ރައީސް މުއިއްޒު އަކީ ރިޔާސީ ރޭހުގައި "ތްރެޓް" އަކަށް ވާނެ ބޭފުޅެއް ނޫން، މިހާރު ވެސް ރައްޔިތުން ވޯޓެއް ނުދޭ: ކުރީގެ ރައީސް ޔާމީން
7 ސެޕްޓެމްބަރު 2026 | ހޯމަ 01:33ރައީސް ޑރ. މުއިއްޒުއާ ގުޅޭގޮތުން ކުރެވޭ ތުހުމަތުތައް ތަހުގީގުކުރަން ޖެހޭ ކަމަށާއި ނަމަވެސް އެމަނިކުފާނު ޖަލަށްލާން ނުޖެހޭ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެ. ޕީއެންސީގެ އިސްވެރިން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ، އެ ބޭފުޅުންނަކީ އެމަނިކުފާނާ ދުވަހަކު ވެސް ގާތް ބައެއް ނޫން ކަމަށާއި އެ ބޭފުޅުންގެ އަމަލުތައް ހުރީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށް. މީގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުންނަށް އަމާޒުކޮށް ދެއްކި ވާހަކަތަކަށް ވެސް ޔާމީން ވަނީ ވަރުގަދަ ރައްދެއް ދެއްވާފައި


ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)
އަންނަ 2028 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ އެމަނިކުފާނަށް އޮތް "ތްރެޓް" ނުވަތަ ބިރަކަށް ނުވާނެ ކަމަށާއި ސަބަބަކީ މިހާރު ވެސް ރައްޔިތުން ރައީސް މުއިއްޒު އަށް ވޯޓު ނުދިނުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެރޭ ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ނޫސްވެރިއަކު ވަނީ ރައީސް މުއިއްޒާ ގުޅިގެން ކުރެވެމުންދާ ތުހުމަތުތައް ތަހުގީގު ކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވަންތޯ ރައީސް ޔާމީންއާ ސުވާލު ދަންނަވާފަ އެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެކަންކަން ތަހުގީގު ކުރަން ޖެހޭ ކަމަށާއި އެހެން ނަމަވެސް ރައީސް މުއިއްޒު ޖަލަށްލުމުގެ ބޭނުމެއް ނެތް ކަމަށެވެ.
އޭނަޔަކަށް މީހުން މިހާރު ވެސް ވޯޓެއް ނުދޭ. އެހެންވީމާ ރައީސް ކަމަށް ކުރިމަތިލައިގެން މީނަ އަކީ އެހެން ކެންޑިޑޭޓުންނަށް ތްރެޓަކަށް ވެދާނެ މީހަކަށް ވާތީ އޭނަ ޖަލުގައި ގެންގުޅޭކަށް ނުޖެހޭރައީސް ޔާމީން
އެ ޖަލްސާގައި ރައީސް ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޚާއްސަކޮށް، ހޮނިހިރު ދުވަހުގެރޭ ޕީއެންސީ ހަރުގެ ޖަލްސާގައި އެ ޕާޓީގެ އިސްވެރިން ދެއްކެވި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމަނިކުފާނު ވަނީ އެކަންކަމަށް ރައްދު ދެއްވާފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ އެ ބޭފުޅުންނަކީ އެއްވެސް އިރެއްގައި އެމަނިކުފާނުގެ ގާތް ބޭފުޅުން ނޫން ކަމަށެވެ. އެގޮތުން ޕީއެންސީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ފަލާހު އާއި ބާރަށު ދާއިރާގެ މެންބަރު ޝުޖާއު މެން ފަދަ ބޭފުޅުންނަކީ ދުވަހަކު ވެސް އެމަނިކުފާނާ ގާތް ބައެއް ނޫންކަމަށާއި، އެ ބޭފުޅުން އަބަދު ވެސް ގާތްވާނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އޭގެ އިތުރުން އެ ޖަލްސާގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ އަނބިކަނބަލުން، ފާތިމަތު އިބްރާހީމް އަށް ނިސްބަތްކުރައްވާ، ޕީއެންސީގެ އެ ޖަލްސާގައި ދެއްކި ވާހަކަތަކަށް ވެސް ރައްދު ދެއްވާފަ އެވެ. އަދި ވިދާޅުވީ އަނބިމީހާއާ އޮންނަ ގާތް ގުޅުމަކީ ލަދުގަންނަންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށާއި އާއިލާ ބިނާވެފައިވަނީ އެ ގުޅުމުގެ މައްޗަށް ކަމަށެވެ.
އެ ޖަލްސާގައި ރައީސް ޔާމީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާހަކަތަކަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ހޫނު ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވާފަ އެވެ.











