ތިން މިނިސްޓަރުންގެ މެސެޖު ރައީސް ޔާމީން އަށް
6 ސެޕްޓެމްބަރު 2026 | އާދީއްތަ 17:15ޕީއެންސީގެ ހަރުގެ ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު ޝުޖާއު ވަނީ ސަރުކާރުގެ ހަތަރު ވަޒީރަކު ކުރީގެ ރައީސް ޔާމީނަށް ރައްދުކުރެއްވި މެސެޖުތަކެއް ހާމަކުރައްވާފައި. އެގޮތުން އިގުތިސާދީ ކުރިއެރުންތަކާއި މަސްވެރިކަމާއި ވައިގެ ދަތުރުފަތުރުގެ އިތުރުން މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭގޮތުން ސަރުކާރުން ހޯދަމުންދާ ކާމިޔާބީތައް ޔާމީން އަށް އެނގިވަޑައިގަންނަވާނެ ކަމަށް ވަޒީރުން ވިދާޅުވި ކަމަށް ޝުޖާއު ފާހަގަކުރެއްވި


ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަނީ | ޕީއެންސީ
ޕީއެންސީގެ ލީޑަރުންގެ ފަރާތުން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ދެއްވަން ބޭނުންވި މެސެޖުތަކެއް، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހާމަކުރައްވައިފި އެވެ.
އާދިއްތަ ދުވަހު ބޭއްވި ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވަނީ ސަރުކާރުގެ 4 ވަޒީރަކު އޭނާއާ ހިއްސާކުރައްވާފައިވާ މެސެޖުތަކެއް ހާމަކުރައްވާފަ އެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝިޔާމްގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ހޯމް މިނިސްޓަރު އަލީ އިހުސާންގެ ފަރާތުން ކުރީގެ ރައީސް ޔާމީން އަށް މެސެޖުތަކެއް ދެއްވާފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެގޮތުން ސުޖާއު ވިދާޅުވީ ޖަލްސާ އަށް ވަޑައިގަތުމުގެ ކުރިން މިނިސްޓަރު ސައީދު އޭނާ އަށް ގުޅުއްވި ކަމަށެވެ.
ރައީސް ޔާމީނަށް ދަންނަވާށޭ ތެޔޮފުޅިއެއްގެ އަގު ހުރީ 19.50 އަށޭ. ދެން އަޅުގަނޑު ދަންނަވައިފިން ސައީދު ކޮން ވާހަކައެއްތޯ އޭ ތި ދެންނެވީ. ވިދާޅުވީ އެއްގޮތަކަށް ވެސް ކައްކާ ތެލުގެ ވާހަކައެއް ނޫނޭ. ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ އޭ. މިއީ ތަދުވާތީ ތަންތަނުގައި ދަމަން ގެންގުޅޭ ތެލޭ. މިވަގުތު ހުރީ 19.50 އަށޭ. ދެން އަދި ފޯނު ބާއްވަން އުޅުނީމާ ވިދާޅުވީ އަދި ދަންނަވާލައްޗޭ އަންގާރަ ހާ ތަނުގައި 18 ރުފިޔާ އަށް އެ ތެޔޮ ވެއްޓޭނެ އޭ. އަދި އެއީ ރައީސް ޔާމީނަށް ޚާއްސަކޮށްފައިވާ ތެލެކޭއިބްރާހީމް ޝުޖާއު
އެއަށްފަހު ޝުޖާއު ވަނީ މިނިސްޓަރު ޝިޔާމް ގުޅުއްވާ ރައީސް ޔާމީނަށް ދެންނެވުމަށް ވިދާޅުވި މެސެޖެއް ވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން މަހުގެ އަގު 20 ރުފިޔާ އަށް އަރާފައިވާ ކަމަށާއި އަދި 48 ގަޑިއިރުގެ ތެރޭގައި މަހަށްވާ ފައިސާ ލިބޭނެ ވާހަކަ ރައީސް ޔާމީން އަށް ދެންނެވުމަށް މިނިސްޓަރު ޝިޔާމް އެދިވަޑައިގެންނެވި ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ވިދާޅުވީ ރައީސް ޔާމީން އަށް ދަންނަވާލަ ދޭށޭ ޕީއެންސީ އަށް ވެރިކަން ލިބުނީމަ ވަޒީރުކަމާ ހަވާލުވީމަ ރައީސް ޔާމީން ވިދާޅުވި އޭ ތިއީ ފެއިލްވެފައި ހުރި އިންޑަސްޓްރީ އެކޭ. ރައީސް މުއިއްޒުއަކަށް ތި އިންޑަސްޓްރީ އަށް ނަގާ ކޮޅަކަށް ނުޖެހޭނެ އޭ. ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަށް ދަންނަވާށޭ، އެމްޑީޕީ ސަރުކާރުން ނުދައްކާ އޮތް އެތައް ފައިސާ އެއް ދައްކައިފި އޭ. އަދި ވިދާޅުވީ މިހާރު ސީ ވީޑް އެބަ އެކްސްޕޯޓް ކުރަމޭ. ޑޮލަރުންނޭ އާމްދަނީ ލިބެނީއިބްރާހީމް ޝުޖާއު
އެއަށް ފަހު ދެން ގުޅުއްވީ މިނިސްޓަރު އަމީން ކަމަށާއި، އެގޮތުން ރާއްޖޭގައި ވައިޑް ބޮޑީ އެއާކްރާފްޓްގެ 2 ވަނަ ބޯޓު މިހާރު ރާއްޖެ ގެނައުމަށް ތައްޔާރުވެފައިވާ ކަމަށާއި ޓޫރިޒަމްގެ ދާއިރާއިން ޓާގެޓަށް ވާސިލްވާނެ ވާހަކަ ކުރީގެ ރައީސް ޔާމީން އަރިހު ދެންނެވުމަށް މިނިސްޓަރު އަމީން އެދިވަޑައިގެންނެވި ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
މީގެއިތުރުން އެންމެ ފަހުން ގުޅުއްވީ މިނިސްޓަރު އިހުސާން ކަމަށާއި މަރަށް މަރު ހިފުމުގެ ހުކުމް ތަންފީޒުކުރުމަށް ސަރުކާރުން ތައްޔާރުވަމުންދާކަން ރައީސް ޔާމީނަށް ދެންނެވުމަށް އެދިވަޑައިގެންނެވި ކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި އެއީ ރައީސް ޔާމީން ފިނޑިކަމުން ކުރައްވަން ކެރިވަޑައިނުގެންނެވި ކަމެއް ނަމަވެސް، މި ސަރުކާރުން އެކަން ކުރުމަށް ތައްޔާރުވާ ވާހަކަ ހިއްސާކުރެއްވުމަށް އެދިވަޑައިގެންނެވި ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޕީއެންސީއަށް ފާޑުކިޔަމުން އަންނަނީ ފާޑު ނުކިޔަންޖެހޭ މީހުންކަން ފާހަގަ ކުރައްވާ ޝުޖާއު ވިދާޅުވީ، ފުންކޮށް ގައުމާ ދޭތެރޭ ވިސްނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.











