ޚަރަދު ކުޑަކުރަން ކުންފުނިތައް ރައިޓްސައިޒް ކުރަނީ: މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީއަށް!
24 އޯގަސްޓު 2026 | ހޯމަ 10:08މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ރައީސް އޮފީހުގެ މަގާމަކަށް އައްޔަނުކުރިއިރު، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ނަމުގައި ކުންފުނިތަކުގެ މުވައްޒަފުން ވަކިކުރަމުންދާތީ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. ޕީއެންސީއާ ގުޅިވަޑައިގަތުމަށްފަހު ކައުންސިލް އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި އަރީޝް އަށް ސިޔާސީ މަގާމެއް ދީފައިވަނީ، ސަރުކާރުގެ އަރިސް ބޭފުޅުންނަށް ވަޒީފާ ބަހަމުންދާ ކަމުގެ ތުހުމަތުތައް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި


މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް | މާލެ ސިޓީ ކައުންސިލް
މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު އަރީޝް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމަށް އައްޔަނުކޮށްފި އެވެ.
މިއީ ޚަރަދު ކުޑަ ކުރުމަށްޓަކައި ސަރުކާރުގެ ކުންފުނިތައް "ރައިޓް ސައިޒް" ކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްކަމަށް ބުނެފައިވަނިކޮށް އަރީޝް އެ މަގާމަށް އައްޔަނު ކޮށްފައިވާއިރު އޭނާ އެ މަގާމަށް އައްޔަނު ކުރި ސީދާ ތާރީޚެއް ހާމަކޮށްފައެއް ނުވެ އެވެ.
ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގައި ކައުންސިލްގައި މަސައްކަތް ކުރެއްވި އަރީޝް އޭރު ތަމްސީލު ކުރެެއްވީ މާފަންނު ހުޅަނގު އުތުރު ދާއިރާ އެވެ. އޭރު އޭނާ އެ މަގާމަށް އިންތިޚާބުވެވަޑައިގަތީ އެމްޑީޕީގެ ޓިކެޓުގަ އެވެ. އެހެން ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އިންތިޚާބުވެވަޑައިގަތުމާއެކު އޭނާ ވަނީ ޕީއެންސީ އަށް ސޮއި ކުރައްވާފަ އެވެ.
މިފަހަރުގެ ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ފަރާތުން އަރީޝް ވާދަ ކުރެއްވި ނަމަވެސް އޭނާ ވަނީ އިންތިޚާބުން ނާކާމިޔާބުވެ ވަޑައިގަންނަވާފަ އެވެ.
ޚަރަދު ކުޑަކުރުމަށް ކަމަށް ބުނެ މި ސަރުކާރުން ދަނީ ރަށްރަށުން ސަރުކާރުގެ އެސްއޯއީތަކަށް ނަގާފައިވާ ގިނަ އަދަދެއްގެ މުވައްޒަފުން އެއް ފަހަރާ ވަޒީފާއިން ވަކިކުރަމުންނެވެ. އަނެއްކޮޅުން ސަރުކާރުން ބޭނުންވާ ތަންތަނުގައި ވަޒީފާތައް އުފައްދައި މަގާމުތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގަމުންދާކަން ފާހަގަ ކުރެވެ އެވެ.
ޚާއްސަކޮށް، ރައީސްގެ އަރިސް ބޭފުޅުންނާއި ޕީއެންސީގެ އެކި ފަރާތްތަކަށް ވަޒީފާތައް ބަހަމުންދާ ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ.











