާ އަށް ވަރަށް ބޮޑު ހިތާމައެއް ދިމާވެފައިވާ ކަމަށެވެ. އެމެރިކާ އަށް ދިން ހަމަލާއެއްގައި ދެ މަތިންދާބޯޓު ވޯލްޑް ޓްރޭޑް ސެންޓަރަށް އަރާފައިވާ ކަމަށް ބުޝް އިއުލާނު ކުރެއްވި އެވެ.
ޑެނިއަލްސް ބުނި ގޮތުގައި އެ ދުވަހުގެ ހަނދާންތަކަކީ ދުވަހަކު ވެސް އޭނާގެ ހިތުން ފިލައިގެން ދާނެ ކަންކަމެއް ނޫނެވެ. އެ ހިތްދަތި ހަނދާންތަކުގެ ތެރެއަށް ދަމުން ޑެނިއަލްސް ބުނެފައި ވަނީ، ނޭވާލުމަކީ އޭނާގެ ހަޔާތުގެ ބަޔަކަށްވާ ފަަދައިން، އެ ދުވަހަކީ ވެސް އޭނާގެ ދިރިއުޅުމުގެ ބައެއް ކަމަށެވެ. އެއީ ދުވަހަކު ވެސް ހަނދާނުން ނެތޭނެ ދުވަހެއް ނޫން ކަމަށް އޭނާ ބުންޏެވެ.
ބުޝްގެ އޭރުގެ ޗީފް އޮފް ސްޓާފް، އުމުރުން މިހާރު 79 އަހަރުގެ ކާޑަށް ވެސް އެ ދުވަސް ހަނދާނުން ނައްތައެއް ނުލެވޭނެ އެވެ. އެ ކްލާސް ރޫމަށް އޭނާ ދިޔަތާ 25 އަހަރު ފަހުން އަލުން އެތަނަށް ޒިޔާރަތް ކުރުމުން، ހުރިހާ ހަނދާންތަކެއް އާވި ކަމަަށް އޭނާ ބުނެފައިވެ އެވެ.
އެމެރިކާ އަށް ހަމަލާތަކެއް ދެމުން އަންނަކަން ފުރަތަމަ ފަހަރަށް ބުޝް އިއުލާނު ކުރެއްވުމުގެ ތެރެއިން.
އެ ދުވަހުގެ ހަނދާންތައް އައު ކުރަމުން ކާޑް ބުނީ، އޭނާގެ އަމިއްލަ ނަފްސަށް އެ ވަގުތު ކޮޅުގައި ވެސް ވައުދެއްވި ކަމަށެވެ. އެއީ އޭނާގެ ކެތްތެރިކަމާއި، ހަމަޖެހުމުގެ ސިފައިން، ބުޝް އަށް އެހީތެރިވުމަށެވެ. ބުޝް އަރިހު ދަންނަވާނެ ވާހަކަައަކާ މެދު ރަނގަޅަށް ވިސްނާލުމަށް ފަހު، ކާޑް ނިންމީ ބުޝް އަށް ހަގީގަތް ބުނެދިނުމަށެވެ.
އެއާ އެކު ބުޝްގެ ކަންފަތް ކައިރި އަށް ޖެހިލުމަށް ފަހު ކާޑް ބުނީ، "ސެކަންޑް ޕްލޭން ހިޓް ދަ ސެކަންޑް ޓަވަރ، އެމެރިކާ އިސް އަންޑަރ އެޓޭކް" މިހެންނެވެ. ނުވަތަ، "ދެ ވަނަ ބޯޓު ދެ ވަނަ ޓަވަރަށް އަރައިފި، އެމެރިކާ މި އޮތީ ހަމަލާތަކެއްގެ ތެރޭގައި" މިހެންނެވެ. އެ ބިރުވެރި ބަސްތަކާ އެކު ވެސް، ކާޑް ބުނީ ތުއްތު ކުދިންގެ ކުރިމަތީގައި ބުޝް އެއްވެސް ހާސްކަމެއް ނުވަތަ ހިތާމަވެރިކަމެއް ނުދެއްކެވި ކަމަަށެވެ.
ބުޝް އަމަލުކުރެއްވި ގޮތާ މެދު ބައެއް ފަރާތްތަކުން ފާޑު ކިޔަމުން އަންނައިރު، ކާޑް ބުނީ އެކަމާ ދެރަވެ ހިތާމަ ކުރާ ކަމަށެވެ. އެގޮތުން ބުޝް އަމަލު ކުރެއްވި ގޮތް ގޯސް ކަމަށްވާ ނަމަ، އެއީ އޭނާގެ ސަބަބުން އަމަލު ކުރެއްވި ގޮތެއް ކަމަށް ކާޑް ބުނި އެވެ. އެކަން ފާހަގަކޮށް ކާޑް ބުނީ، އެ ވަގުތު ކޮޅަކީ ރައީސްގެ މަގާމުގެ އަސްލު ވާޖިބުތަކާއި، މަސްއޫލިއްޔަތު ބުޝް އަށް އިހުސާސް ކުރެއްވުނު ވަގުތު ކޮޅު ކަމަށެވެ.
އެ ދުވަހުގެ ހެނދުނު ރައީސް ބުޝް އަށް ލިބެމުން ދިޔަ މައުލޫމާތުތައް ހުރީ ވަރަށް ބޮޑަށް އޮޅުންބޮޅުންވެފަ އެވެ. ނޫސްވެރިން ލައިވް ރިޕޯޓުތަކަށް ތައްޔާރުވަމުން ދިޔައީ ލިބުނު މަދު މައުލޫމާތު ކޮޅެއްގެ އެހީގަ އެވެ.
އެ ވަގުތު ކޮޅު ބިރުގަތްތޯ ސުވާލު ކުރުމުން ކާޑް ބުނީ، އޭނާގެ ހިތުގައި ބިރުވެރިކަން އުފެދުނު ކަމަށެވެ. އެކަމަކު އޭނާ ހުރީ ބިރުން ހަދާނެ ގޮތް ހުސްވެފައި ނޫން ކަމަށާއި، އޭނާ ހުރީ ހަވާލުވެފައިވާ މިޝަން ނުވަތަ ޒިންމާ އަދާކުރުމުގެ އަޒުމުގައި ކަމަަށް ވެސް ކާޑް ބުންޏެވެ.
ބުޝްގެ ކަންފަތް ކައިރި އަށް ތިރިވެލައި، ކާޑް އެ ވާާހަކަ ދެންނެވި ވަގުތު ކޮޅަކީ އެމެރިކާގެ ތާރީޚު ބަދަލު ވެގެން ދިޔަ ވަގުތު ރަމްޒުކޮށްދޭ، ދުނިޔެ ދަންނަ މަޝްހޫރު ފޮޓޯއެކެވެ.










